ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ތުރުކީ ބަލިކޮށް ވޭލްސް އިން ދެވަނަ ބުރުގެ ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ. މި މެޗުން ވޭލްސް މޮޅުވީ 2-0 އިންނެވެ.

މި މެޗުން މޮޅުވުމާއެކު ވޭލްސް އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭ ގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އިޓަލީ އަށް ތިންް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މިރޭ ސްވިޒަލޭންޑް އަތުން މޮޅެއް ހޯދައިފިނަމަ ނުވަތަ އެއްވަރުވިޔަސް އަލުން އެއްވަނަ އަށް އެރޭނެ އެވެ. ސްވިޒަލޭންޑް އޮތީ އެއް ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް ތުރުކީ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެއެވެ.

ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ވޭލްސްގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ގަރެތު ބޭލް، ހާފްގެ މެދެއްހާ ހިސާބުން މަތިން ހުރަސްކޮށްލި ބޯޅައެއް ޕެނަލްޓީއޭރިޔާތެރެއިން މެއިން ކޮންޓްރޯލް ކުރުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރަމްސޭ ކާމިޔާބުކުރި ރީތި ލަނޑެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި ވޭލްސް އަށް ދެވަނަ ލަނޑެއްޖަހައިދޭން ބޭލް އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ތުރުކީގެ ޒެކީ ޗެލީކް ޕެނަލްޓީއޭރިޔާތެރެއިން ބޭލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އޭނާ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެފަހުން، ތުރުކީ އަށް އެއްވަރުކޮށްދިނުމަށް ޔުވެންޓަސްގެ ޑިފެންޑަރު މެރީހް ޑެމިރާލް ބޮލުން ފޮނުވާލި ބޯޅަ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް މަތަކުރިއެވެ.

ވޭލްސްގެ ދެވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ކޮނާ ރޮބަޓްސް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއަށް ވަދެ ތުރުކީގެ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލުމަށްފަހު ބޭލް ދިން ބޯޅައަކުން ރޮބަޓްސް ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ރަޝިޔާ އިން ވަނީ 1-0 ގެ ހަނި ނަތީޖާއަކުން ފިންލެންޑް ބަލިކޮށް އަނެއް ބުރުން ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފައެވެ. ސެއިންޓް ޕީޓަސްބާގުގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރީކޮޅު ފިންލެންޑުން ގޯލެއްޖެހިއެވެ. އެކަމަކު، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ލަނޑު ބަލައިނުގަނެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ރަޝިޔާ އަށް ކާމިޔާބުކޮށްދިނީ އަލެކްސޭ މިރަންޗުކް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ކެޕްޓަން އާޓެމް ޒޫބާ އާއެކު ވަން-ޓޫ އެއް ޖެހުމަށްފަހު މިރަންޗުކް ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި ނަތީޖާއާއެކު ރަޝިޔާ ވަނީ ގްރޫޕް ބީ ގެ ދެވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް ބެލްޖިއަމާއި، ތިންވަނައިގައި އޮތް ފިންލެންޑަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އޮތް ޑެންމާކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.