ބޮލީވުޑްގެ އެހެން އެއްވެސް ތަރިއަކަށް މިހާތަނަށް ލިބިފައިނުވާ ޝަރަފެއް އެކްޓަރު، ވިކީ ކޯޝަލް އަށް ލިބިއްޖެއެވެ.

2012 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ވިކީ އަށް މިފަހުން ލިބިފައިވާ ޝަރަފަކީ، އިންސްޓަގްރާމުން ލިބުނު ޝަރަފެކެވެ.

އެގޮތުން، އިންސްޓަގްރާމް ގެ އޮފިޝަލް ހޭންޑްލް އިން ވަނީ ދާދި ފަހުން ވިކީ އަށް ފޮލޯ ކޮށްފައެވެ. އެއާއެކު ވިކީ ވެގެން ގޮސްފައިވަނީ، އިންސްޓަގްރާމުން ފޮލޯ ކުރާ ހަމައެކަނި އިންޑިއާގެ ފަންނާނަށެވެ. 

އިންސްޓަގްރާމުން ފޮލޯ ކުރަނީ އެންމެ 81 މީހުންނަށެވެ. އޭގެތެރޭގައި ވިކީ ހިމެނި، މި ޙަބަރު މީޑިއާތަކުގައި ފެތުރެން ފެށުމާއެކު، ގިނަ ބަޔަކު ދަނީ ވިކީ އަށް މަރުހަބާ ކިޔަމުންނެވެ. 

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްއާ ކައިވެނިކޮށްގެން އުޅޭ ވިކީ ކޯޝަލް އެންމެ ފަހުން ސްކްރީނުން ފެނިގެންގޮސްފައިވަނީ މިދިޔަ ހަފްތާގައި ނުކުތް ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" އިންނެވެ.