1987 އިން ފެށިގެން މެދުކެނޑުމެއްނެތި ބޮލީވުޑްގައި ވިދަމުން އަންނަ ތަރި އާމިރު ޚާން ދުވަސްކޮޅަކަށް ފިލްމީ ދާއިރާއާ ދުރަށް ޖެހިލަން ނިންމައިފިއެވެ. އޭނާ މިގޮތަށް ނިންމި ކަމަށް ބުނެފައިވަނީ އިންޑިއާގެ ދިއްލީގައި އޭނާގެ ރައްޓެއްސަކު ބޭއްވި 'ޗެޓް ސެޝަން'އެއްގައި ވާހަކަދައްކަމުންނެވެ.

"ލާލް ސިންގ ޗައްދާ"އިން އެންމެ ފަހުން ފެނިގެންދިޔަ އާމިރު ބުނެފައިވަނީ އޭނާ މިގޮތަށް ނިންމީ މި ދާއިރާގައި މަސައްކަތްކުރާއިރު ޢާއިލާއަށާއި ގާތުގައި އުޅޭ އެންމެންނަށް ދޭންވާ ވަޤުތު ނުދެވޭތީ ކަމަށެވެ. އަދި އެއީ އިންސާފެއް ނޫން ކަމަށް ދެކެވޭތީއެވެ. 

"ލާލް ސިންގ ޗައްދާއަށްފަހު ވެސް ފިލްމެއް ފަށަން އުޅުނިން! އެއީ 'ޗެމްޕިއަންސް' ނަމަކަށް ކިޔާ ފިލްމެއް! ވަރަށް ރީތި ސްކްރިޕްޓެއް... ވަރަށް ބޮޑަށް ކުރިއަރައިގެންދާ ފަދަ ވާހަކައަކަށް ހަދައިފައި އޮތް އެއްޗެއް! އެކަމަކު އަހަރެންނަށް އިޙްސާސްވަނީ މިކަންކަމާ އުޅެގެން ޢާއިލާއަށް ދޭން ޖެހޭ ވަޤުތު ނުދެވޭ ކަން! އެންމެ މުހިއްމުވާނީ ޢާއިލާކަން! އަދި މަންމައާއި ދަރިންނާއެކު ގިނަ ވަޤުތު ހޭދަކުރަން ބޭނުންވާތީ މިހެން މި ނިންމީ!" އާމިރު ކިޔައިދިނެވެ. 

Family pictures of Aamir Khan that are too good to miss | Filmfare.com
އާމިރު ޚާން އޭނާގެ އަނބިމީހާއާއި ދަރިފުޅާއެކު

އިތުރަށް ވާހަކަދައްކަމުން އާމިރު ބުނީ ދެން އެންމެ އަވަހަށް ވެސް ފިލްމީ ދާއިރާއިން އޭނާ ފެންނާނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުން ކަމަށެވެ. އަދި މިހާރު ސްކްރިޕްޓް ނިމިފައި އޮތް ފިލްމު "ޗެމްޕިއަންސް" ކުޅޭނެ ކަމުގެ ޔަޤީންކަން އާމިރު ވަނީ ދީފައެވެ. އެއީ އޭނާއަށް އެ ފިލްމަށް އޮތް އުއްމީދު ވަރަށް ބޮޑު ވީމައެވެ.

އާމިރު ޚާންގެ ފޭނުންނަށް އެއް ނަޒަރަކުން ބަލާއިރު މިއީ ހިތާމަވެރި ޚަބަރެކެވެ. ނަމަވެސް އަނެއް ނަޒަރަކުން ބަލާއިރު ދެރަވުމެއް ނެތެވެ. ކޮންމެއަކަސް އޭނާއަކީ "ތާރޭ ޒަމީން ޕަރް"އާއި "ދަންގަލް" އަދި "ތުރީ އީޑިއަޓްސް" ފަދަ މޮޅެތި ފިލްމުތަކަކުން ބެލުންތެރިންގެ ލޯބި ހޯދައިފައިވާ އެކްޓަރެކެވެ.