އައިސްލޭންޑޭ ބުނެފި ނަމަ، އެންމެ އަވަހަށް ހިތަށް އަންނާނީ ފުޓްބޯޅައިގެ މަތިންނެވެ. އެއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފުޓްބޯޅައިން އެގައުމު ހޯދާފައިވާ ކާމިޔާބީގެ ސަބަބުން ނެވެ.

ގާތްގަޑަކަށް 329,000 މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑުގެ ރައްޔިތުންނަކީ ފޮތް ކިޔުމަށާއި ފޮތް ހަދިޔާ ކުރުމަށް ވެސް ވަރަށް ޝައުގުހުންނަ ބައެކެވެ.

އާދަކާދަ އޮންނަގޮތުން ލިޔަންކިޔަން އެނގޭވަރުގެ ޢުމުރުފުރާއަށް އެޅުނީއްސުރެ، ފޮތް ކިޔުމަށް އަހުލުވެރި ކުރުވުމަކީ އެގައުމުގެ ސަގާފަތެކެވެ. ޚާއްސަކޮށް އަވަށްޓެރިންނާ ރައްޓެހި، ރަޙުމަތްތެރިން ގްރޫޕު ހަދާފައި ފޮތް ކިޔުމަކީ ވަރަށް ޢާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.

އެހެންކަމުން ސްކޫލުތަކުގައި ވެސް ދަރިވަރުން، ފޮތަށް އަހުލުވެރި ކުރުވުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ރާވަމުން ނެވެ. އެހެންގޮތަކަށް ބުނާނަމަ، އަދަބީ ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް އެކި ފެންވަރުގައި ރާވަ އެވެ.

މީގެ އިތުރުން އައިސްލޭންޑުގެ މީހުން ހަދިޔާއަކަށް ވެސް އެންމެބޮޑަށް ބޭނުންވަނީ ފޮތެވެ. އަދި ހަދިޔާގެ ގޮތުގައި އެހެން މީހުންނަށް ދެނީ ވެސް ފޮތެވެ.

އެގޮތުން އައު އަހަރު ފެށުން ފާހަގަ ކުރުމަށާއި އަހަރުގެ ތެރޭގައި އަންނަ އެކި ދުވަސްތަކުގައި އެކަކު އަނެކަކަށް، އެއް ޢާއިލާއިން އަނެއް ޢާއިލާއަށް ފޮތް ހަދިޔާ ކުރެ އެވެ.