މި ފަހުން މުޅި ދުނިޔޭގެ ކަޅި އަމާޒުވެފައި އޮތީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅުގެ ކައިވެންޏާއި، އެއާ ގުޅުންހުރި ހަފްލާތަކަށެވެ.

އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓުގެ ކައިވެނި 12 ޖުލައިގައި ކުރެވިފައި ވާއިރު، ކައިވެނި ހަފްލާގެ މާ ކުރިން ވަނީ އެއާ ގުޅުންހުރި އެހެނިހެން ހަފްލާތައް ބާއްވައިފައެވެ. އަދި މީގެން ކޮންމެ ހަފްލާއެއްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން އިޓަލީގެ ޕޯޓޮފީނޯގައި ބޭއްވި އެއް ހަފްލާގައި ބައިވެރިވި މަޝްހޫރު މީހަކަށް ވަނީ ކާއެއްޗެހިން އިސްތަށި ފެނިފައެވެ.

އިންޑިއާގެ މަޝްހޫރު އިންފްލުއެންސަރ އޮރީ، އަމްބާނީގެ ހަފްލާއެއްގައި ބައިވެރިވެ ކުރި ޓުއާ ވީޑިއޯއެއްގައި އެތާނގެ ރީތިކަމާއި، ކާއެއްޗެހި ދައްކަނިކޮށް ވަނީ ކާ އެއްޗަކުން އިސްތަށި ފެނިފައެވެ. އޮރީ އާއި އޭނާގެ އެކުވެރި ތާނިއާއަށް އިސްތަށި ފެނިފައި ވަނީ "ވަޑާ ޕާވް" އަކުންނެވެ. އެކަމާ ފަކުރުން ތާނިއާ ބުނަނީ، އޭނާ ހުރީ އޭތި ވަރަށް ކާހިތުން ކަމަށާއި، އެކަމަކު ދެން ނުކެރޭނެ ކަމަށެވެ. 

އެހާ ބޮޑެތި މުއްސަނދިންގެ ހަފްލާތަކުގައި ވެސް ސާފުތާހިރުކަމަށް ސަމާލުކަން ނުދޭ ކަމަށްބުނެ މީޑިއާތަކުގައި އެވާހަކަ ލިޔެފައިވެއެވެ. ނަމަވެސް މިކަމާ ގުޅިގެން އަމްބާނީ އާއިލާއިން ރައްދު ދީފައެއް ނުވެއެވެ.

އަނަންތު އަމްބާނީއާއި ރާދިކާ މާޗެންޓުގެ ކައިވެންޏާއި އެއާ ގުޅިގެން ބޭއްވި އެހެނިހެން ހަފްލާތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންނަށް ވަނީ ދަޢުވަތު ދީފައެވެ. އޭގެތެރޭގައި ކިމް ކާޑޭޝިއަން، ޖަސްޓިން ބީބާ، ޖޯން ސީނާ ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.