ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މިރޭ ޕޯޗުގަލް އަތުން 4-2 ގެ ނަތީޖާއަކުން ޖަރުމަން މޮޅުވިއިރު، ހަންގޭރީއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މިއީ ޔޫރޯގެ ގްރޫޕް ސްޓޭޖު މެޗެއްގައި ޖަރުމަނުން ހަތަރު ލަނޑުޖެހި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، 2000 ވަނަ އަހަރުގެ ޔޫރޯގެ ފަހުން ޖަރުމަނުން އެންމެ ފަހުން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ފަސް މެޗު ވަނީ ކާމިޔާބުކޮށްފައެވެ.
މިރޭގެ މެޗުތަކަށްފަހު ގްރޫޕް އެފް ގެ އެންމެ ކުރީގައި އުޅޭ ފްރާންސަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޖަރުމަނެވެ. ތިންވަނައިގައި އޮތް ޕޯޗުގަލް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޖަރުމަނަށް ކުރިލިބެނީ އެ ދެ ޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއަށް ބަލައިގެންނެވެ. އެންމެ ފުލުގައި އޮތް ހަންގޭރީ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ޖަރުމަނުގެ އެލިއާންޒް އެރީނާގައި މިރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ޕޯޗުގަލް އިންނެވެ. މެޗު ފެށިގެން 15 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެ ޓީމުގެ ބެނާޑޯ ސިލްވާ އާއި ޑިއޯގޯ ޔޮޓާ ގުޅިގެން އުފެއްދި ކައުންޓާ އެޓޭކަކުން ޖެހި ގޯލެކެވެ.
އޭގެފަހުން، މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ޖަރުމަނުން އެއްވަރުކުރީ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، ޖަރުމަނުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ ވެސް ޕޯޗުގަލްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ ޕޯޗުގަލްގެ ރަފައެލް ގަރޭރޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ޖަރުމަނުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ޗެލްސީގެ އުއްމީދީ މިޑްފީލްޑަރު ކާއީ ހަވާޓްޒް އެވެ. މިއީ އެ ޓީމުގެ ވިންގްބެކަށް ކުޅެމުން އަންނަ ރޮބިން ގޯސެންސް ދިން ބޯޅައަކުން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ގޯސެންސް ވަނީ ޖަރުމަނަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެ ޓީމުގެ ޖޯޝުއާ ކިމިޗް ނަގައިދިން ހިތްގައިމު ހުރަހަކުން ގޯސެންސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ހަތް މިނެޓުފަހުން، ޕޯޗުގަލްގެ ދެވަނަ ލަނޑުޖަހައިދިނީ ލިވަޕޫލްގެ ފޯވާޑް ޔޮޓާ އެވެ. މިއީ ރޮނާލްޑޯ ނަގައިދިން ހުރަހަކުން ޔޮޓާ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެފަހުން، އެ ޓީމަށް ފަރަގު ކުޑަކޮށްދިނުމަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެނާޓޯ ސަންޗޭސް އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާބޭރުން ސަންޗޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އަނެއް މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓްކޮށްގެން ފްރާންސުން ކުޅުނު ނަމަވެސް ލީޑްނެގީ ހަންގޭރީ އިންނެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އަޓީލާ ފިއޯލާ އެވެ. މިއީ އެ ޓީމުގެ ރޮލާން ސައްލާއި އާއެކު ވަން-ޓޫ އެއް ޖެހުމަށްފަހު ފިއޯލާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ފްރާންސުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ މެދާ ހިސާބުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ބާސެލޯނާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. މިއީ އެ ޓީމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތިން ފޮނުވާލި ޖެހުމަކުން ހަންގޭރީގެ ޑިފެންޑަރުންނަށް ފުރުޞަތެއްނުދީ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ތަނަވަސްކުރި ފުރުޞަތަކުން ގޯލްކުރިމަތިން ހުރަސްވީ ބޯޅައެއް ވިލީ އޮބާން ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ގްރީޒްމަން އަށް ލިބުމުން އޭނާ ހަމަޖެހިލާފައި ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އަދި ޔޫރޯގެ ތާރީޚުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން