ބޮލީވުޑް އެކްޓްރެސް ރާނީ މުކެރްޖީ އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ކުރީކޮޅު ރިލީޒްކުރި ފިލްމު މިސިޒް ޗެޓަރްޖީ ވަރސަސް ނޯރވޭއިންނެވެ. އެ ފިލްމުގަ ރާނީ އަދާކުރީ އޭނާގެ ދަރިންގެ ކަސްޓަޑީ ހޯދަން ނޯރވޭގެ ޖޫޑީޝަލް ސިސްޓަމާ ހަނގުރާމަކުރާ އިމިގްރެންޓް މަންމައެއްގެ ރޯލެވެ.

ފިލްމުގަ އޭނާ އަދާ ކުރި ރޯލަށް ބެލުންތެރިންގެ އިތުރުން ފިލްމް ކްރިޓިކްސްގެ ފަރާތުންވެސް ވަނީ އޭނާއަށް ބޮޑު ތަޢުރީފެއް ލިބިފައެވެ. ދަރިންދެކެ ލޯބިވާ މަންމައެއްގެ އަތުން ދަރިން ނެގީމަ އެ މަންމަ އުޅޭނެ ހާލު އަދި އެ މަންމައަށް ކުރާނެ އަސަރު ރާނީ ފިލްމުގަ އޭނާގެ އެކްޓިންގއިން ދައްކުވައިދިން ގޮތް އެހާވެސް މޮޅެވެ. 

 

މެލްބަންގަ މިހާރު ކުރިއަށްދާ އިންޑިއަން ފިލްމް ފެސްޓިވަލގަ ނޫސްވެރިންނާ ވާހަކަދައްކަމުން ރާނީ ވަނީ 2020 ވަނަ އަހަރު އޭނާ އަށްވެސް ދަރިއަކު ގެއްލިފައިވާ ކަމަށެވެ. ފިރިމީހާ، ޕްރޮޑިއުސަރ އަދިއްތިޔާ ޗޯޕްރާ، އާއިއެކު ދެވަނަ ދަރިފުޅަށް ބަލިވެއިނދެ ބަނޑަށް 5 މަހުގަ ދަރިފުޅު ބައިގެން ދިޔައީއެވެ. މި ދެމީހުންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2015 ވަނަ އަހަރުގައެވެ.

މީގެ ކުރިން ރާނީ މި ވާހަކަ މީޑިއާއާއި ހިއްސާކޮށްފައެއް ނުވެއެވެ. މިއަހަރު ކުރީ ކޮޅު އިސްވެ ދެންނެވުނު ފިލްމު ރިލީޒްކުރިއިރު ފިލްމުގެ ޕްރޮމޯޝަންތެރެއިންވެސް އެވާހަކަ ހިއްސާނުކުރީ، އެއީ ފިލްމު ޕްރޮމޯޓްކުރަން އޭނާ ދައްކާ ވާހަކައެއްކަމަށް ބައެއް މީހުން ދެކެފާނެތީ ކަމަށް ރާނީ ބުންޏެވެ. ފިލްމުގަ މިސިޒް ޗެޓަރްޖީގެ ރޯލު އަދާކުރަން ޕްރޮޑިއުސަރ ނިކިލް އަދްވާނީ އޭނާއަށް ގުޅީ ދަރިފުޅު ބައިގެންދިޔަތާ 10 ވަރަކަށް ދުވަސްފަހުން ކަމަށާ، ސްޓޯރީ ލައިން ކިޔައިދިނުމުން އޭނާއަށް އެ ރޯލާ ވަރަށް ބޮޑަށް ކަނެކްޓްވެވުނުކަމަށް ވެސް ރާނި ކިޔައިދިނެވެ. އަދި ނޯރވޭ ފަދަ ޤައުމެއްގަ އިންޑިއާ އާއިލާއަކަށް އެފަދަ ކަމެއް ކުރިމަތިވެދާނެއޭ ޤަބޫލުކުރަންވެސް ދަތިވިކަމަށް ރާނީ ބުންޏެވެ.

ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެ މިސިޒް ޗެޓަރޖީ ވަރސަސް ނޯރވޭ ރިލީޒްކުރީ 17 މާރިޗު 2023 ގައެވެ. ފިރިމީހާއާއެކު ނޯރވޭއަށް ހިޖުރަކުރި ސާގަރިކާ ޗަކްރަބޯތީގެ ދެ ދަރިން، ނޯވޭގެ ޗައިލްޑް ވެލްފެއަރ ސަރވިސަސްއިން ނެގުމާ ގުޅިގެން އެ ދަރިން އަންބުރާ ހޯދަން ނޯރވޭގެ ކޯޓުތަކުގަ ސާގަރިކާ ކުރި މަސައްކަތް ދައްކުވައިދޭ މި ފިލްމަކީ 29 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ފިލްމަށް ބޮކްސް އޮފީހުގައި 36.53 ކްރޯޑް ރުޕީސް ލިބިގެންދިޔައިރު މި ފިލްމު ވެގެންގޮސްފައިވަނީ މިހާތަނަށް ނޯރވޭގަ އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމަށެވެ.