އިމާރާތްކުރުމާއި ފަރުމާކުރުމުގައި ދުނިޔެ ހޯދާފައިވާ ކުރިއެރުމާއި އެކު، ތަފާތު އެކި އެކި ފަރުމާތަކުގެ އިމާރާތްތައް ކުރެވޭތަން ފެނޭ. އަޖައިބު ކުރަނިވި އިމާރާތްތަކާއި އާދަޔާ ހިލާފު އިމާރާތްތައް ކުރެވިފައި ވަނިކޮށް ފެނޭ. ކޮލަމްބިއާގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން އުޅެނީ މުޅިން ތަފާތު ގޮތަކަށް އިމާރާތްކޮށްފާ ހުރި ގެއަކަށް. މި ގެ އިމާރާތްކޮށްފައި ހުރީ އެކޮޅުކޮޅުން. މި ގޭގެ ފުރާޅޮ އޮންނަނީ ބިންމަތީގަ. ތަޅުންގަނޑު ވައިގެ ތެރޭގަ. މި ގޭގެ ވެރިޔަކީ ކޮލަމްބިއާގައި ދިރިއުޅޭ އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ފްރިޒް ޝަލް ނަމަކަށް ކިޔާ މީހެއް. އޭނާ ބުނި ގޮތުގައި އާންމު ގެތަކާއި ތަފާތު ގެއެށް ހެދުމުގެ ހިޔާލު އައީ މީގެ ހަތް އަހަރު ކުރިން އޮސްޓްރިއާއަށް ކުރި ދަތުރެއްގެ ތެރޭގައި ފެނުނު ގެއެއްގެ ސަބަބުން. އޭނާ ބުނާ ގޮތުގައި އެ ގެވެސް ހުރީ މިކަހަލަ ފަރުމާއަކަށް އިމާރާތް ކޮށްފަ.

މިގޭގެ އެތެރޭގައިވެސް އުޅެވޭނީ "އެކޮޅުކޮޅުން". މާނައަކީ ހިނގަން ޖެހޭނީ ސީލުންގެގަ. ބޯމަތިން ފެންނަން ހުންނާނީ ތަޅުންގަނޑު. ގޮނޑިތަކާ ސޯފާތަކާ، އެނދުތައް ހުންނަނީ ބޯމަތިން ތަޅުންގަނޑުގަ. މިއީ ވަރަަށް އާދަޔާ ހިލާފު ތަޖުރިބާއެއް ކުރެވޭނެ ގެއެއް. ދިރިއުޅުމަށް މިގެ ބޭނުން ނުކުރި ނަމަވެސް މިއީ ޒިޔާރަތްކޮށްލާ ބަލައިލާ، ތަޖުރިބާ ކޮށްލަން ތަފާތު ގެއެއްް.

މި ގެ ހަދަން ފުރަތަމަ އުޅުނީ 2020 ހިސާބުގަ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި މަސައްކަތް ނުުރެވި ދިގުލައިގެން ދިޔަ ނަމަވެސް މިހާރު މިގޭގެ މަސައްކަތް ވަނީ ނިމިފައެވެ.