ބޮލީވުޑްގެ ކާމިޔާބު ލޯބީގެ ފިލްމު "އާޝިޤީ" ފްރެންޗައިޒްގެ ތިންވަނަ ފިލްމުގެ ޝޫޓިންގ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފިއެވެ.

ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު، އަނުރާގް ބާސޫ އާއި ކުޅަދާނަ ޕްރޮޑިއުސަރު، ބޫޝަން ކުމާރުގެ ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

މި ފަހަރުގެ ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ ކާތިކް އާރްޔަން އާއި ޓްރިޕްތީ ދިމްރީ ކަމަށް ވެސް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

1991 ވަނަ އަހަރު ބެލުންތެރިންނަށް ގެނެސްދިން "އާޝިޤީ" ފިލްމުން ރާހޫލް ރޯއީ އާއި އަނޫ އަގަރްވާލް ފެނިގެންގޮސްފައިވާއިރު، މި ފިލްމުގެ މިއުޒިކަށް ގިނަ ބައެއްގެ ތަރުހީބު ލިބި، ލަވަތައް ވަނީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފައެވެ. 

މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމެކޭ އެއްފަދައިން 2013 އަހަރުގައި ނިކުތް "އާޝިޤީ 2" ގެ ލީޑް ރޯލުން ވެސް މުޅިން އައު ތަރިންތަކެއް ފެނިގެންދިޔައިރު، މި ފިލްމުގެ ލަވަތައް ވެސް ބެލުންތެރިންގެ މެދުގައި މަގްބޫލްވެފައިވެއެވެ. މޯހިތު ސޫރީ ޑައިރެކްޓްކުރި، މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔައީ އަދިތްޔާ ރޯއީ ކަޕޫރު އާއު ޝްރައްދާ ކަޕޫރު އެވެ.

"އާޝިޤީ 3" ގެ ޕްލޮޓާއި ސްޓޯރީލައިންގެ އިތުރު ތަފްޞީލެއް މިހާތަނަށް ހާމަކޮށްފައިނުވީނަމަވެސް ލީޑް ރޯލުން ފެނިގެންދާނެ ތަރިންގެ މަޢުލޫމާތުތައް ފެތުރިފައިވުމާއި، މި ޕްރޮޖެކްޓާ ގުޅިފައިވާ މަޝްހޫރު ނަންތަކުގެ ސަބަބުން މި ފިލްމަށް ކުރެވޭ އުއްމީދުތައް ވަނީ މަތިވެފައެވެ.

މީގެއިތުރުން، "އާޝިޤީ" ފްރެންޗައިޒްގެ ކުރިން ނިކުތް ދެ ފިލްމެކޭ އެއްފަދައިން މި ފަހަރުގެ ފިލްމު "އާޝިޤީ 3" ގެ މިއުޒިކުގެ ފުރިހަމަކަމާއެކު ލަވަތައް ބެލުންތެރިންނަށް ކަމުދާނެ ކަމާ މެދު ޝައްކެއްނެތް ކަމަށް ވެސް ފަހުގެ މީޑިއާ ހަބަރުތައް ބުނެއެވެ.