އަންހެނާ ދަރިމައިވުމާއި ބަލިވެއިނުމާއި، ވިހެއުމަކީ ޤުދުރަތްތެރިކަމުގެ ފުރިހަމަކަށް ހާމަވާކެމެކެވެ. މިއީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެއްމެ އުފާވެރި އެއް ދުވަސްތަކެވެ. މި ދުވަސްވަރަކީ އަންހެނާއަށް ތަފާތު އިހުސާސްތަކެއް ކުރުވާނެ ދުވަސްވަރެކެވެ. އެކި މީހުންނަށް އެކި އިހުސާސް ކުރެވޭއިރު، މާބަނޑު އަންހެނާ އިންތިޒާރު ކުރާނެ އެއް އިހުސާސަކީ ބަނޑުގައިވާ ދަރިފުޅު ތޮޅޭ ކަމުގެ އިހުސާސެވެ.

އާއްމު ގޮތެއްގައި މާބަނޑު އަންހެނާގެ ބަނޑަށް 16 ހަފްތާއާއި 22 ހަފްތާގެ ތެރޭގައި ކުއްޖާ ތޮޅޭ ކަމުގެ އިހުސާސް ކުރެވެން ފަށާނެއެވެ. މިއީ އާއްމުކޮށް ބުނެ އުޅޭ ގޮތެވެ. ނަމަވެސް މިކަމުގައި ހަމަ ކޮންމެ އަންހެނަކީ ތަފާތު އަންހެނެކެވެ. 16 ވަނަ ހަފްތާގެ ތެރޭގައި ތޮޅޭކަން އިހުސާސްވާ މައިންނާއި 22 ވަނަ ހަފްތާގެ ފަހުން އެ އިހުސާސް ކުރެވޭ މައިންވެސް އުޅޭނެއެވެ. މިކަމުގައި ތަފާތުތައް އަންނަ ބައެއް ކަންކަމަށް ބަލާލުން އެއީ މުހިއްމު ކަމެކެވެ.

އަލަށް ބަލިވެ އިންނަ އަންހެނަކާއި، ދެވަނަފަހަރަށް ނުވަތަ އެއަށްވުރެ ގިނައިން ބަލިވެ އިންނަ އަންހެނުންނަށް މި އިހުސާސް ކުރެވޭ މިންވަރު، ނުވަތަ މުއްދަތު ތަފާތުވެދާނެއެވެ. އަލަށް ބަލިވެ އިންނަ އަންހެނާއަށް މި އިހުސާސް ކުރެވޭ މުއްދަތު ލަސްވެދާނެއެވެ. އެއީވެސް ހަމަ އާއްމު ކަމެކެވެ. ފަހަރުގައި 22 ހަފްތާއަށް ވުރެ ވެސް ލަސްވެދާނެއެވެ. އެގޮތުން ބައެއް އަންހެނުނަށް 24ވަނަ ހަފްތާގެ ތެރޭގައި ފުރަތަމަ ފަހަރަށް މި އިހުސާސް ކުރަންވެސް ޖެހިދާނެއެވެ. އެއީކީ އެއްވެސް މައްސަލައެއް ނޫނެވެ.

ބަނޑުގައިވާ ކުއްޖާ ތޮޅުމުގެ އިހުސާސް ވުން ލަސްވެދާނެ އަނެއް ސަބަބަކީ ރަހިމުގެ މަސް އޮންނަ ދިމާލެވެ. ރަހިމުގެ މަސް، މައިމީހާ އާއި ކުއްޖާއާއި ދެމެގައި (ކުއްޖާގެ ކުރިމަތީގައި) ވާނަމަ، މި އިހުސާސް ކުރެވޭލެއް ލަސްވެދާނެއެވެ. އަދި މިކަމިގައި އަލަށް ބަލިވެ އިންނަ އަންހެނެއް ނަމަ އަނެއްކާ އެ އިހުސާސް ކުރެވޭލެއް ލަސްވެފައި ކުޑަވެދާނެއެވެ.

މީގެ އިތުރުން، މާބަނޑު އަންހެނާ އަކީ އޭނާގެ އިސްކޮޅާ އަޅާބަލާއިރު، ބަރުދަނުން ބަރު އަންހެނެއް ކަމުގައިވަނީނަމަވެސް، ބަނޑުގައިވާ ދަރިފުޅުގެ ތޮޅުމުގެ އިހުސާސް ކުރެވޭ މުއްދަތު ލަސްވެދާނެއެވެ. ހަމަ އެއާއި އެކު އިހުސާސަކީވެސް އެކި މީހުންނަށް އެކިވަރަށް ކުރެވޭ އެއްޗެކެވެ. އެހެންކަމުން މިކަމުގައިވެސް އެކަކު އަނެކަކާ ތަފާތުކަމެއް ހުރެދާނެއެވެ. ދަރިފުޅުގެ ފުރަތަމަ ތޮޅުމުގެ އިހުސާސް ކުރެވުނަސް، ދެނެގަންނަން ދަތިވުމަކީވެސް ވެދާނެކަމެކެވެ. މިފަދައިން ދެނެނުގަނެވޭނަމަ، އެ އިހުސާސް ނުކުރެވެނީ ކަމަށް ހީވެދާ ފަހަރުތައްވެސް އައިސްދާނެއެވެ.

އެއްމެފުރަތަމަ ބަނޑުގައިވާ ދަރިފުