މީލާދީން 1632ގައި އިމާރާތް ކުރަން ފަށާ، 1648ގައި އެ އިމާރާތެއްގެ މަސައްކަތް ނިންމާލި މަޝްހޫރު ތާޖް މަހަލް އަކީ މިއަދު ދުނިޔޭގެ ހަތް އަޖައިބުން ކުރެ އެއް އަޖައިބު. އިންޑިޔާގެ އަގްރާ އަވަށުގެ ޔަމުނާއޭ ކިޔުނު ކޯރުގެ އައްސޭރީގައި އިމާރާތް ކޮށްފައިވާ މި އިމާރާތަކީ އިންޑިޔާގެ މަޝްހޫރު ރަސްކަލެއް ކަމުގައިވާ ޝާހް ޖަހާން އޭނާގެ ލޮބުވެތި އަނބިކަނބަލުން، މުމްތާޒް މަހަލްގެ ހަނދާނުގައި ބިނާކޮށްފައިވާ އިމާރާތެއް. އުސްތާޒް އަޙްމަދު ލަހައުރީ ނަމަކަށް ކިޔާ ކުރެހުންތެރިއެއްގެ ފަރުމާއަށް ބިނާކޮށްފައިވާ މި އިމާރާތަކީ ފަރުމާކުރުމުގެ ފަންނުވެރިކަމުގައި ދެވަނައެއް ނުވާފަދަ ބިނާއެއް. 

މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގައި މަގުބޫލުކަން އިންތިހާއަށް ހޯދާފައިވާ ތާޖް މަހަލް އަކީ އެތަނަކުން ބޮޑު ނަފާއެއް ހޯދާ އިމާރާތެއް. އެތައް ބަޔަކު އެތަނަަށް ޒިޔާރަތްކުރަމުންދާއިރު، އެ އިމާރާތުގެ ސަލާމަތީކަންކަމަކީވެސް އެހާމެ ވަރުގަދައަށް ބަލަހައްޓަމުން ގެންދާ އިމާރާތެއް.

ތާޖް މަހަލް އާއި ބެހޭގޮތުން ތަފާތު އެކި ވާހަކަތައް ކިތަންމެ ގިނައިން ދެއްކެން އޮތް ނަމަވެސް، އެ އިމާރާތް އިމާރާތްކުރުމަށް ކުރި މަސައްކަތަށް ކުރުގޮތަކަށް ބަލާލާނަން. ބުނެވޭ ގޮތުގައި ތާޖް މަހަލް އިމާރާތް ކޮށްފައިވަނީ 22000 މީހުން ބޭނުން ކޮށްގެން. އޭގެ ތެރޭގައި އެކި ފަންނުތަކުގެ މީހުން ހިމެނޭ. އަދި އެ އިމާރަަތް ކުރުމަށް ބޭނުންވާ ސާމާނު އެ ސަރަހައްދަށް އުފުލުމަށް ގާތްގަނޑަކަށް 1000 އެތް ބޭނުން ކޮށްފައިވާކަމަށް ބުނެވޭ. ހުދު މާބްލް އިން އިމާރާތް ކޮށްފައިވާ މި ބިނާގެ ބޮޑު މިނުގައި 17 ހެކްޓަރު ހުރޭ. އަދި އުސްމިނުގައި 73 މީޓަރު ހުންނަ ކަމަށް ލިޔުންތަކުގައި އޮވޭ.

ބުނެވޭ ގޮތުގައި، އެ އިމާރާތް އެހުރިގޮތަށް ބިނާކުރުމުގެ އަގު، މިއަދު ހިސާބު ކުރާނަމަ، ހަރަދުވާނީ ގާތްގަނޑަކަށް 100 ނުވަތަ 120 ޑޮލަރު. 

ތާޖް މަހަލްއާ ބެހޭގޮތުން ދެކެވޭ ބައެއް ފޯކްލޯރު ވާހަކަތަކުން އެއް ވާހަކައިގައި ބުނެފައިވަނީ އެ އިމާރާތް ބިނާކުރަން އުޅުނު ބޮޑެތި މޭސްތިރިންގެ އަތްތައް ވަނީ، އެ އިމާރާތް ބިނާކޮށް ނިމުމާއި އެކު ޗަސްކޮށްލާފަ. ސަބަބެއްކަމަށް ދެކެވެމުންދާ ވާހަކަތަކުގައި ބުނެވެނީ އެފަދަ އެހެން އިމާރާތެއް، އެހެން ބަޔަކު ބިނާކުރުމުގެ ފުރުސަތު ނުދިނުމަށް.