ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި އިންގްލެންޑުން 2-0 އިން ޖާމަނީ ބަލިކޮށް އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ 1975 ވަނަ އަހަރުގެ ފަހުން ވެމްބްލީ ސްޓޭޑިއަމްގައި ޖަރުމަނު ބަލިވި ފުރަތަމަ ފަހަރެވެ. މިއީ ޔޫރޯގައި އެ ޓީމު އެންމެ ފަހުން ކުޅުނު 30 މެޗުގެ ތެރެއިން ލަނޑެއްނުޖެހި ނިންމާލަން ޖެހުނު ތިންވަނަ ފަހަރެވެ. މީގެއިތުރުން، މިއީ 1966 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ނޮކްއައުޓް ބުރުގައި ޖަރުމަނު އަތުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ.
ލަންޑަންގެ ވެމްބްލީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ލިބިފައިނުވާއިރު، ޖަރުމަނުގެ މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ އާއި ޓިމޯ ވާނާ ފޮނުވާލި ހަމަލާތައް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއެވެ. މި ހާފުގައި އިންގްލެންޑްގެ ރަހީމް ސްޓާލިން އާއި ހެރީ މެގުއާ އަށް ލިބުނު ފުރުޞަތުތަކުގެ ފޮނުވާލި ހަމަލާތައް ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާ ވަނީ ހުއްޓުވާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަނަށް ލީޑްނަގައިދޭން ޗެލްސީގެ މިޑްފީލްޑަރު ކާއީ ހަވާޓްޒް އަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، އިންގްލެންޑުން ލީޑްނެގީ މެޗުގެ 75 ވަނަ މިނެޓުގައި ލޫކް ޝޯ ދިން ބޯޅައަކުން ރަހީމް ސްޓާލިން އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. އަދި މިއީ އިންގްލެންޑްގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 20 މެޗުގައި ސްޓާލިން ޖެހި 15 ވަނަ ގޯލެވެ.
އޭގެ ހަ މިނެޓުފަހުން، ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ތޯމަސް މުލާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ހާފުގެ މެދާ ހިސާބުން އިންގްލެންޑްގެ ފޯވާޑް ސްޓާލިން އަތުން ގެއްލުނު ބޯޅައެއް ހޯދައި ޖަރުމަނުގެ މިޑްފީލްޑަރު ހަވާޓްޒް އެ ބޯޅަ މުލާ އަށް ދިނުމުން އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ކައިރިން ހުހަށް ފޮނުވާލަން ލިބުމުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އިންގްލެންޑްގެ ދެވަނަ ލަނޑުޖަހައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ދެވަނަ ހާފުގެ ކުރީކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެކް ގްރީލިޝް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ކޭން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި މުބާރާތުގައި ކޭން ޖެހި ފުރަތަމަ ގޯލެވެ.
މި މެޗުގައި ޖެހި ގޯލާއެކު ސްޓާލިން ވަނީ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފަހުން ބޮޑު މުބާރާތެއްގައި އިންގްލެންޑުން ކާމިޔާބުކުރި ފުރަތަމަ ތިން ލަނޑުޖަހައިދިން ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޮލެންޑް ކޮޅަށް ވައްދާލި ހެޓްރިކާއެކު މި ރެކޯޑް ގާއިމްކުރީ ކުރީގެ ފޯވާޑް ގެރީ ލިނެކާ އެވެ.
ކުއާޓާ ފައިނަލްގައި އިންގްލެންޑް ކުޅެން ޖެހެނީ މިރޭ ދެވަނަ ބުރުގައި ސްވިޑެންއާ ޔޫކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ އަންނަ ޖުލައި މަހުގެ 4 ވާ އާދީއްތަ ދުވަހުގެ ދަންވަރު 12 ޖަހާއިރު ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން