ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ އަދާ ކުރާ ވަޒީފާގައި ދިމާވާ ކަމަކުން ސިކުނޑިއަށް ކުރިމަތިވާ ނުތަނަވަސްކަމަށް ސްޓްރެސްވުމޭ ކިޔައެވެ. ހިތް ނޭދޭ ކަމެއް ދިމާވުމުން އެ މީހަކު ކުރަން ހުރި ކަމަކުން ފޫހި ކޮށްލާ ދެން އެއްވެސް ކަމެއް ކުރާ ހިތްނުވެ ހުންނަން ޖެހެއެވެ. ވަޒީފާގެ މާހައުލުގައި މި ހާލަތު ވަރަށް ގިނައިން އާދެއެވެ. އެ ވާހަކަ ދެކެވެއެވެ. އެހެންކަމުން ސްޓްރެސް ފިލުވާލުމަށް ކުރެވިދާނެ ކަންކަމަށް ބަލައިލުން ކޮންމެހެން މުހިންމެވެ.
އެންމެ ފުރަތަމަ ސްޓްރެސް ވާން ދިމާވާ ސަބަބުތައް ދެނެގަންނަން ޖެހެއެވެ. ބައްޔެއް ވުމުން އެ ބަލީގެ ސަބަބުތައް ދެނެ ނުގަނެ ބޭހެއް ބޭނުން ކުރަން ނޭނގޭ ފަދައިން ސްޓްރެސް ފިލުވާލެވޭނީ ތިމާގެ ވިސްނުން އެ ދަރަޖައަށް ވައްޓާލަން މެދުވެރިވާ ސަބަބުތައް ދެނެގަނެވިގެނެވެ. އެކަން ދެނެ ގަންނަން އެންމެ ފަސޭހަ ވާނީ އަމިއްލަ ނަފްސަށެވެ. ލަހުން ހޭލެވުނީ ހެއްޔެވެ؟ ސައި ނުބޮއެ އޮފީހަށް ދެވުނީ ހެއްޔެވެ؟ ކަސްރަތު ގަޑިއެއް ނުވަތަ އާންމުކޮށް ކުރާ ކަމެއް ދޫކޮށްލެވުނީ ހެއްޔެވެ؟ މީހަކު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނީ ހެއްޔެވެ؟ އެހެން މީހަކު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނީ ހެއްޔެވެ؟
އެހެންކަމުން އެންމެ ފުރަތަމަ ކުރަން ހުރި ކަމެއް މެދު ކަނޑާލުމަށްފަހު ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލުމަށްފަހު ސިކުނޑިއަށް ވަގުތުކޮޅެއް ދޭށެވެ. ސްޓްރެސްވާން ދިމާވި ސަބަބުތައް ދެނެގަންނަން މި ވަގުތުކޮޅު ހުސްކޮށްލާށެވެ. ވިސްނާށެވެ. ސިކުނޑިއަށް ބަރުވީ ކީއްވެކަން ހޯދައިގަންނާށެވެ. އަދި އެ ކަންކަން ލިސްޓު ކުރުމަށްފަހު، ގޯސްކޮށް ދިޔަކަމެއް ރަނގަޅު ކޮށްލާށެވެ. ވެ ދިޔަތަން އަނބުރާ ނުގެނެވިދާނެއެވެ. ނަމަވެސް، ކުރިޔަށް އޮތްތާނގައި އެކަންކަން ތަކުރާރު ނުކުރަން އަޒުމް ކަނޑައަޅާށެވެ. ސިކުނޑިއަށް އެގޮތަށް ވިސްނައިދޭށެވެ.
އޭގެ އިތުރުން ސްޓްރެސް ވުމުން ދުރުކޮށްދޭ މި ހިމަނާލާ ކަންކަމަށް ސަމާލުކަން ދޭށެވެ.
- އަބަދުވެސް ރަނގަޅަށް ވިސްނާށެވެ. (ޕޮޒިޓިވް އެޓިޓިއުޑެއް)
- ބައެއް ކަންކަމަކީ ތިމާގެ ބާރު ނޯންނަ ކަންކަމުގައި ގަބޫލު ކުރާށެވެ.
- ކޮންމެ ދުވަހަކުވެސް ކަސްރަތުގެ މިންވަރެއް ކުރާށެވެ.
- ވަގުތު ބަހާލައިގެން ރާވާލައިގެން ކަންކަން ކުރާށެވެ.
- ހިތް އެދޭ ކަންކަން ކުރުމަށް ވަގުތު ހުސްކުރާށެވެ.
- ރޭގަނޑު ރަނގަޅަށް ނިދާށެވެ.
- އެކުގައި މަޖާ ކުރެވޭނޭ ރައްޓެހިންނާއެކު ވަގުތު ހޭދަކުރާށެވެ. މީހުންގެ ތެރޭގައި އުޅުމަކީ ސްޓްރެސްއިން ސަލާމަތް ވެވޭނެ ކަމެކެވެ.
- ދީނުގެ ކަންކަމަށް ފަރުވާތެރިވާށެވެ. ނަމާދު އޭގެ ވަގުތުގައި އަދާ ކުރާށެވެ. އެއީ ރޫހާނީ އެތައް ބައްޔެއްގެ ފަރުވާއެކެވެ.
- ދީން ހުއްދަ ނުކުރާ ކަންކަމުން ދުރުވާށެވެ. އޭގެ ބަދަލުގައި ހުސްވަގުތުގައި ކޮންމެވެސް އައު ހުނަރެއް ދަސް ކުރާށެވެ.
- މި ދެންނެވި ކަންކަމުން ވެސް ކުރިއެރުމެއް ނުލިބިއްޖެނަމަ، އެކަމަށް ޚާއްސަ ޑޮކްޓަރެއްގެ ނުވަތަ ފަންނީ މާހިރެއްގެ ލަފާ ހޯދާށެވެ.
އުފާވެރިކަމާއެކު ދުވަސްތައް ހޭދަ ކޮށްލުމަށް މީހާ ސްޓްރެސްއިން ސަލާމަތްވުން ލާޒިމެވެ. އަދި އަމިއްލަ ހިތްހަމަޖެހުން ނެތި ކުރާ ކަމަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމީ ހަގީގަތެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން