އެކި މީހުންނަށް ވަކި ދުވަސްތަކެއް ޚާއްޞަވެއެވެ. އެދުވަހެއްގައި ހިތުން ނުފިލާކަމެއް ހިނގާފައިވާނަމަ އެ ދުވަހެއް ކިތަންމެ ދުވަހެއް ވިޔަސް ހަނދާނުން ނުގޮސް ހުރެއެވެ. އުފާވެރިކަމެއް ވިޔަސް، ހިތާމަވެރިކަމެއް ވިޔަސް މިކަން އޮތީ މިހެންނެވެ. މިސާލަކަށް މީހެއްގެ އުފަންދުވަހެއް ނުވަތަ މުހިންމު މީހަކު ވަކިވެގެން ހިނގައްޖެނަމަ އެ ދުވަހެއް ހިތުގައި ބިންވަޅު ނެގިގެންދެއެވެ. އަދި ބައެއް ފަހަރު ހިތާމަވެރި ނުވަތަ އުފާވެރި ކަންތައްތަކެއް ހަފްތާގެ އެއް ދުވަހެއްގައި ގިނައިން ދިމާވާކަމަށް ވާނަމަ، އެ ދުވަހަކީ ބާއްޖަވެރި ނުވަތަ އަބާއްޖަވެރި ދުވަހެއްގެ ގޮތަށް ނިންމިފައިވެސް ހުންނަނީ މަދެއްކޮށެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އާދަޔާ ޚިލާފުކަންކަން ބަލަހައްޓަމުން އަންނަ ގިނީސް ވޯލްޑް ރިކޯޑުން މިވަނީ ހަފްތާގެ އެންމެ އަބާއްޖަވެރި ނުވަތަ އެންމެ ގޯސް ދުވަހުގެ ގޮތުގައި ހޯމަ ދުވަސް ކަނޑައަޅާފައެވެ. މިކަން އިޢުލާން ކޮށްފައިވަނީ ގިނީސް ވޯލްޑް ރެކޯޑުން ކުރި ޓްވީޓަކުންނެވެ. އެ ޓްވީޓް އެތައް ބަޔަކު ރިޓްވީޓްކޮށްފައި ވާއިރު، ވަރަށް ގިނަ ބަޔަކު ވަނީ ކޮމެންޓްވެސް ކޮށްފައެވެ. ކޮމެންޓް ކުރި ގިނަ މީހުން އެކަމަށް އެއްބަސްވާ މޭރުމަކުންވަނީ ވާހަކަ ދައްކާފައެވެ. މަޝްހޫރު އެނިމޭޓް ކެރެކްޓަރ އެންގްރީ ބާޑްގެ ރަސްމީ ޓްވިޓަރ އެކައުންޓުން "(އެނގެން) ތިހާ ދިގު މުއްދަތެއް ނެނގީ)ހޭ ބުނެ ކޮމެންޓް ކޮށްފައިވެއެވެ. އަދި ބައެއް ފަރާތްތަކުން ހޯމަ ދުވަހުގެ ނަން ބަދަލު ކުރުމަށާއި ހޯމަ ދުވަސް ހަފްތާ ބަންދަށް ލުމަށްވެސް ކޮމެންޓް ކޮށްފައި ހުއްޓެވެ.

ގިނީސް ވޯލްޑް ރެކޯޑުން ހޯމަ ދުވަސް އެންމެ ކަމު ނުދާ ދުވަސްގެ ގޮތުގައި ނިންމީ ހޯމަ ދުވަހަކީ ހަފްތާ ބަންދަކަށްފަހު މަސައްކަތަށް ނުކުންނަ ދުވަހަށް ވެފައި، ގިނަ މީހުން މަސައްކަތަށް ނުކުންނައިރު ކަންނެތްވެ ބަރުހެލިވުމާއި އިންތިހާއަށް ފޫހި ދުވަހެއްގެ ގޮތުގައި ފާހަގަވެފައިވާތީކަމަށެވެ.