ޖޯނީ ޑެޕް ކުޅެފައިވާ ޖެކް ސްޕެރޯ ކެރެކްޓަރަކީ، ހަގީގަތުގައި، މުސްލިމެކެވެ. މަޝްހޫރު ކަނޑުފޭރޭ މީހުންގެ ތެރެއިން ޖެކް ވޯޑްގެ ނަމުން މަޝްހޫރުވެފައިވާ ކެރެކްޓަރެކެވެ. އޭނާ ދަތުރުކުރަމުން ދިޔައީ 16 ވަނަ ގަރުނުގައި އުސްމާނީ ހިލާފަތުގެ ޒަމާނުގައި މެޑިޓެރޭނިއަން ކަނޑުގައެވެ. ޖެކް ވޯޑް، “ޖެކް ބާޑީ” ނުވަތަ ޖެކް ސްޕެރޯ ގެ ނަމުން މަޝްހޫރުވެފައިވާއިރު، ސްޕެރޯ (ދޫންޏެއް) ގެ ނަމުން ނަންދެވިފައިވަނީ އޭނާ ކުޑަކުޑަ ދޫންޏެއް އޮޅުކޮށްގެން ގެންގުޅުމަށް އާދަވެފައި ވާތީ އެވެ. ޓިއުނީޝިއާގައި އޭނާ ހޭދަކުރި ދުވަސްވަރު، އެރަށު މީހުން އޭނާއަށް ޖެކް "ސްޕްރޯ" ކިޔާ އުޅުނެވެ. އަދި ޖެކް އިސްލާމްވުމަށްފަހު އޭނާއަށް “ޔޫސުފް ރެއިސް” ގެ ނަމުން ވެސް ނަންދެވިފައިވެއެވެ. 

ޖެކް އުފަންވީ އައްސޭރިފަށުގެ ފަގީރު އާއިލާއަކަށެވެ. ޒުވާން އުމުރުގެ އަހަރުތަކެއް ހޭދަކުރީ ޗަސްބިން ތަކާ ކުޅިތަކުގައި މަސްވެރިކަން ކުރުމުގައެވެ. އޭގެ ފަހުން ކަނޑު މަސްވެރިކަމަަށް ނުކުމެ އުޅެ، ނިޔަމި ކަމާއި މާލިމީކަމަށް ފައްކާވަމުން ދިޔައެވެ.

އޭނާ އިސްލާމް ވުމުގެ ކުރިން، އިނގިރޭސިވިލާތަށްޓަކައި 1588 ވަނަ އަހަރު، އޭނާ އިސްވެ ހުރެ، ސްޕެއިންގެ އާމާޑާއަށް އަރާ އެރަށް ހިފުމުން، މި ސަރަހައްދުގެ އެންމެ ނުރައްކާތެރި ކަނޑުފޭރޭ މީހަކަށް އަދި ދުނިޔޭގައި ހުރި އެންމެ "ޝަރަފުވެރި" ކަނޑުފޭރޭ މީހާ ކަމުގައި ޖެކް ސްޕެރޯ ވެގެން ދިޔައެވެ. 

ޖެކް ވަނީ އޭނާގެ ޓީމުގެ ބައިވެރިންގެ ތާއީދާއި އެކު، ކަނޑުފޭރޭ ޖަމާއަޔެއްގެ ކައްޕިކަމަށް ވެފައެވެ. އެއީ އިންތިހާބެއްގެ އުސޫލުން "ވޯޓުގެ" ނިޒާމަކުން ކުރެވުނު ކަމެކެވެ. އެއީ ތާރީހުގައި ފުރަތަމަ ފަހަރަށް ކަނޑުފޭރޭ ޖަމާއަތެއްގެ ހާއްސަ ކައްޕިއެއްގެ ގޮތުގައި މީހަކު ހޮވި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އެ ޖަމާއަތުން ވަނީ ގަވައިދުން ކަނޑު ފޭރުމުގެ އަމަލުތަކުގައި ބައިވެރިވެ، އެތައް ބައެއްގެ މުދަލާ ފައިސާ ފޭރިގަނެ، އެތައް ބައެއް އަޅުންގެ ގޮތުގައްޔާއި ރަހީނުންގެ ގޮތުގައި ގެންގުޅިފައެވެ.

