ދުނިޔޭގެ ތާރީޚުގައި އެތައް ބިލިއަން ފޮތެއް ލިޔެ ޝާއިއުކޮށްފާ ހުރޭ. އިންސާނާ ޢިލްމު ހޯދުމަށާއި، ކަންކަން އެނގި ފަހުމް ވުމަށް ފޮތް ކިޔާ އުޅޭ. ތަންދޮރު ދަތުމާއި ވާނުވާ އެނގުމަށް ފޮތްކިޔާ އުޅޭ. އެހެންކަމުން ފޮތްތަކާއި ބެހޭގޮތުން ބައެއް ހާއްސަ މައުލޫމާތު ހިއްސާކޮށްލާނަން.

ދުނިޔޭގައި ވާ އެންމެ މާތް ފޮތަކީ ކީރިތި ޤުރުއާން. މިއީ ނަބީކަމާއި ރަސޫލުކަން ޙަތިމްކުރެއްވި މާތް ރަސޫލާއަށް ބާވާލެއްވުނު މާތް ﷲ ގެ ވަޙީބަސްފުޅުތައް. އަދި މިއީ މުއުޖިޒާތެއްވެސްމެ. މިއީ ޤިޔާމަތާއި ޖެހެންދެން ބަދަލެއްނުވެ ކިޔޭނޭވެސް ފޮތެއް. މިއީ މުސްލިމުންގެ ދުސްތޫރު.

ދުނިޔޭގައި ވާ އެންމެ ދިގު ފޮތަކީ "ރިމެންބަރެންސް އޮފް ތިންގްސް ޕާސްޓް" ނަމަކަށް ކިޔާ ފޮތެއް. މިފޮތުގައި 3000އަށް ވުރެ ސަފްހާ އެކުލެވިގެންވޭ. އަދި 9 މިލިއަނަށްވުރެ ގިނަ "ކެރެކްޓާ" އެކުލެވިގެންވޭ. ފަރަންސޭސި މުސަންނިފެއް ކަމަށްވާ މާސެލް ޕްރޮސްޓް، ފަރަންސޭސި ބަހުން ލިޔެފައިވާ މި ފޮތަކީ 1912ގައި ލިޔެފައިވާ ފޮތެއް.

މިހާތަނަށް ދުނިޔޭގައި ވިއްކާފައިވާ ފޮތްތަކުގެ ތެރެއިން އެންމެ އަގުބޮޑު ފޮތް ވިއްކާފައިވަނީ 30.8 މިލިއަން އެމެރިކާ ޑޮލަރަށް. އެއީ ސައިންސުގެ ފޮތެއް. 1994ގައި ވިއްކާފައި މިވާ ފޮތަކީ ލިއަނާޑޯ ޑާވިންސީ ލިޔެފައިވާ ސައިންސް ޑައިރީ ފޮތެއް. މިފޮތުގެ ނަމަކީ "ދަ ކޯޑް އޮފް ލެއިސެސްޓަރ".

ދުނިޔޭގައި އެންމެ ފުރަތަމަ ލިޔެވުނު ވާހަކަ އަކީ 2100 ބީ.ސީ.އީގައި "ކިއުނެއިފޯމް ސްކްރިޕްޓް" ގައި ލިޔެފަައިވާ ވާހަކައެއް. މިއީ މެދު އިރުމަތީގެ ގައުމުތަކުގައި އިހުޒަމާނުގައި ލިޔެ އުޅުނު ގޮތެއް. އެގޮތުން ތުނި ހިލަ، ނުވަތަ ގަލުގައި ކަނޑާނަގައިގެން ލިޔެފާ ހުރޭ. މި ވާހަކައަށް ކިޔާ ނަމަކީ "ދަ އެޕިކް އޮފް ގިލްގަމޭޝް".