އެމެރިކާގެ މަޝްހޫރު ސިޓްކޮމް 'ފްރެންޑްސް' ގެ މައިގަނޑު އެއް ކެރެކްޓާ ކުޅުނު އެކްޓަރު މެތިއު ޕެރީ މަރުވިތާ 2 ހަފްތާ ފަހުން، އެ ޝޯގެ ތަރިން މީސްމީޑިއާގައި ހިތާމަ ފާޅުކޮށްފިއެވެ.

1994 ން 2004 އާ ހަމައަށް ދެމިގެންދިޔަ އެ ޝޯގެ މައިގަނޑު 6 ކެރެކްޓާގެ ތެރެއިން މެތިއު ކުޅެފައިވަނީ ޗޭންޑްލާ ބިންގް ގެ ކެރެކްޓާއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުއްލި ގޮތަކަށް މެތިއު މަރުވުމާއެކު، ޝޯގެ ފޭނުން އަންނަނީ މީސްމީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އަދި މެތިއުގެ މަރާ ގުޅޭގޮތުން އެ ޝޯގެ ދެން ތިބި ތަރިން ބުނަނީ ކީކޭތޯ ބަލަން ފޭނުން ކެތްމަދުވެފައި ތިއްބައި، މީގެ ދެދުވަސް ކުރިން އެ ތަރިން ވަނީ އިންސްޓަގްރާމަށް އެމީހުންގެ އުދާސްތައް ބަންޑުންކޮށްލައިފައެވެ. 

ފަހަރަކު މީހަކު ވަކިވަކިން މެތިއު އަށް ޓްރިބިއުޓްގެ ޕޯސްޓުތައް ހިއްސާކޮށްފައިވާއިރު، އެންމެ ފުރަތަމަ ޕޯސްޓު ކުރީ އެ ޝޯގައި ޖޯއީ ގެ ކެރެކްޓާ ކުޅުނު މެޓް ލަ ބްލާންކް އެވެ. 'ފްރެންޑްސް' ގައި އެންމެ ގާތް ގުޅުމެއް އޮތް ދެ ކެރެކްޓާއަކީ ޖޯއީ އާއި ޗޭންޑްލާ ކަން ފާހަގަކޮށްލެވެއެވެ. އަދި ހަގީގީ ދިރިއުޅުމުގައި ވެސް އޮތީ ވަރަށް ހާއްސަ ގުޅުމެއް ކަން މެޓް ވަނީ އެ ޕޯސްޓުން ކިޔައިދީފައެވެ. އެގޮތުން މެޓް ބުނީ އޭނާ މެތިއު އަށް އަލްވަދާޢު މި ކިޔަނީ ވަރަށް ބަރު ހިތަކާ އެކީ ކަމަށެވެ. އަދި މެތިއު އާ އެކީ ހޭދަކުރި އަހަރު ތަކަކީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި އަހަރުތައް ކަމަށް ބުންޏެވެ. އެ ޓްރިބިއުޓް ނިންމައިލަމުން މެޓް ވަނީ، 'ފްރެންޑްސް' ގެ ޖޯކެއް ހިއްސާކޮށްފައެވެ. 

މެޓް އަށް ފަހު، މޮނިކާގެ ރޯލު ކުޅުނު ކޯޓްނީ ކޮކްސް އާއި، ރޭޗަލް ގެ ރޯލު ކުޅުނު ޖެނިފާ އެނިސްޓަން އާއި، ރޮސް ގެ ރޯލު ކުޅުނު ޑޭވިޑް ޝްވިމާ އަދި ފީބީ ގެ ރޯލު ކުޅުނު ލީޒާ ކުޑްރޯ ވަނީ މެތިއުގެ ފޮޓޯއާއެކު ޓްރިބިއުޓް ދީފައެވެ. މި އެންމެންގެ ޕޯސްޓުތަކަށް ވެސް ވަނީ މިލިއަނުން ލައިކު ލިބިފައެވެ. އެންމެންގެ ޕޯސްޓުގައި ވެސް އެއް ކަމަކަށް ފާހަގަކޮށްފައިވަނީ، މެތިއު ޕެރީ އަކީ ވަރަށް މަޖާ، ހިތްހެޔޮ މީހެއް ކަމެވެ. އަދި މެތިއުއާއެކީ އަހަރުތަކެއް ވަންދެން އެކުގައި މަސައްކަތް ކުރަން ލިބުމަކީ ދުވަހަކުވެސް ފޮހެވިގެން ނުދާނެ ހަނދާންތަކެއް ކަމަށް ބުނެފައިވެއެވެ. 

އުމުރުން 54 އަހަރުގައި މެތިއު ޕެރީ މަރުވީ، ހޮޓް ޓަބް އަކަށް ގެނބިގެންނެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ނެތް ކަމަށް ލޮސް އެންޖަލިސްގެ ފުލުހުން ވަނީ ބުނެފައެވެ. 

'ފްރެންޑްސް' އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވަރަށް މަޤުބޫލު ސިޓްކޮމް އެކެވެ. މި ޝޯގައި ދައްކަނީ ނިއު ޔޯކުގައި އުޅޭ ޒުވާން 6 ރައްޓެހިންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެވެ. މި ޝޯއަށް ލިބުނު ތަރުހީބާއެކު، ޝޯ ނިމުނުތާ 18 އަހަރު ފަހުން 2020 ގައި ވަނީ ރީޔުނިއަން އެއް ވެސް ބާއްވައިފައެވެ.