މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ވޭލްސް އަތުން 1-0 އިން މޮޅުވެ އިޓަލީ އިން ގްރޫޕުގެ އެއްވަނަ ހޯދިއިރު، މިރޭގެ މެޗުން ބަލިވިނަމަވެސް ވޭލްސް ވެސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މި މެޗާއެކު އިޓަލީ އިން ވަނީ ބަލިނުވެ 30 މެޗު ހަމަކޮށް ކުރީގެ ރެކޯޑަކާ އެއްވަރުކޮށްފައެވެ. އެއީ ވިޓޯރިއޯ ޕޯޒޯގެ އިރުޝާދުގެ ދަށުން 1930 ގެ އަހަރުތަކުގައި ކުޅުނު އިޓަލީގެ ގައުމީ ޓީމުން ގާއިމްކޮށްފައިވާ ރެކޯޑެކެވެ. މީގެއިތުރުން، މިއީ އިޓަލީ އިން ބައިކޮޅަށް ލަނޑެއްވަނަނުދީ ނިންމާލި 11 ވަނަ މެޗެވެ.

މިރޭގެ މެޗުތަކަށްފަހު އިޓަލީ އިން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ގްރޫޕު އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ތިން މެޗުން ހޯދީ ނުވަ ޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކުރިއިރު، ދެވަނައިގައި އޮތް ވޭލްސް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސްވިޒަލޭންޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ވޭލްސް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތް ތުރުކީ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

އިޓަލީ އިން މިރޭގެ މެޗަށް ނިކުތީ އެ ޓީމު އެންމެ ފަހުން ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން ކޯޗު ރޮބާޓޯ މަންޗިނީ ފުރުޞަތު ދީފައިވަނީ ތިން ކުޅުންތެރިންނަށެވެ. އެއީ ލިއޮނާޑޯ ބޮނޫޗީ އާއި ޖިއަންލުއިޖީ ޑޮނަރުއްމާ އަދި ޖޯޖީނިއޯ އެވެ.

ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯގައި މިރޭ ކުޅުނު މެޗު ފެށިގެން ކުރީކޮޅު އިޓަލީގެ ފޯވާޑްލައިންގައި ކުޅެމުންދިޔަ އަންދްރެއާ ބެލޮއްޓީ އާއި ފެޑެރީކޯ ޗިއޭސާ ދިޔައީ ވޭލްސްގެ ޑިފެންސަށް ބާރު ބޮޑުކުރަމުންނެވެ. މި ހާފުގައި ވޭލްސް އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ޑިފެންޑަރު ކްރިސް ގުންޓާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އިޓަލީ އަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޕެސީނާ އެވެ. މިއީ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި މާކޯ ވެރާޓީ ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައަކުން ޕެސީނާ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުރީކޮޅު، އިޓަލީގެ ފެޑެރީކޯ ބާނަޑެސްކީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، މެޗުގެ 55 ވަނަ މިނެޓުގައި ވޭލްސްގެ ޑިފެންޑަރު އީތަން އަމްޕަޑޫ އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. މިއީ އިޓަލީގެ ބާނަޑެސްކީ އަށް އަމްޕަޑޫ ކުރި ފައުލަކަށް ރެފްރީ ދެއްކި ރަތް ކާޑެކެވެ. އޭގެފަހުން، ވޭލްސް އަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކުރުމަށް އެ ޓީމުގެ ކެޕްޓަން ގަރެތު ބޭލް އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޑެނިއެލް ޖޭމްސް ދިން ބޯޅައަކުން ބޭލް އެއްފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް ވުރެ މާ މަތިންނެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އަނެއް މެޗުގައި މި ގްރޫޕުގައި ހިމެނޭ ސްވިޒަލޭންޑުން ވަނީ 3-1 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށް ތިންވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު ބޮޑުކޮށްފައެވެ. އަޒަރުބައިޖާންގެ ބަކޫގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި ސްވިޒަލޭންޑުން ލީޑްނެގީ ހާރިސް ސެފަރޮވިޗް ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެފަހުން، އެ ޓީމަށް ކުޅެމުން އަަންނަ ލިވަޕޫލްގެ ވިންގާ ޒެރްދާން ޝަކީރީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލާއެކު ސްވިޒަލޭންޑުން ފުރަތަމަ ހާފު ނިންމާލީ ދެލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ތުރުކީގެ އިރްފާން ކަވޭޗީ، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކުރި ގޯލުން އެ ޓީމަށް ފަރަގު ކުޑަކޮށްދީފައިވަނިކޮށް ސްވިޒަލޭންޑްގެ ތިންވަނަ ލަނޑުޖެހީ ވެސް ޝަކީރީ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ފުރަތަމަ ދެ ގޯލަށް ވެސް ފުރުޞަތު ތަނަވަސްކޮށްދިން ސްޓީވެން ޒޫބާ އެވެ. އަދި އޭގެފަހުން، އެ ޓީމުގެ ކެޕްޓަން ގްރޭނިޓް ޒާކާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، މި މެޗުން ސްވިޒަލޭންޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމުގައި އެ ޓީމުގެ ގޯލްކީޕަރު ޔެން ސޮމާ ވަނީ ތުރުކީގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.

މި ފަހަރުގެ ޔޫރޯގައި މާދަމާ ރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ޔޫކްރޭނާ ދެކޮޅަށް އޮސްޓްރިއާ ނިކުންނައިރު މި ގްރޫޕު ސީގެ އެއްވަނައިގައި އޮތް ނެދަލެންޑްސް އިން ނިކުންނާނީ ނޯތު މެސެޑޯނިއާ އާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން 21:00 ގައެވެ. އަދި މާދަމާ ރޭ ދަންވަރު 12 ޖަހާއިރު، ގްރޫޕް ބީ ގައި ހިމެނޭ ބެލްޖިއަމުން ފިންލެންޑާ ދެކޮޅަށް ނިކުންނައިރު، ރަޝިޔާ ނިކުންނާނީ ޑެންމާކާ ދެކޮޅަށެވެ.