ކޮންމެ މަހުލޫގެއްވެސް މާތް ﷲ ހައްދަވާފައިވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގަ. އެގޮތުން އެފަދަ މަހުލޫގެއް ކަމަށްވާ ކަކުނީގެ ނޭވައިލާ ނިޒާމަށް ނަޒަރުހިންގާލަމާ ހިނގާ. ކަކުނީގެ ނޭވާލާ ނިޒާމުގައި ހުންނަނީ ކަރުގަނޑެއް. ފުއްޕާމެއެއް ނުހުރޭ. ކަރުގަނޑަކީ މޫދުގައި އުޅޭ މަހުލޫގުންގެ ނޭވާލާ ނިޒާމު ބައްޓަންވެފައިވާ ގޮތް. އެގޮތުން ފެނުގައި ހުންނަ އޮކްސިޖަން މި ކަރުގަނޑުން ދަމާ އެ މަހުލޫގުންގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއަށް ފޮނުވައިދޭ. ކަކުނީގެ ނޭވައިލާ ނިޒާމުވެސް ތަރުތީބުވެފައިވަނީ ހަމަ މިފަދައިން. ކަކުންޏަކީ މޫދުގައްޔާއި އެއްގަމުގައި އުޅުމުގެ ކުޅަދާނަކަން ލިބިފައިވާ މަހުލޫގެއް. ނަމަވެސް ކަރުގަނޑުލީ މަހުލޫގަކަށް އެއްގަމުގައި އުޅުމަކީ ވަރަށްވެސް ދަތި އުނދަގޫ ކަމެއް. އެހެނީ ކަރުގަނޑަކީ އޭގެ ތެރެއަށް ވައި ވަންނަ ފަދަ ގުނަވަނަކަށް ނުވާތީ. ނަމަވެސް މާތް ﷲ ގެ މި ފުރިހަމަ މަހުލޫގުގައި އެކަނލާގެ ލައްވާފައިވާ ޚާއްސަ ސިފައެއްގެ ސަބަބުން އެސޮރަށް އެއްގަމުގައި އުޅުމުގެ ކުޅަދާނަކަން ލިބިފައިވޭ.
އެ ސޮރުގެ ކަރުގަނޑު ތެމިފައި ހުރެއްޖެނަމަ ޖައްވުގައި ހުންނަ އޮކްސިޖަން އެ ކަރުގަނޑުގެ ތެރެއަށް ދަމައިގަނޭ. އެހެންކަމުން އެއްގަމުގައި އެސޮރު އުޅޭއިރު އަބަދުވެސް ކަރުގަނޑު ތެމިފާ ހުރުން މުހިންމު. އެ ސޮރުމެންގެ ދިރިއުޅުން މާތް ﷲ ތަރުތީބު ކުރައްވާފައިވާ ގޮތުން ކަކުނީގެ ކަރުގަނޑުގެ ތެތްކަން ފިލާ ދިއުމުގެ ފުރުސަތު ވަރަށްކުޑަ. އެހެނީ އެސޮރުމެންގެ ދިރިއުޅުން ބިނާވެފައިވަނީ ގޮނޑުދޮށުގައި ކަމަށްވާތީ.
ކަކުނީގެ ބާވަތްތަކުގެ ތެރެއިން އެއްގަމުގައި އުޅޭ އެއްގަމު ކަކުނި ހިމެނޭ. މިވައްްތަރުގެ ކަކުންޏަށް ވާރޭފެން ކަކުނިވެސް ކިޔާ އުޅޭ. މި ކަކުނީގައިވެސް ވަނީ ހަމަ ކަރުގަނޑެއް. މި ކަރުގަނޑު ތެތްކަން ދެމެހެއްޓުމަށް މި ކަކުނީގެ ގުނަވަންތަކުގައި ގިނަ އަދަދަކަށް ފެން ރައްކާކުރެވިފައި ހުރޭ. މިފެންތަކުގެ ސަބަބުން މި ކަކުނީގެ ކަރުގަނޑު އަބަދުވެސް ތެތްކޮށްހުރޭ. ނަތީޖާއަކީ މި ކަކުނީގެ ނޭވާލާ ނިޒާމުގައި އުނިކަމެއް ނެތި ފުރިހަމައަށް ހިނގުން. މިއިން ކޮންމެ ކަމަކުން އެނގިހާމަވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން