ދުނިޔޭގައި ކުޅެވޭ ކުޅިވަރުތަކަކީ ވަރަށް ދިގު ތާރީހުތަކެއް ލިބިފައިވާ ކުޅިވަރުތަކެއް. އެގޮތުން ފިނި މޫސުމުގެ ކުޅިވަރުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ކުޅިވަރަކީ އައިސް ސްކޭޓިން. ބޫޓު ކިބައެއްގެ ފަށުގައި ދަގަނޑު ހަނި ފޮއްޗެއް ހަރުކޮށްފައި ހުންނަ ބޫޓެއްގައި ގަނޑުފެން ނުވަތަ ސްނޯގެ މަތީގައި ދުއްވާ ކުޅޭ މި ކުޅިވަރަކީ ފިނި މޫސުމުގައި ގިނަބަޔަކު ގަޔާވެގެން ކުޅޭ ކުޅިވަރެއް.

ސްކޭޓިންގެ ވިސްނުމާއި ހިޔާލަކީ ގަނޑުވެފައިވާ ކޯރުތަކުގެ މަތިން އިންސާނުން ހުރަސްކުރުމަށް އެންމެ ފުރަތަމަ ބޭނުން ކުރެވުނު ބޫޓު ނުވަތަ ފައިވާނުގެ ހިޔާލު. އިހުގެ މީހުން މިފަދަ އައިސްގަނޑުތައް ހުރަސްކުރުމަށް އެމީހުން އަރާ އުޅުނު ބޫޓު ނުވަތަ ފައިވާނުގެ ދަށުގައި ތުނިކޮށް ދިގުކޮށް އިންނަ ޖަނަވާރެއްގެ ކަށިގަނޑެއް ހަރުކުރޭ. ދެފައިންވެސް މިފަދަ ބޫޓަކަށް އެރުމަށްފަހު އެ ދެ ކަށިގަނޑުގެ މައްޗަށް އިންސާނާގެ ހަށިގަނޑު ބެލެންސް ކުރޭ. އަދި ފައިން އަޅާ ކޮއްޕާލުމުން، ގަނޑުވެފައިވާ ފެންގަނޑުގެ މަތީގާ އިންސާނާ ދުވަން ފަށާ. އިހުގައި ޖަނަވާރުންގެ ކަށި ބޭނުން ކުރި ނަމަވެސް މިއަދު ބޭނުން ކުރެވެނީ ދަގަނޑު.

މި ހިޔާލުގެ ތެރެއިން އުފެދިގެން އައީ ސްކޭޓިންގެ ވާދައިގެ ދުވުންތަކެއް. އެގޮތުން މިހާރު މިއީ ވާދަވެރިކަމާއި އެކީ ކުޅޭ ބޮޑު ކުޅިވަރެއް. ފިނި މޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގައިވެސް ސްކޭޓިން އަކީ ގިނަ ގައުމުތަކުން ވާދަކުރާ ކުޅިވަރެއް. ފިނި މޫސުމުގެ އޮލިމްޕިކްސްގަައިވެސް އެންމެ ގިނަ ދުވަސްވީ އެއް ކުޅިވަރަކީ ސްކޭޓިން ނުވަތަ އައިސް ސްކޭޓިން.