މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ވޭލްސް އަތުން 4-0 އިން ހޯދީ މޮޅާއެކު ޑެންމާކުން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ، ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކާމިޔާބުކޮށް ޔޫރޯގެ މުބާރާތެއްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފު ޑެންމާކުން ހޯދިއިރު މިއީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ޓީމުން ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.
އަދި މިއީ އެ ޓީމުން ޔޫރޯގެ މެޗެއް ތިން ލަނޑަށްވުރެ ބޮޑު ފަރަގަކުން ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މީގެއިތުރުން، ޑެންމާކުން އެންމެ ފަހުން ކުޅުނު މެޗުގައި ރަޝިޔާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދިއިރު، މިރޭގެ މެޗުން ހޯދީ މޮޅާއެކު އެ ޓީމުން ވަނީ ޔޫރޯގެ ތާރީޚުގައި ޖެހިޖެހިގެން ދެ މެޗުގައި ހަތަރު ލަނޑުޖެހި ހަމައެކަނި ޓީމުގެ ޝަރަފު ވެސް ހޯދާފައެވެ.
އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ޑެންމާކުގެ ޑިފެންސަށް ވޭލްސްގެ ފޯވާޑް ގަރެތު ބޭލް ނުރައްކާ ކުރި ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާގައި ވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ޑެންމާކުން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު، 27 ވަނަ މިނެޓުގައި ޖަހައިދިނީ އަޔެކްސްގެ ފޯވާޑް ކެސްޕާ ޑޮލްބާގް އެވެ. މިއީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ މިކޭލް ޑަމްސްގާޑް ތަނަވަސްކުރި ފުރުޞަތަކުން ޑޮލްބާގް ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ޑެންމާކުގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ޑޮލްބާގް އެވެ. މިއީ ވޭލްސްގެ ޒުވާން ޑިފެންޑަރު ނިކޯ ވިލިއަމްސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޑޮލްބާގް ކާމިޔާބުކުރި ގޯލެކެވެ.
މި ދެ ގޯލާއެކު ޑޮލްބާގް ވަނީ 1992 ވަނަ އަހަރުގެ ފަހުން ޔޫރޯގެ ނޮކްއައުޓް ބުރުގެ މެޗެއްގައި އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި ޑެންމާކުގެ ކޯޗު ކެސްޕާ ހިއުލްމަންޑް، ޑޮލްބާގް ހިމެނީ އެ ޓީމުގެ ފޯވާޑް ކްރިސްޓިއަން ޕޯލްސަން އަށް އަނިޔާވުމުންނެވެ.
ޑެންމާކުން މި މެޗުގައި ތިންވަނަ ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔޯކިމް މޭލާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ފޯވާޑް މާޓިން ބްރެއިތުވެއިޓް އެވެ. މީގެއިތުރުން، ވޭލްސްގެ ހެރީ ވިލްސަން އަށް މެޗުގެ ފަހުވަގުތު ކޮޅުގައި ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މިއީ މި މުބާރާތުގައި އެ ޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ދެވަނަ ފަހަރެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން