އުމްރާނީ ތަރައްގީގައި ދުނިޔެ ވިމަނީ ވަރަށްވެސް ކުރި އަރާފަ. ދުނިޔޭގެ ތާރީހުގައި އެކި ދުވަސްވަރު އެކި އެކި ބޮޑެތި އިމާރާތްތައް ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ވަނީ ކޮށްފަ. އެގޮތުން އެފަދަ ބައެއް މަޝްހޫރު އިމާރާތްތަކާއި އެ އިމާރާތްތައް ފަރުމާކޮށްފާއިވާ ކުރެހުންތެރިންގެ ވާހަކަ ހިއްސާކޮށްލާނަން. ދުބާއީގައި ހުންނަ ބުރްޖް ހަލީފާގެ ނަމުން ނަން ދެވިފައިވާ މި އުސް އިމާރާތަކީ 828 މީޓަރު އުސް އިމާރާތެއް. މި އިމާރާތުގެ މަސައްކަތް ފެށިފައިވަނީ 2004 ވަނަ އަހަރު. ބުރްޖް ހަލީފާގެ ކުރެހުން ފަރުމާކޮށްފައިވަނީ އެޑްރިއަން ސްމިތް ނަމަކަށް ކިޔާ އެމެރިކާގެ ކުރެހުންތެރިއެއް. ދުނިޔޭގައިވާ އެންމެ ބޮޑު ވައިގެ ބަނދަރުތަކުގެ ތެރެއިން ޗައިނާގައި އޮންނަ ބެއިޖިން އިންޓަރނޭޝަނަލް ވައިގެ ބަނދަރަކީ ދުނިޔޭގެ ބާރުބޮޑު އެއް ވައިގެ ބަނދަރު. 2014 ވަނަ އަހަރު އިމާރާތް ކުރުމުގެ މަސައްކަތް ފެށުނު މި ވައިގެ ބަނދަރުގެ ކުރެހުން ފަރުމާކޮށްފައިވަނީ ޒަހާ ހަދީދް ނަމަކަށް ކިޔާ އިރާގުގެ ކުރެހުންތެރިއެއް. އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ އޮޕެރާ ހައުސް އަކީ ގިނަބައެއްގެ މެދުގައި މަޝްހޫރު ތަނެއް. 1959 ވަނަ އަހަރު އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވާ މި އިމާރާތުގެ ކުރެހުން ފަރުމާކޮށްފައި ވަނީ ޑެންމާކުގެ ކުރެހުންތެރިއެއް ކަމަށްވާ ޖޯން އުޓްޒޮން. އިނގެރޭސި ކުރެހުންތެރިއެއް ކަމަށްވާ ޓޮމް ރައިޓްގެ ފަރުމާއަކަށް ފަރުމާކޮށްފައިވާ ދުބާއީގެ ބުރްޖް އަލް ޢަރަބް އަކީ އިމާރާތް ކުރުމުގައި ތަފާތު ފަރުމާއެއް. މިއީ 321 މީޓަރު އުސް އިމާރާތެއް. 1994 ވަނަ އަހަރު އިމާރާތް ކުރުމުގެ މަސައްކަތް ފަށާ 1999 ވަނަ އަހަރު އިންމާލައިފައިވާ މި އިމާރަތަކީ މޫދުން ބިންކޮޅެއް ހިއްކައިގެން އިމާރާތްކޮށްފައިވާ އިމާރާތެއް. އެމެރިކާގައި ހުރި އާދަޔާ ހިލާފު އިމާރާތްތަކުގެ ތެރެއިން ކޯރެއްގެ ފެން ފައިބާ ހިސާބުގައި ނުވަތަ ވޯޓާ ފޯލް އެއްގައި އިމާރާތްކޮށްފައިވާ ފޯލިން ވޯޓާ ހައުސްއަކީ އިމާރާތްކުރުމުގެ ފަންނުވެރިކަން އިންތިހާއަށް ފެންނަން ހުރި އިމާރާތެއް. މި އިމާރާތުގެ ދަށުން ކޯރުގެ ފެން ދެމި ވޯޓާ ފޯލް އިން ފެން ފައިބާ. މި އިމާރާތް ފަރުމާ ކޮށްފައިވަނީ އެމެރިކާގެ ކުރެހުންތެރިއެއް ކަމަށްވާ ފްރެންކް ލޮއިޑް ރައިޓް. މިއީ 1935 ވަނަ އަހަރު ފަރުމާކޮށްފައިވާ އިމާރާތެއް. މި ބަލައިލީ ދުނިޔޭގައި ހުރި މިދަފަ ފަންނުވެރި ބައެއް އިމާރާތްތަކަށް. އަދިވެސް މިފަދައިން ބަލައިލެވޭނޭ ކިތަންމެ ކިތަންމެ ފުރިހަމަ އުމްރާނީ މަސައްކަތްތަކެއް ފެންނަން އެބަހުރި.