މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނޯތު މެސެޑޯނިއާ އަތުން 3-0 ގެ ތަފާތަކުން ހޯދީ މޮޅާއެކު ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ނެދަލެންޑްސް އިން ގްރޫޕް ސްޓޭޖު ނިންމާލިއިރު، ޔޫކްރޭން 1-0 އިން ބަލިކޮށް އޮސްޓްރިއާ އިން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިއީ 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ނެދަލެންޑްސް އިން އެ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން މި މުބާރާތުގައި ކުޅުނީ 2012 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، ދެން ޖެހިގެން އައި 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތަށް އެ ޓީމު ކޮލިފައިނުވެއެވެ.

މިރޭގެ މެޗުތަކާއެކު މި ގްރޫޕުގައި އެއްވަނަ ހޯދީ ނެދަލެންޑްސް އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އޮސްޓްރިއާ އެވެ. ތިންވަނައިގައި އޮތް ޔޫކްރޭނަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ނޯތު މެސެޑޯނިއާ މުބާރާތުން ކެޓީ ޕޮއިންޓެއް ނުލިބިއެވެ.

އެމްސްޓެޑާމްގެ ޔޯހަން ކްރައިފް އެރީނާގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ނޯތު މެސެޑޯނިއާ އިން ގޯލެއް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޓްރިކޯވްސްކީ ޖެހި މި ލަނޑު، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ބަލައިނުގަތެވެ. އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓުގައި ނޯތު މެސެޑޯނިއާގެ ޓްރަކޯވްސްކީ ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލާފައެވެ. އެ ޓީމުގެ ކެޕްޓަން ގޯރާން ޕަންޑޭވް ދިން ބެކްހީލް ޕާހަކުން ޓްރަކޯވްސްކީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މި މެޗުގައި ނެދަލެންޑްސް އިން ޖެހި ފުރަތަމަ ލަނޑު، 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއީ އެވެ. މިއީ އެ ޓީމުގެ ޑޮންޔެލް މާލެން ދިން ބޯޅައަކުން ޑިޕާއީ ކާމިޔާބުކުރި ގޯލެކެވެ. ރެފްރީ މި ލަނޑު ބަލައިގަންނަން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. މިއީ ނެދަލެންޑްސްގެ ޖާޒީގައި ޑިޕާއީ ކާމިޔާބުކުރި 28 ވަނަ ލަނޑެވެ.

ނެދަލެންޑްސް އިން ދެވަނަ ހާފު ފެށީ ދެ ބަދަލެއް ގެނެސްގެންނެވެ. ސްޓެފަން ޑިވްރާ އާއި ޑެންޒެލް ޑަމްފްރީސްގެ ބަދަލުގައި ކުޅެން އެރީ ޔުރިއެން ޓިމްބާ އާއި ސްޓީވެން ބާގުއިސް އެވެ. މި ހާފު ފެށިތާ ހަވަނަ މިނެޓުގައި ނެދަލެންޑްސްގެ ދެވަނަ ލަނޑުޖަހައިދިނީ ކެޕްޓަން ޖޯޖީނިއޯ ވައިނަލްޑަމް އެވެ. މިއީ ޑިޕާއީ ދިން ބޯޅައަކުން ވައިނަލްޑަމް ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ލަނޑުޖެހިތާ ހަތް މިނެޓުފަހުން، ޑިޕާއީ ތަނަވަސްކުރި ފުރުޞަތަކުން ވައިނަލްޑަމް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުގެ ފްރެންކީ ޑި ޔޯން އާއި މާލެން އަދި މެމްފިސް ގުޅިގެން އުފެއްދި އެޓޭކަކުން ޑިޕާއީ ފޮނުވާލި ބޯޅަ ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއެވްސްކީ އަތުގައި ޖެހިފައި އެ ބޯޅަ ނިކުތުމުން ވައިނަލްޑަމް އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ވައިނަލްޑަމް ވަނީ ނެދަލެންޑްސް އަށް 25 ލަނޑުޖަހައިދީ، އެ ގައުމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުރީގެ ލެޖެންޑް މާކޯ ވެން ބާސްޓެން އާއި ޑާކް ކައުޓަށް ވުރެ ކުރިއަށް ޖެހިލާފައެވެ.

މި މުބާރާތުގައި މިރޭ މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އޮސްޓްރިއާ އިން ވަނީ ޔޫކްރޭންގެ މައްޗަށް 1-0 އިން ކުރިހޯދައި، ޔޫރޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. މިއީ 1982 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފަހުން އޮސްޓްރިއާ އިން ބޮޑު މުބާރާތެއްގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ރޫމޭނިއާގެ ބުކަރެސްޓްގައި މިރޭ ކުޅުނު މެޗުގައި އޮސްޓްރިއާ އިން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓޯފް ބައުމްގާޓްނާ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާ ނަގައިދިން ކޯނަރަކުން ބައުމްގާޓްނާ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ބުރުގައި އޮސްޓްރިއާ އިން ނިކުންނާނީ ގްރޫޕް އޭގެ އެއްވަނަ މަގާމު ހޯދި އިޓަލީއާ ދެކޮޅަށެވެ. މި ގްރޫޕުގެ އެއްވަނަ މަގާމް ހާސިލްކުރި ނެދަލެންޑްސް އިން ކުޅެންޖެހޭނީ ހުރިހާ ގްރޫޕެއްގެ ތިންވަނަ ޓީމުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ކުރެން ޓީމަކާ ދެކޮޅަށެވެ.