ފިނި މާހައުލުތަކުގައި އުޅޭ ދިރޭ އެއްޗެއްސަކީ އަހަރެމެން ދިވެހިންގެ މާހައުލުގައި ފެންނަން ހުންނަ ދިރުންތަކެއް ނޫން. އެހެން ނަމަވެސް އެ ދިރުންތަކަކީވެސް އަހަރެމެންނަށް އެނގޭ، އަހަރެމެން ދަންނަ ދިރުންތަކެއް. އެގޮތުން ޕެންގުއިން ގެ ނަމުން ނަން ދެވިފައިވާ ދިރުމަކީ އެފަދަ އަޖައިބު ކުރުވަނިވި ދިރުމެއް. މިއީ އެކުއެޓިކް ފްލައިޓްލެސް ބާރޑްސް ގެ ދަރަޖައަށް ފެތޭ ދޫންޏެއް. މިއީ ދެ ފިޔަގަނޑު ލިބިފައި ވިޔަސް އުދުހެވޭ ދޫންޏެއް ނޫން.

ފިނި މާހައުލުގައި އުޅޭ މި ދޫނި އެ މާހައުލުގައި ދިރިއުޅެނީ ފިނިން ރައްކާތެރިވެގެން. ސަބަބަކީ ކޮބައިކަން ދެނަހުރީމުތަ؟ ޕެންގުއިންގެ ހަށިގަނޑުގައި ބާ ފަތްގަނޑެއް އޮވޭ. މިއީ ފިނިން ރައްކާތެރިކޮށްދިނުމަށް ބޮޑު އެހީއެއް. އެއްގަމުގައި އުޅޭ އިރު މިސޮރުމެންގެ ހަށިގަނޑު ފިނިން ރައްކާތެރި ކޮށްދެނީ ފަތުގެ މި ބޯ ފަށަލައިން. އަދި އާންމުކޮށް މިއީ އޮށޯވެ، އިށީނދެ އުޅޭ ދޫންޏެއް ނޫން. ގިނައިން ހުންނަނީ ކޮޅަށް. ނިދަނީވެސް ކޮޅަށް ހުރެ. މިއީ އެސޮރުމެންގެ ހަށިގަނޑު ފިނިން ނުވަތަ އައިސް އިން ދުރުކޮށްދިނުމަށް އިންތިޒާމު ވެފައިވާ ނިޒާމެއް.

ޕެންގުއިން އަކީ މޫދުގައި ފީނާ ދޫންޏެއް. އެހެންކަމުން މޫދުގައި އުޅޭ ވަގުތު، ފަތުގެ އެ ބޯ ފަށަލަ ވާނީ ފެނުން ތެމިފަ. ފިނި ފެނުން ތެމުމުން އެ ފަތްތަކަކީ އެސޮރުގެ ހަށިގަނޑު ފިނިން ރައްކާތެރި ކޮށްދޭ ފަރުދާއަކަށް ނުވޭ. ނަމަވެސް އެސޮރުމެންގެ ހަށިގަނޑު ތެރޭގައިވާ ސަރުބީގެ ބޯ ފަށަލައަކީ މޫދުގައި އުޅޭ ވަގުތު، އެސޮރުމެންގެ ހަށިގަނޑު ފިނިން ރައްކާތެރިކޮށްދޭ ފަށަލަ. މި ފަށަލައަށް އިނގިރޭސި ބަހުން ބަލްބާރ އޭ ކިޔާ. މި ފަށަލައިގެ ސަބަބުން ހަށިގަނޑުގައިވާ ހޫނު ބޭރުވިޔަ ނުދީ ހިފަހައްޓައިދޭ. އަދި ބޭރުން ފިނިކަން އެތެރެވިޔަ ނުދީ ހިފަހައްޓައިދޭ. ބައެއް ދިރާސާވެރިން މަޖާޒީ ގޮތެއްގައި ފާހަގަ ކުރާ ފަދައިން ޕެންގުއިންގެ މި ސަރުބީގެ ފަށަލަ މަސައްކަތް ކުރަނީ ތަރުމޯޒެއް މަސައްކަތް ކުރާ ފަދައިން. އަދި ޕެންގުއިން ޖަމާއަތް ޖަމާއަތަށް ބައިގަނޑުގަނޑަށް ބޮނޑިވެ ތިބޭ ތިބުމަކީވެސް ފިނިން ރައްކާތެރިވުމަަސް އެސޮރުމެންގެ ދިރިއުޅުމުގައި ލައްވާފައިވާ ވަރަށް ހާއްސަ އުޅުމެއް.