އަހަރެމެންގެ އަނގައަކީ އެތަނަކުން އަހަރެމެންގެ ސިއްހީ ދުޅަހެޔޮކަން ހާމަކޮށްދޭ ބައިވަރު ހެކިތަކެއް ފެންނާން ހުންނަ ތަނެއް. އަނގައިގެ ތެރޭގައިވެސް އެތައް ގުނަވަނެއް ހުރޭ. ބަލިވެގެން ޑަކްޓަރަށް ދެއްކުމުން ޑަކްޓަރު، "ދޫ ދައްކާލާ..!" މިހެން ބުނާނެ. އަދި މިއީ ވަރަށް އާންމުކޮށް ޑަކްޓަރުން ބުނެ އެޅޭ އެއްޗެއް. އެއާއި އެކު އަހަރެމެން ދޫ ބޭރަށް ނެއްލާ އަނގަ ތަންމިނަށް ހުޅުވާ ޑަކްޓަރަށް ދައްކާލާ. ޑަކްޓަރު ބައްތިއަކުން އަލިކޮށް ބަލާ ހަދާ. އަހަރެމެންގެ އަނގައިގެ ތެރެއިން ޑަކްޓަރު މި ބަލަނީ ކޮން އެއްޗެއް؟

ދުލުގެ ކުލައަކީ ވަރަށް މުހިންމު އެއްޗެއް. އެކި ހާލަތްތަކުގައި ދުލުގެ ކުލަ ތަފާތުވާނެ. ލޭމަދުނަމަ، އޮކްސިޖަން މަދުނަމަ ނުވަތަ ރީނދޫވެފައި ހުންނަ ނަމަ ނުވަތަ ހަށިގަނޑުން ފެންމަދުވެފައިވާނަމަ ދުލުން އެކަން އެނގޭނެ. އަދިވެސް އިތުރު ބައިވަރު ކަންކަން ދުލުން އެނގޭނެ. ކަރުގެ ފަހަތުން، ކޮލު ދަތްތަކުގެ ބުޑުން، ދަތްތަކުގެ ތާހިރުކަމާއި ދަތްތަކާއި ހިރުގަނޑުގައި ޖުމުލަކޮށް ގޯހެއް އުޅޭނަމަ އެނގޭނެ. އަދި ކަރުގެ ފަހަތުން، ކަރުގެ ބުޑުން ޓޮންސިލޭ ކިޔާ ގުލޭންޑުގެ ދުޅަހެޔޮކަން އެނގޭނެ. ދުޅަވެ ފުފިފާ ވާނަމަ ނުވަތަ އިންފެކްޓް ވެފައިވާނަމަ އެނގޭނެ. އަރުތެރެއިން އަރުގައި ފާރު ހުރިތޯ ނުވަތަ އަރުތެރޭގައި ޖަރާސީމު އަށަގަނެފަތޯ ނުވަތަ ނޫންތޯ އެނގޭނެ. އަދި އަރުތެރޭގެ މަސްތައް ދުޅަވެ ނުވަތަ ފުފިފައި ހުންނަ ނަމަ އެކަންވެސް އެނގޭނެ.

މިކަންކަން ދެނެގަތުމަށް ޑަކްޓަރު އަހަރެމެންގެ އަނގަތެރެއަށް އަލިކޮށް ބަލާ. އާންމުކޮށް ހުން އައިސް ރޯގާ ޖެހުމުން އަނގަތެރެ ބަލާނެ. އަދި އެނޫން ބަލިތަކުގައިވެސް އަނގަތެރެ ބަލާނެ.