އަމިއްލަ މީހާ އުޅޭ ފިލްމެއް ދުވަހަކުވެސް ބަލާފައި ނުވާނެ ކަމަށް، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ބުނެފިއެވެ. ކަރީނާ މިހެން ބުނެފައި ވަނީ "ކޮފީ ވިތު ކަރަން" ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވަމުންނެވެ.

ޑިޒްނީ + ހޮޓްސްޓާ އިން ދައްކާ ޓޯކް ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ކަރީނާއާއެކު ބައިވެރިވެފައި ވަނީ އެކްޓްރެސް އާލިއާ ބަޓް އެވެ. އޭގައި ވާހަކަދައްކަމުން، ބެލުންތެރިންނަށް ކުރިން ނޭނގޭ އެކިއެކި ވާހަކަ ހިއްސާކުރަމުން ކަރީނާ ބުނީ، އަމިއްލައަށް އެކްޓުކޮށްފައި ހުރި ފިލްމެއް ފެނުމުން ހާސްވާ ކަމަށެވެ. އަދި އެ ސަބަބާހުރެ މިހާތަނަށް ދުވަހަކުވެސް އަމިއްލަ ފިލްމެއް ބަލާފައި ނުވާނެ ކަމަށް ބުންޏެވެ. 

"އަހަންނަށް ހީވަނީ އަހަރެން މިހާރު މިހުރީ ދިރިއުޅުމުގަ ވަރަށް ހަމަޖެހޭ، އުފާވެރި ހިސާބެއްގަ ހެން. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދަނީ. އެހެން ގޮސްގޮސް ހުއްޓާ  އަމިއްލަ މީހާގެ ފިލްމުތައް ބަލައިގެން އަމިއްލައަކަށް ފާޑުކިޔެން ފެށިދާނެ. އެހެން ވާކަށް ބޭނުމެއް ނޫން"، ކަރީނާ ކިޔައިދިނެވެ. 

ކަރީނާގެ މި ވާހަކަ އިވިފައި އާލިއާއަށް ހައިރާންކަން ލިބިގެންދާ މަންޒަރު ފެނެއެވެ. "ތިއީ ވަރަށް ހައިރާންވާ ކަހަލަ ވާހަކައެއް"، ކަރީނާ އަކީ އެންމެ "ކޮންފިޑެންޓް" ބަތަލާގެ ގޮތުގައި ސިފަކުރަމުން އާލިއާ ބުންޏެވެ. 

ކަރީނާ އަކީ ބޮލީވުޑްގައި އެންމެ ގަދަޔަށް ވިދަމުން އަންނަ ތަރިންގެ ތެރޭގައި، 2000 ގެ ކުރީކޮޅުން ފެށިގެން ހިމެނޭ އެކްޓްރެސް އެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކެރެކްޓާއަކީ 'ކަބީ ޚުޝީ ކަބީ ގަމް'  ގައި ކުޅުނު "ޕޫ"ގެ ކެރެކްޓާއެވެ.