އިސްތައްޓާއި އިސްތަށީގެ ބުޑާއި މި ތަންތަނުގެ އުފެދުމާއި މި ތަންތަނުގައި ދެން ހުންނަ އެހެން ގުނަވަންތަކާއި އެ ގުނަންތަކުގެ މަސައްކަތްތަކުގެ ވާހަކައަކީ އަޖައިބު ކުރުވަނިވި ވާހަކައެއް. މިއީ އެންމެ އިސްތައްޓެއްގެ ބުޑުގެ ވާހަކަ. މިއީ ޤުދުރަތުން ފުރިގެންވާ އަޖައިބު ކުރުވަނިވި ކަމެއް. އަދި އެހާމެ އަޖައިބު ކުރުވަނިނި ޤުދުރަތީ ފަރުމާއެއް.

ކޮންމެ އިސްތައްޓެއްގެ ބުޑު، ތިން ބަޔަކަށް ބެހިގެންވޭ. އެއީ ތިރީ ބަޔަކާ، މެދު ބަޔަކާ އަދި މަތީ ބައެއް. އެންމެ ތިރީ ބައިގައި ވަނީ ވަނީ އިސްތަށީގެ އެންމެ ބުޑު. މިއީ ވަށްކޮށް ވަޅެއްގެ ސިފައިގައި އިންނަ ތަނެއް. އިސްތަށި ފަޅަނީ މިތަނުން. މިތަނަށް ހެއަރ ބަބްލް އޭ ކިޔާ، އަދި މި ތަނާއި ގުޅިފައިވާ ފޮލިކިއުލާރ ޕަޕިއްލާއޭ ކިޔާ ބައެއް އިނދޭ. މިއީ ހަށިގަނޑުން އިސްތަށީގެ ބުޑާއި ގުޅިފައިވާ ބައެއް. އިސްތައްޓާ ގުޅިފައިވާ ނާރުތައް ގުޅެނީ މި ބައި މެދުވެރިކޮށް. އިސްތަށި ވަޅުން ތަންކޮޅެއް މަތީގައި އިންނަ އެރެކްޓާ ޕިލި ނަމަކަށް ކިޔާ މަސްތަކަކާއި ހަމައަށް ތިރީބައި ވޭ. މެދުބައިގައި ވަނީ އެރެކްޓާ ޕިލި އޭ ކިޔުނު މަސްތަކާއި ހިސާބުން އިސްތަށީގެ ބުޑު ހަންގަނޑު ވޭރުވާ ހިސާބު ކައިރީގައިވާ ތެލުގެ ގުލޭންޑަކާ ހިސާބަށް. އެރެކްޓާ ޕިލި ނަމަކަށް ކިޔާ މި މަސްތަކުގެ ބޭނުމަކީ ފިނި ހޫނު މިނަށް އިސްތަށިތައް ކޮޅަށް ޖެހި އަދި އޮންނަ ގޮތަށް ކިޔަމަންކުރުން.

އިސްތަށި ބުޑުގެ މަތީ ބައިގައި ވަނީ ތެޔޮ ގުލޭންޑެއް. މި ގުލޭންޑުގެ ބޭނުމަކީ މި ގުލޭންޑުން އުފައްދާ ތެލުގެ ތާސީރެއް އެކުލެވޭ ދިޔަވަރަކުން އިންސާނާގެ ހަމުގެ އޮމާން ކަން ދަމަަހައްޓައިދީ، ކުރަކިވުން ކުޑަކޮށް އަދި ހަންގަނޑަށް ރައްކާތެރިކަން ފޯރުކޮށް ދިނުން. އަދި އިސްތަށީގެ އެކަތަކަން ދެމެހެއްޓުމަށްވެސް އެހީތެރިވެދޭ.

ހިމަ ހިމަ އެންމެ އިސްތައްޓެއްގައި ވެސް ތިން ބައެއް ވޭ. ބޭރު ފަށަލަ އަކާއި މެދު ފަށަލަ އަކާ އެތެރެ ފަށަލައެއް. އިސްތަށީގެ ބޭރު ފަށަލައަށް ކިއުޓިކަލް އޭ ކިޔާ. މެދު ބަޔަށް ކޯޓެކްސް އޭ ކިޔާ އަދި އެތެރެ ބަޔަށް މެޑުއްލާ އޭ ކިޔާ.

މިއީ އެންމެ އިސްތައްޓަކާއި އެ އިސްތަށީގެ ބުޑުގެ ވާހަކަ. މިއިންވެސް ހާމަ ވެގެންދަނީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއި އެ އިލާހުގެ ފަޟްލަވަންތަކަން.