މިދިޔަ ދެ ހަފްތާ ގައި ޓިކްޓޮކް ބަލާ އެންމެންގެ ބޮލުގައި ވެސް އޮތީ އެއް ލަވައެކެވެ. އެއީ "ސަން ސަނަނަނަ" އެވެ.

ޓިކްޓޮކްގައި އެކި ދުވަސްވަރު އެކި ޓްރެންޑުތައް ވައިރަލް ވާއިރު، މިފަހަކުން އެންމެ ގަދަޔަށް ވައިގައި ހިފި ޓްރެންޑަކީ މިއެވެ. އެއީ އަލްކާ ޔަގްނިކް ކިޔާފައިވާ ބޮލީވުޑްގެ ލަވައިގެ ބަނޑިތަކާ އެއްވަރަށް މޭކަޕްކޮށް، އިންޑިއަން ބްރައިޑަކަށް ބަދަލުވުމެވެ. މޭކަޕް އާޓިސްޓުންގެ މެދުގައި އެންމެ ފުރަތަމަ ފެށުނު މި ޓްރެންޑު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރާފައެވެ. އަދި މި ޓްރެންޑުގައި ބައިވެރި ނުވާ ޓިކްޓޮކް އަންހެން ކްރިއޭޓާ އެއް ވަރަށް މަދު ވާނެއެވެ. 

އެންމެފަހުން ދިވެހިންނާ ހަމައަށް ވެސް އައިސް، ދިވެހި ފިލްމީ ތަރި އައިޝާ ވަނީ މި ޓްރެންޑުގައި ބައިވެރިފައެވެ. ރުތުބާ އަހުމަދުގެ މޭކަޕް ފެނިގެންދާ އެ ވީޑިއޯއަށް 1 ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އެހެން ޤައުމުތަކުގެ މަޝްހޫރު ޓިކްޓޮކް ތަރިން ހަދާފައިވާ ވީޑީއޯތަކަށް މިލިއަނުން ވިއުސް އާއި ލައިކު ވަނީ ލިބިފައެވެ. 

މީގެ ކުރިން ވެސް މޭކަޕްގެ އެކި ޓްރެންޑުތައް ޓިކްޓޮކުން ފެނިފައި ވިޔަސް، މިފަހަރުގެ ޓްރެންޑު ތަފާތު ވަނީ ލަވައާ ހުރެއެވެ. މިއީ ވަރަށް ފަސޭހައިން ބޮލުގައި ހަރުލާ ލަވައެއް ކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. 

"ސަން ސަނަނަނަ" އަކީ 2001 ވަނަ އަހަރު ނުކުތް 'އަޝޯކާ' ފިލްމުގެ ލަވައެކެވެ. ކަރީނާ ކަޕޫރުގެ ފަރި ހަރަކާތްތައް ފެންނަ އެ ލަވައިގައި ބަތަލުގެ ބައި ކުޅެފައިވަނީ ޝާހްރުކް ޚާނެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ، މި ލަވައަށް މިހާ ބޮޑު ތަރުހީބެއް ލިބިފައި ވިޔަސް، 'އަޝޯކާ' ފިލްމަކީ ބޮކްސް އޮފީހުގައި ފްލޮޕުވި ފިލްމެއް ކަމެވެ.