ހަށިގަނޑަށް ލިބޭ އަނިޔާ އާއި ހާނީއްކަ ތަކުން ފަސޭހަ ވާން ނަގާ މުއްދަތު އާދަޔާ ޚިލާފަށް އިތުރުކަމަށް ފާހަގަ ކުރެވޭތަ؟ ނުވަތަ ބައެއް ފަހަރު ފާރުގަނޑު ރަނގަަޅުވެ ފަސޭހަ ވުމުގެ ބަދަލުގައި އިތުރަށް ގޯސްވާ ކަމަށް ފާހަގަ ކުރެވޭތަ؟ އެހެން ކަމަށް ވާނަމަ ހަށިގަނޑުގައި ވާ ހަކުރުގެ މިންވަރު ބަލާލުން މުހިންމު. ލޭގައި ހަކުރުގެ މިންވަރު އިތުރު ވާކަމަށް ވަނީނަމަ، މި ހަކުރު (ގްލުކޯޒް)، ލޭހޮޅިތަކުގެ މަސައްކަތަށް ހުރަސް އަޅާ. ލޭހޮޅިތައް ހަރުވެ، ލޭ ދަތުރުކުރާ މަގު ހަނިވެގެންދޭ. ނަތީޖާއެއްގެ ގޮތުން ހަލާކުވެފައި ހުންނަ ތަންތަން ފަސޭހަ ވުމަށްޓަކާއި ސެލް ތަކަށް، ލޭގެ ޒަރިއްޔާއިން ލިބެންވާ ކާނާއާއި އޮކްސިޖަން ލިބުން މަދުވެ، އަދި ފާރުގަނޑުގެ ޒަރިއްޔާއިން އެތެރެވާ ޖަރާސީމާއި ހަނގުރާމަ ކުރުމަށް، ދިފާއީ ނިޒާމުގެ ސެލްތައް ލޭގެ ތެރެއިން ވާސިލުވާ މިންވަރު މަދުވެ، ފާރުގަނޑު ފަސޭހަ ވުމުގެ ބަދަލުގައި އިތުރަށް ގޯސް ވާ ފަހަރު އާދޭ. އެހެން ކަމުން ހަކުރު ހުރިވަރު ބެލުމާއި ހަކުރު ހުންނަން ޖެހޭ މިނުގައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. ހަކުރުގެ މިންވަރު ނުހިފޭއްޓިގެން ދާނަމަ ހަކުރުބަލި ޖެހުމުގެ ފުރުސަތުވެސް ބޮޑު.