އަސްލާއެއްގޮތަށް ކޭކް ހެދުމަކީ އެ ފަންނުގެ މީހުންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. 2020 ވަނަ އަހަރު އެންމެން ލޮކްޑައުން ވެގެން ތިބެން ޖެހުމުން މިކަންވެސްވަނީ އެހެން ހަރުފަތަކަށް ގެންގޮސްފައެވެ. ގޭގައި ބޭނުންކުރާ ހަމަ ކޮންމެ އެއްޗެއް ފަޅާލިއަސް އެތެރެއިން ފެންނަނީ ކޭކެކެވެ. މިޒާތުގެ އެތައް ވީޑިއޯއެއް މިދިޔަ އަހަރުގެ ތެރޭގައި މީސްމީޑިޔާގައި އާންމުވެގެން ދިޔައެވެ. ނަމަވެސް މިހާރު ޓްވިޓަރގައި އާންމުވެގެން އުޅޭ މި ފޮޓޯއަކީ މުޅިން އެހެން ގިންތިއެއްގެ މަސައްކަތެކެވެ.

ބަލިއެނދުގައި އޮތް މީހެއްސިފަވާ ގޮތަށް އޮތް މި ކޭކުގެ ފޮޓޯ ޓްވިޓަރގައި އާންމުކުރީ @ހޮރަރ4ކިޑްސް ކިޔާ ހެންޑަލްއަކުންނެވެ. ފޮޓޯތައް އާންމުވުމާއި އެކު މުޅި އިންޓަރނެޓް ކެކިގަތެވެ. އަސްލާއެއްގޮތް ކޭކު ހަދަމުންގޮސް އެކަން ގޯސްވާ ހިސާބަށް ކަންކަން ގޮސްފިކަމަށާ،މި ފަދަ ކޭކް ބަލަން އެއްވެސް މީހަކު ބޭނުންނުވާ ކަމަށް ބުނެ ގިނަ ބަޔަކު ޚިޔާލުފާޅުކުރިއެވެ. އަދި މިކަން ވައިގައި ހިއްޕަން ބޭނުންނުވާ ކަމަށާއި މިއީ ހައްދު ފަހަނައަޅާ ދިއުން ކަމަށްވެސް ބައެއް މީހުން ފާހަގަކުރިއެވެ.

މޭވާއާއި ތަރުކާރީ އަދި ގޭގައި އަތްލާ ހިފާ ގެންގުޅޭ ސާމާނާއި އެއްގޮތަށް ހަދާފައި ހުންނަ ކޭކުފަޅާތަން ބެލުމަކީ ގިނަބައެއްގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ނަމަވެސް ހޮސްޕިޓަލެއްގެ އެނދުގައި އޮތް ބަލިމީހެއް ސިފަވާކޭކު ފަޅާތަން ބަލަންވެސް ގިނަ ބަޔަކަށް ނުކެރުނެވެ. އެއީ ހިތަށް ފަސޭހަ މަންޒަރެއްނޫނެވެ.