މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ރަހީމް ސްޓާލިން ކާމިޔާބުކުރި ލަނޑުން ކްރޮއޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެއްޖެއެވެ.

މިއީ ޔޫރޯގެ ތާރީޚުގައި އިންގްލެންޑުން ފުރަތަމަ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމު ކުޅުނު 8 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، ތިން މެޗުން ވީ އެއްވަރެވެ. އެ ޓީމުން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައެއްނުވެއެވެ. މީގެއިތުރުން، މިއީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު މި މެޗު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިންގްލެންޑުން ލީޑްނެގުމާ ގާތަށް ޖެހިލިއެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި މެންޗެސްޓާ ސިޓީގެ އަރަމުން އަންނަ މިޑްފީލްޑަރު ފިލް ފޯޑެން ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑީއަށް އަމާޒުވެފައިވާއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ކެލްވިން ފިލިޕްސް ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް މަތަކުރިއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 57 ވަނަ މިނެޓުގައި އިންގްލެންޑަށް ކާމިޔާބުކޮށްދިނީ ސްޓާލިން އެވެ. މިއީ ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ފިލިޕްސް ދިން ޕާހަކުން ސްޓާލިން ކާމިޔާބުކުރި ގޯލެކެވެ. މިއީ ބޮޑު މުބާރާތެއްގައި ސްޓާލިން، އިންގްލެންޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ކްރޮއޭޝިއާ އަށް މި މެޗުގައި މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ބަލަހައްޓަމުންދިޔަ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ. އިންގްލެންޑުން ދެވަނަ ހާފުގެ ފަހުބައި ގައި މާކަސް ރަޝްފޯޑާއި ޖޫޑް ބެލިންހަމްގެ އިތުރުން ޑޮމިނިކް ކެލްވަޓް-ލެވިން ކުޅެން ނެރެފައިވާއިރު، އެ ޓީމުން ބަދަލުކުރި ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ހެރީ ކޭން ހިމެނެއެވެ. ކޭން އަށް މި މެޗުގެ ފަހު ހާފުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާއިރު، އޭނާ ބަދަލުކޮށްފައިވަނީ އެކަމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އިންގްލެންޑުން ދެވަނަ ހާފުގައި ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނުނު، ޒުވާން ބެލިންހަމް ވަނީ މި މުބާރާތުގެ ތާރީޚުގައި މެޗެއްގައި ކުޅެން އެރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ބެލިންހަމްގެ އުމުރަކީ 17 އަހަރާއި 349 ދުވަހެވެ. ޔޫރޯ އާއި ވޯލްޑް ކަޕްގައި އިންގްލެންޑަށް ކުޅުނު އެންމެ ހަގު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.