ޖެކް ސްޕެރޯ އިސްލާމްވި ސީދާ ތާރީހެއް ސާފުކޮށް އެނގެން ނެތް ނަމަވެސް އެއީ 16ވަނަ ގަރުނުގެ ފަހުކޮޅުކަން އެނގެއެވެ. އަދި ޖެކް އިސްލާމްވީ ޓިއުނީޝިއާގައި ހުރި ދުވަސްވަރެއްގައި ކަންވެސް އެނގެއެވެ. ޖެކް އާއި އޭނާގެ ބޯޓުގެ ހުރިހާ ފަޅުވެރިން އިސްލާމްވެ، އޭނާގެ ނަން ޔޫސުފް ރެއިސް އަށް ބަދަލުކޮށް ބަނގުރާ ބުއިން ހުއްޓާލިއެވެ. އަދި ކަނޑު ފޭރުމުގެ އެއްވެސް ހަރަކާތެއްގައި ފަހުން ބައިވެރި ވެފައެއް ނުވެއެވެ. ޔޫސުފް ރެއިސް ކައިވެނި ކުރީ “ޖޭސްމީން” ކިޔާ އިޓަލީވިލާތުގެ މުސްލިމު އަންހެނަކާއެވެ. ނަމަވެސް އޭނާގެ އިނގިރޭސި އަންހެނުންނަށް ފައިސާ ފޮނުވުން ހުއްޓައެއް ނުލައެވެ. އޭނާގެ ހަޔާތުގެ ބާކީ ބައި ދިރިއުޅެމުން ދިޔައީ ޓިއުނީޝިއާގައި ހުންނަ އޭނާގެ "ގަނޑުވަރު" ގައެވެ. ޔޫސުފް ރެއިސް، އޭނާގެ އާ ޢަރަބި ނަމާއެކު، ޔޫރަޕްގައި އޭނާގެ ނަން ފަނޑުވެ، ޔޫރަޕުގެ މުސައްނިފުންގެ ފޮތްތަކުގައި އޭނާ އަކީ ހަރުކަށި ޖިހާދީންގެ ތެރޭގައި ހިމެނޭ ނުބައި މީހެއް ކަމަށް ލޭބަލް ކުރަމުން ގެންދިޔައެވެ.

އަންޑަލޫޝިއާ ދައުލަތް ވެއްޓުމަށްފަހު، ހިނގަމުން ދިޔަ އަނިޔާވެރި ކަންތައްތަކުގެ ތެރެއިން، އެބައިމީހުންގެ ދީންތައް ދޫކޮށް ނަޞާރާދީނަށް ވަނުމަށް މަޖުބޫރު ވަމުން ދިޔަ އެތައް މުސްލިމުންނަކާއި ޔަހޫދީންގެ ފުރާނަ ސަލާމަތްކުރުމުގައި ޔޫސުފް ރެއިސް ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. އޭނާ އިސްލާމްވުމަށްފަހު ޔޫރަޕްގައި އޭނާގެ މަގުބޫލުކަން ދަށްވިއިރު، ހާއްސަކޮށް "ޕީއޯ" ކޯރާއި މެޑިޓެރޭނިއަން ކަނޑުގެ ކޮންޓްރޯލް ހޯދުމަށް ދަހިވެތިވެފައި ތިބި އިނގިރޭސި ކަނޑުފޭރޭ މީހުންގެ މެދުގައި އޭނާގެ މަގުބޫލުކަން ކުޑަވިއެވެ.

ޓިއުނީޝިއާއިން ޖެކް، އިސްލާމް ވުމުގެ ކުރިން އޭނާ އާއި ބައްދަލުވި ސައްޔާހަކު އޭނާ ސިފަކޮށް ލިޔެފައި ވަނީ މިފަދައިންނެވެ. “ކުރިމަތީ ބޮލުގެ އިސްތަށިގަނޑު ކުޑަކޮށް ހުންނަ ކުރު މީހަކެވެ. ހަގީގަތުގައިވެސް ހުދު ހަންގަނޑެއްގައި ކަޅު ކަޅު ތުނބުޅިއެއް ހުރި، ހެނދުނުން ފެށިގެން ހަވީރާ ހަމައަށް އަބަދުވެސް މަސްތުވެގެން އުޅޭ މީހެކެވެ”. ޖެކް ސްޕެރޯ ނުވަތަ "ޔޫސުފް ރެއިސް" އަކީ ހޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ކުޅެފައިވާ ކެރެކްޓަރެއް ނަމަވެސް މި ހުރިހާ ކެރެކްޓަރުތަކަކީ ހަމައެކަނި ޚިޔާލީ ކެރެކްޓަރު ތަކެކެވެ. ހަގީގީ ކެރެކްޓަރާއި ދުރު ކެރެކްޓަރެކެވެ.

1612 ވަނަ އަހަރު އިނގިރޭސި ތަމްސީލު ލިޔުންތެރިޔާ “ރޮބަޓް ޑަބޯން” ވަނީ މުސްލިމް ޖެކް ސްޕެރޯގެ ވާހަކައަށް ބިނާކޮށް “އަ ކްރިސްޓިއަން ޓާންސް އިންޓު ޓާކިޝް” ގެ ނަމުގައި ތިއޭޓަރ ޝޯއެއް އުފެއްދާފައެވެ. އެހެންކަމުން، ދެން “ޕައިރޭޓްސް އޮފް ދަ ކެރިބިއަން” ފިލްމު ބަލާއިރަކުން ކެޕްޓަން ޔޫސުފް ރެއިސް ގެ މަތިން ހަނދާން ނައްތާނުލާށެވެ. އެހެނީ އެއީ ޖެކް ސްޕެރޯ ގެ އަސްލެވެ.

* މި ލިޔުމުގައި ލިޔެފައިވާ، ކަނޑުފޭރޭ މީހުންނޭ ބުނެވޭ ބަހުގެ އިނގިރޭސި މާނައަކީ ޕައިރޭޓުންނެވެ.

 

ހަވާލާ: ނައުޝާދް އަންޞާރީ (2019)