ޖަމަލަކީ ހަނަފަސް ސަހަރާތަކުގައި ދިރިއުޅުގެ ކުޅަދާނަކަން ލިބިފައިވާ ޖަނަވާރެއް. މި ޖަނަވާރަކީ އެންމެ ގިނައިން ފެންބޯ ޖަނަވާރުކަމަށް ބުނެވޭ. އެގޮތުން އެންމެ 3 މިނެޓުގެ ތެރޭގައި 200 ލީޓަރު ފެން ބުއިމުގެ ކުޅަދާނަކަން ޖަމަލަށް ލިބިގެންވޭ. ޖަމަލުގެ ގޮށްގަނޑަކީ ފެން ޖަމާވާ ތަނެއްނޫން. އެސޮރު ބޯ ހުރިހާ ފެނެއްވެސް ދާނީ އެސޮރުގެ ބަނޑަށް. އެއަށްފަހު ހަޖަމުގެ ނިޒާމު ތަރުތީބުވެފައިވާ ގޮތަށް އެ ފެންތަށް ލޭގެ ތެރެއަށް ނަގަމުން ދާނެ. ޖަމަލުގެ ގޮށްގަނޑުގައި ޖަމާވެފައި ހުންނަނީ ސަރުބީ. ސަރުބީއަކީ އެ އެއްޗެހި ވިރުމުން އެއިން ހަކަތަ އުފެދޭ އެއްޗެއް. އިންސާނުންގެ ގައިގައި ހުންނަ ސަރުބީވެސް ވިރެންފެށުމުން ހަކަތަ އުފެދޭ. ޖަމަލުގެ ގޮށްގަނޑުގައި ޖަމާވެފައިވާ މި ސަރުބީތައް ވިރެންފެށުމުން އެސޮރުގެ ހަށިގަނޑަށް ބާރުޖެހެމުންދޭ. މިއީ އެސޮރު ހަނަފަސް ސަހަރާތަކުގައި ދިގު ދަތުރުތައް ކުރެވޭ ސަބަބު. އިންސާނުންގެ ހަށިގަނޑާ ހިލާފަށް ޖަމަލުގެ ހަށިގަނޑުގެ މަސްތަކުގައި ސަރުބީ ހުންނަލެއް ވަރަށްމަދު. ހުރިހާ ސަރުބީއެއް ޖަހާ، ޖަމާވަނީ ޖަމަލުގެ ގޮށްގަނޑަށް. މީގެ ސަބަބުން ޖަމަލުގެ ހަށިގަނޑު ފިނިކަންމަތީ ހުރުމަށް އެހީވެދޭ. އެހެނީ ސަރުބީ އަކީ ހަށިގަނޑު ހޫނުކޮއްދޭ އެއްޗެއް. ހަނަފަސް ސަހަރާތަކުގައި ޖަމަލުގެ ހަށިގަނޑު ފިނިކޮށް ހުންނަނީ މި ނިޒާމު މިހެން ތަރުރީބު ވެފައި ވާތީ. ސުބްހާﷲ