ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ރައީސްކަމަށް ހޮވޭ މީހަކީ، އެމީހަކު ރައީސްކަމަށް ގެނައުމަށް ވޯޓު ދޭ ގިނަ މީހުނަށްވުރެ ހުރިހާ ގޮތަކުންވެސް ތަނަވަސް އަދި ހައިބަތު ބޮޑު މީހެކެވެ. ނަމަވެސް އުރުގުއޭގައި މިކަން ހިނގާފައިވަނީ ދިމާ އިދިކޮޅަށެވެ. ރައީސް ފެނިފައި އެއީ ރައީސްކަމާ، ދިރިއުޅުއްވި ގެކޮޅު ފެނިފައި އެއީ ރިޔާސީ ގަނޑުވަރުކަން ގަބޫލުކުރަން ދައްޗެވެ. ގައުމެއްގެ އެންމެ އާދައިގެ މީހުނަށްވުރެވެސް ދިރިއުޅުމުގެ ހާލަތު ދަށްކޮށް ފެނުނު މީހަކީ އުރުގުއޭގެ ރައީސްކަން 2010 އިން 2015 އަށް ކޮށްފައިވާ ޖޯސް މުހީކާއެވެ.
ޖޯސް މުހީކާގެ ވެރިކަމުގައި ބީ.ބީ.ސީގެ ފަރާތުން އޭނާއާ ބައްދަލުކުރުމަށް އޭނާ ދިރިއުޅޭ ގެއަށް ޒިޔާރަތްކުރިއެވެ. އެމީހުނަށް ފެނުނީ ގޭގެ އެއްފަރާތެއްގައި ރޯނެއް ދަމާ އަންނައުނު ހިއްކަން އަޅާފައިވާ ތަނެވެ. ފެން ނަގަން ހުރީ ގޯތި ތެރޭގައި ހުރި ވަޅެކެވެ. ވަޅުގެ ވަށައިގެން ވިނަ ހެދިފައިވެއެވެ. ރައީސް ގެ ސެކިއުރިޓީ ބެލެހެއްޓުމަށް ތިބީ ސިފައިގެ ދެ އޮފިސަރުންނާއި މުހީކާ އޮޅުކޮށްގެން ގެންގުޅޭ 3 ފައިލީ ކުއްތާއެކެވެ. ދުނިޔޭގެ އެއްވެސް އެހެން ގައުމެއްގެ ލީޑަރެއްގެ ދިރިއުޅުމާ އަޅާ ކިޔާނެ އެއްވެސް ކަމެއް ނެތެވެ. އުރުގުއޭގެ ރައީސްކަން ކުރާ ފަރާތްތަކަށް ދަޢުލަތުން ހަމަޖައްސާދޭ ރިޔާސީ ގަނޑުވަރުގައި އުޅުމަށް ދެކޮޅު ހަދާ މުހީކާ ބޭނުންވީ އެނާގެ އަންހެނުންގެ މި ކުޑަ ގޭގައި ދިރިއުޅޭށެވެ. ވެރިރަށުގެ ތަރައްގީ ނުކޮށް އޮތް މަގެއްގެ އެއްފަޅިގައިވާ މިގޭގައި މުހީކާއާއި އަންހެނުން ކުރާ މަސައްކަތަކީ މާމެލާމެލި ހައްދައިގެން ވިއްކުމެވެ. މި މަސައްކަތުގައި އެހީތެރިވާނެ އިތުރު މީހަކު ނުގެންގުޅެއެވެ.
މުހީކާގެ މުސާރައިގެ 90 އިންސައްތަ އޭނާ ހޭދަކުރަނީ ބޭނުންޖެހިފައިވާ ފަގީރުންނަށެވެ. އެއީ 12،000 ޑޮލަރެވެ. އަމިއްލަ ބޭނުންތަކަށް މުސާރައިގެ ބާކީބައި ބޭނުންކޮށް ޖިފުޓިއެއްގައި ދިރިއުޅުމުގެ ސަބަބުން "ދުނިޔޭގެ އެންމެ ފަގީރު ރައީސް"ގެގޮތުގައި މީޑިޔާތަކުންފާހަގަ ކުރާ މުހީކާ ބުނީ، ފެންނަ ފެނުމަށް ވަރަށް އާދައިގެ މުސްކުޅިއެއް ގޮތަށް އޭނާ ފެނުނަސް މިއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. މުހީކާ ހާމަ ކުރި ގޮތުގައި އޭނާގެ މުޅި ދިރިއުޅުން ހޭދަވެގެން މިދިޔައީ މިފަދަ ހާލެއްގައި ކަމަށާ އެކަމާ އޭނާ ދެރަ ނުވާ ކަމަށެވެ. ގޯތި ތެރޭގައި ހުރި ބާ ގޮނޑިއެއް އިނދެގެން އިންޓަރވިއު ދިން އިރު ގޮނޑީގައި އަޅާފައިވާ ކުޝަން އަކީ އޭނާގެ ކުއްތާ މެނުއަލާވެސް ބޭނުން ކުރާ ކުޝަން ގަނޑެވެ.
ކުދި ވިޔަފާރިތަކާއި ފަގީރުންނަށް މުސާރައިން ބޮޑުބައި ދިނުމުން އޭނާ ބޭނުން ކުރަން ލިބޭނީ އުރުގުއޭގައި އެންމެ އާދައިގެ މީހަކަށް ލިބޭ މުސާރައާ އެއްވަރުގެ އަދަދެކެވެ. ނަމަވެސް އެވަރުން ފުއްދައިގެން އޭނާ އުޅެނީ ވަރަށް އުފަލުގައި ކަމަށް މުހީކާ ހާމަ ކުރިއެވެ. ރައީސްކަމަށް އައުމުގެ ކުރިން މުހީކާގެ މިލްކިއްޔާތު ހާމަ ކުރިއިރު، އޭނާ 1987 ވަނަ އަހަރު ގަތް ވޯކްސްވޭގަން ބީޓްލް ކާރެއް ހިމަނައިގެން އޭނާގެ މިލްކިއްޔާތުގައި ހުރީ 1،800 ޑޮލަރެވެ. 2012 ވަނަ އަހަރު އޭނާގެ އަންހެނުންގެ ބިމަކާ ޓްރެކްޓަރާ ގޭގެ ދެބައި ކުޅައެއްބައި އެއްކުރުމުން ވެސް މި އަދަދު އެރީ 215،000 ޑޮލަރަށެވެ. މިއީ މި ހިސާބުގެ ރައީސުންގެ މިލްކިއްޔާތާ އަޅާކިޔާ ނަމަވެސް ވަރަށް ކުޑަ އަދަދެކެވެ.
1960 އިން 1970 އާއި ދެމެދު އުރުގުއޭގެ ސަރުކާރާ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުނު މުހީކާގެ ގަޔަށް 6 ފަހަރަށް ބަޑިޖަހާ 14 އަހަރު ޖަލުގައި ބޭއްވިއެވެ. މީގެ ތެރެއިން ގިނަ ދުވަސް ހޭދަވީ ކުޑަގޮޅީގައާއި ވޭންދެނިވި އަނިޔާގައެވެ. 1985 ގައި އުރުގުއޭ އަށް ޑިމޮކްރަސީ އައުމުން މުހީކާ މިނިވަން ވަންދެން އޭނާ ހޭދާ ކުރީ ވަރަށް ހިތްދަތި އަދި އެކަނިވެރި ދުވަސްތަކެކެވެ. މުހީކާ ހާމަ ކުރި ގޮތުގައި ޖަލުގައި ހޭދަވި ދުވަސް ތަކުގެ ތެރޭގައި ދިރިއުޅުމާއި މެދު އޭނާގެ ނަޒަރިއްޔާ ވަރަށް ބޮޑަށް ވަނީ ބަދަލުވެފައެވެ. މުހީކާ ދެކޭގޮތުގައި މީހުން އޭނާ ފަގީރުކަމަށް ބުނި ނަމަވެސް އޭނާއަކީ ފަގީރެއްކަން އޭނާއަށް އިހްސާސެއް ނުވެއެވެ. ލިބޭ މިންވަރު މަދުވެގެން، އިތުރަށް ފައިސާ ހޯދުމަށް ހޭބޯނާރާ އަޅެއްހެން މަސައްކަތް ކުރުމަކީ މުއްސަދިކަން ކަމަށް ނުދެކޭ ކަމަށާ، މުއްސަނދިކަމަކީ އަމިއްލަ ނަފްސަށް ލިބިފައިވާ މިނިވަންކަމަށް ކިޔާ ނަމެއް ކަމަށް މުހީކާ ދެކެއެވެ.
މުހީކާވަނީ ކުރިއަރަމުން އަންނަ ގައުމުތަކުގެ ވެރިން ތަރައްގީގެ ނަމުގައި ތިމާވެއްޓަށް ގެއްލުންދޭ ކަންކަން ކުރަމުންދާ ކަމަށްބުނެ އެފަދަ ގައުމުތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އުރުގުއޭގެ އިދިކޮޅުފަރާތްތަކުން ވަނީ މުހީކާގެ ވެރިކަމުގައި ތަޢުލީމާއި ޞިއްޙި ދާއިރާ ވަރަށް ބޮޑަށް ހީނަރުވަމުންދާ ކަމަށްބުނެ ފާޑު ކިޔާފައެވެ. ނަމަވެސް މުހީކާގެ މަގްބޫލުކަން ކުޑަވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ އެގައުމުގައި 12 ހަފްތާނުވާ މާބަނޑު އަންހެނުންގެ ބަނޑުގައިވާ ދަރިވައްޓާލުން ހުއްދަކުރުމަށް ބިލެއް ފާސްކުރިއިރު މުހީކާ އެކަން ނުހުއްޓުވުމުންނެވެ. އަދި ކެނަބިސް ހުއްދަކުރުމަށް ކުރެވުނު ބަހުސްތަކުގައިވެސް މުހީކާވަނީ އެކަމަށް ތާއީދުކޮށްފައެވެ. މިކަންކަމާއެކުވެސް މުހީކާއަށް ގިނަބައެއްގެ ލޯބިވަނީ ލިބިފައެވެ. ނަމަވެސް އެންމެ ދައުރަކަށްފަހު މުހީކާވަނީ ވެރިކަމުން އިސތިޢުފާދީފައެވެ. އަދި ވެރިކަން ނިމުމުން ދައުލަތުގެ ފަރާތުން ލިބޭ ޕެންޝަންވެސް އޭނާ ބޭނުމެއް ނުކުރެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން