ދުނިޔޭގެ އެންމެ ތޫނިފިލި މީހަކީ ކާކުތޯ ސުވާލުކޮށްފިނަމަ، އަލްބަރޓް އައިންސްޓަން، ސްޓެފަން ހޯކިންގ އަދި ޕޯލް އެލަން ފަދަ ނަންތަކަކީ ވަރަށް ގިނަ މީހުން ފަސޭހަ ކަމާއެކު ފާހަގަ ކުރާނެ ނަންނަމެވެ. ނަމަވެސް އެމީހަކީ ވިލިއަމް ޖޭމްސް ސައިޑިސް އޭ ބުނެފި ނަމަ ކިތަށް މީހުންގެ މޫނުގެ ކުލަވަރު ބަދަލު ވާނެ ހެއްޔެވެ؟ މިއީ ހަގީގަތެވެ. ރެކޯޑްތަކަށް ބަލާއިރު ތޫނުފިލިކަމުގެ ޓެސްޓުން އެންމެ މަތިން ޕޮއިންޓް ހޯދާފައިވަނީ އެމެރިކާއަށް ނިސްބަތްވާ ވިލިއަމް ޖޭމްސް އެވެ. ވިލިއަމްގެ އައި.ކިއު ލެވެލް އަކީ 300-250 ކަމަށްވަނީ ރެކޯޑް ކުރެވިފައެވެ. ވިލިއަމް އެންމެ ފުރަތަމަ ފާހަގަ ވެފައިވަނީ އޭނާގެ ހުނަރުވެރިކަމުގެ ސަބަބުންނެވެ. ނަމަވެސް ފަހުން އޭނާ މަޝްހޫރުވީ އޭނާގެ އާދަޔާ ޚިލާފް އަމަލުތަކާ، އާންމު ދިރިއުޅުމާ ދުރަށް ދިއުމުގެ ސަބަބުންނެވެ.      

ޔޫކްރޭން އިން އެމެރިކާއަށް ހިޖުރަ ކުރި ޔަހޫދީ އާއިލާއަކަށް ވިލިއަމް އުފަންވީ 1 އޭޕްރިލް 1898 ގައެވެ. ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ވިލިއަމް އުފަންވުމުގެ ދެ އަހަރު ކުރިން ވިލިއަމްގެ ބައްޕަ ވަނީ އެމެރިކާއަށް ބަދަލުވެފައެވެ. ބައްޕަ ބޮރިސް ސައިޑިސް އަކީ ޕީ.އެޗް.ޑީ ހަދައިގެން ހުރި މެޑިކަލް ޑޮކްޓަރެކެވެ. ޚާއްސަވެފައިވަނީ ނަފްސާނީ ބަލިތަކަށެވެ. މަންމަ ސާރާއަކީ 1880 ގައި އެމެރިކާއަށް ގޮސް އެތަނުގެ ބޮސްޓަން ޔުނިވަރސިޓީއިން ކިޔަވާ ސިއްޙީ ދާއިރާއިން ގްރެޖުއޭޓްވެފައި ހުރި މީހެކެވެ.   

ވިލިއަމްގެ އުމުރުން އެންމެ 18 މަހުގައި އޭނާއަށް ނޫސް ބަލައިގެން ކިޔަން އެނގެއެވެ. އުމުރުން އަށް އަހަރުވީ އިރު އަމިއްލައަށް 8 ބަހުން ވާހަކަދައްކަ ދަސްކުރިއެވެ. އޭގެ ތެރޭގައި ލެޓިން، ގްރީކް، ފްރެންޗް، ރަޝިޔަން، ޖަރމަން، ހިބްރޫ، ޓަރކިޝް، އަދި އަރްމީނިޔާ މީހުންގެ ބަހުން ވާހަކަ ދައްކަން އެނގެއެވެ. މީގެ އިތުރުން ވިލިއަމް ވަނީ އަމިއްލަ އަށް ބަހެއް އުފައްދާފައެވެ. ނަމަކީ ވެންޑަރގުޑް އެވެ.

ވިލިއަމްގެ އުމުރުން 9 އަހަރުގައި އޭނާ ހަރވަރޑް ޔުނިވަރސިޓީއަށް ވެއްދުމަށް އޭނާގެ ބައްޕަ ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް 1909 ވަނަ އަހަރު ވިލިއަމްގެ އުމުރުން 11 އަހަރުގައި ހަރވަރޑް ޔުނިވަރސިޓީއިން ޖާގަ ލިބި، އެ ޔުނިވަރސިޓީއަށް ވަދެވުނު އެންމެ ހަގު ކުއްޖަކަށް ވިލިއަމް ވިއެވެ. ވިލިއަމް ފާހަގަ ކުރެވުނީ ހިސާބު އިލްމަށް އާދަޔާ ޚިލާފަށް މޮޅު ކުއްޖެއްގެ ގޮތުގައެވެ. އުމުރުން 16 އަހަރުގައި ވިލިއަމް ވަނީ އާރޓްގެ ދާއިރާއިން ބެޗްލަރްސް ޑިގްރީ ހޯދާފައެވެ. ނަމަވެސް ވިލިއަމް އަށް ލިބިފައިވާ ހުނަރާއި ތޫނުފިލިކަމުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ފަދަ މަސައްކަތްތަކުގައި ވިލިއަމްގެ ބޮޑު ބައިވެރިވުމެއް ފެންނާނެކަމަށް އުންމީދުކޮށްގެން ތިބި މީހުނަށް ލިބުނީ ވަރަށް ބޮޑު މާޔޫސް ކަމެކެވެ. ޑިގްރީ ލިބުމާއި އެކު ދިން އިންޓަރވިއު އެއްގައި ވިލިއަން ބުނީ އޭނާ ބޭނުންވަނީ "ފުރިހަމަ ހަޔާތެއް" ވެއަތު ކުރަންކަމަށާ އެހެންކަމުން އޭނާގެ ދިރިއުޅުން ހޭދަކުރަން އޭނާ ބޭނުންވަނީ މީހުނާއި ދުރުގައި އެކަނިމާ އެކަނި ކަމަށެވެ. އަދި ދުވަހަކު ކައިވެނި ނުކުރާނެކަމަށްވެސް ވިލިއަމް ބުނެފައިވެއެވެ. 

ބެޗްލާރސް ޑިގްރީގެ ފަހުންވެސް ވިލިއަމް ހާރވަރޑްގައި ތަޢުލީމް ޙާޞިލްކުރަމުން ދަނިކޮށް އެތަނުގެ ކުދިންތަކެއް ވިލިއަމްއަށް ޖިސްމާނީ ގެއްލުންދޭން މަސައްކަތް ކުރުމުން އޭނާގެ މައިންބަފައިން ވަނީ، ހިއުސްޓަންގައި ހުންނަ ރައިސް ޔުނިވަރސިޓީ އިން ވަޒީފާ ހަމަޖައްސާފައި އޭނާ އެތަނަށް ބަދަލުކޮށްފައެވެ. އޭރު އޭނާވެސް ދިޔައީ ޕީ.އެޗް.ޑީ އަށް ކިޔަވަމުންނެވެ. ނަމަވެސް ކިޔަވާދޭން ޖެހޭ ބައިތަކާއި، އޭނާއަށްވުރެ އުމުރުން ދޮށީކުދިންނަށް ކިޔަވާދޭން ޖެހުމުން ހިތްހަމަ ނުޖެހި ވިލިއަމް އެވަޒީފާ ދޫކޮށް ނިއު އިންގްލެންޑަށް ބަދަލުވިއެވެ. ފަހުން ހަރވަރޑްގެ ލޯ ސްކޫލުން ގާނޫނީ ދާއިރާއިންވެސް ވިލިއަމް ކިޔެވިއެވެ. ނަމަވެސް އެންމެ ފަހު އަހަރު އޭނާވަނީ އެތަނުންވެސް ވަކިވެފައެވެ.   

ލޯ ސްކޫލުން ވަކިވިތާ މާގިނަ ދުވަހެއް ނުވެ، ބޮސްޓަންގައި އޮތް މުޒާހަރާއެއްގައި ހަމަނުޖެހުން އުފެއްދި ބައެއްގެ ތެރޭގައި ހިމެނިގެން ވިލިއަމް ހައްޔަރު ކުރެވުނެވެ. އެކަމުގެ ސަބަބުން 18 މަސްދުވަހުގެ ޖަލު ހުކުމެއް ވިލިއަމްގެ މައްޗަށް އިއްވުނެވެ. ވިލިއަމްގެ ތަހުގީގު މަރުޙަލާގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާއަކީ އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ މީހެއް ކަމާ އަދި އެއްވެސް ކަލަކު ވާކަން ގަބޫލު ނުކުރާކަމަށްވެސް ވިލިއަމް އިޢުތިރާފްވިއެވެ. ވިލިއަމްގެ މައިންބަފައިންގެ އިސްތިޢުނާފްކޮށްގެން އޭނާ ޖަލުން ސަލާމަތް ކުރިއެވެ. އަދި އެމީހުންގެ ބެލުމުގެ ދަށުން ރިހެބިލިޓޭޓްކުރާ ހޮސްޕިޓަލެއްގައި ބެހެއްޓިއެވެ. އަދި އެތަނުން ފިލަން މަސައްކަތްކޮށްފިނަމަ މޮޔައިންގެ މަރުކަޒަކަށް ގެންދާނެކަމުގެ ބިރުދެއްކިއެވެ. 

1921 ވަނަ އަހަރު މިހުރިހާ ކަމަކުން ސަލާމަތްވެ އީސްޓް ކޯސްޓަށް ދިއުމާއި އެކު ވިލިއަމް އަޒުމް ކަނޑައެޅީ މީހުނާއި ވަކިން އެކަނިވެރިކަމުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށެވެ. މެޝިން މަރާމަތުކުރުން ފަދަ ވަރަށް އާދައިގެ މަސައްކަތްކޮށްގެން އާމްދަނީ ހޯދަން ފެށިއެވެ. ނިއުޔޯކްގައި މަސައްކަތް ކުރަމުންވެސް ވިލިއަމް އޭނާގެ މައިންބަފައިންނާ އެއްވެސް ގުޅުމެއް ނުބާއްވައެވެ. ވިލިއަމް އަމިއްލައަށް ފޮތްލިޔެ، އޭނާއާ ގާތް ރަހްމަތްތެރިންނަށް އެމެރިކާގެ ތާރީޚް ކިޔަވާދީ ހެދިއެވެ.

ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅިގެން ވިލިއަމް މަރުވީ 1944 ވަނަ އަހަރު ބޮސްޓަންގައެވެ. އޭރު އުމުރަކީ އެންމެ 46 އަހަރެވެ.