ޒަރާފާއަކީ ބިމުގައި އުޅޭ މެމަލް ގެ ތެރެއިން އިސްކޮޅުން އެންމެ ދިގު ޖަނަވާރު. ޒަރާފާގެ ފައި އެކަނިވެސް އާންމު އިންސާނުންނަށް ވުރެ ދިގު. އޭގެ ފައިގައި 6 ފޫޓު ހުރޭ. މާ ދުރުނޫން ހިސާބަކަށް ދުވާ ނަމަ ގަޑިއަކު 35 މޭލު ބާރު މިނުގައި ޒަރާފާ ދުވާނެ. ދުރު ރާސްތާއަކަށް ވެސް ގަޑިއަކު 10 މޭލުގެ ސްޕީޑްގައި ޒަރާފާއަށް ދުވެވޭނެ. ޒަރާފާގެ ކަރު ދިގު ކަމުން ބިންމަތީގައި ހުންނަ ތަކެއްޗަށް އޭގެ އަނގަ ނުފޯރާނެ. އެހެންކަމުން ޒަރާފާ ފެން ބޮއި ހަދަނީ ދެފައި ދުރުކޮށްގެން މުޅި ހަށިގަނޑު ތިރިކޮށްގެން. މި އުނދަގުލުގެ ސަބަބުން ޒަރާފާ ފެންބޮނީ ވެސް އެތައް ގަޑިއަކުން އެއް ފަހަރު. އާންމުކޮށް އެއަށް ބޭނުންވާ ފެން ހޯދަނީ ގަސްގަހުގެ ފަތް ކައިގެން އޭގެ ޒަރީއާއިން. ޒަރާފާގެ މުޅި ހަޔާތް ވޭތު ކޮށްލަނީ ކޮޅަށް ހުރެ. ނިދުމުގެ އިތުރުން ޒަރާފާ ވިހަނީވެސް ކޮޅަށް ހުރެ. ތުއްތު ޒަރާފާ ވިހައިގެން ގަޑިއެއްހާ އިރުގެ ތެރޭގައި ކޮޅަށް ތެދުވެވޭނެ. އަދި ހަފްތާއެއް ވާއިރު ރީތިކޮށް ހިނގާ ގަހުގެ ފަތް ކައި ހަދާނެ. ތުއްތު ޒަރާފާ ހިމާޔަތް ކުރަން މަންމަ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޅަ ޒަރާފާގެ އުމުރުގެ ކުރީކޮޅު ހައިނާ، ލެޕަޑް އަދި ވަލު ކުއްތާގެ ޝިކާރައަށް ވޭ. ޒަރާފާގެ ގައިގައި ހުންނަ ސްޕޮޓް ތަކަކީ އިންސާނުންގެ އިނގިލީގެ ނިޝާން ފަދައިން ކޮންމެ ޖަނަވާރަކަށް ތަފާތު ޕެޓަން އެއް. ދެ ޒަރާފާއެއްގައި އެއްގޮތަށް މި ޕެޓަން ހުރުން އެއީ ނާދިރު ކަމެއް. ދެ ޖިންސުގެ ޒަރާފާގައި ވެސް ކެހެރި ފަޅާފައި ހުންނަ ކުޑަ ދެ ދަޅު ހުންނާނެ. ފިރިހެން ޒަރާފާ އެކަތި އަނެކައްޗަށް ތަޅާފޮޅުމަށް މި ދަޅު ބޭނުން ކުރޭ. ޒަރާފާއަށް ބޭނުންވަނީ ދުވާލަކު 5 މިނިޓާއި 30 މިނިޓާ ދެމެދުގެ ނިދި. ކުޑަ ވަގުތު ކޮޅަކު ނިދާލުމުން ޒަރާފާއަށް ފުދޭ. ޒަރާފާ އެއްވެސް އަޑެއް ނުލައްވާހެން ހީވި ނަމަވެސް އިންސާނުންނަށް ފަސޭހައިން އަޑު ނުއިވޭ ގޮތަށް ޒަރާފާ ވެސް އަޑު ލައްވާ ހަދާ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން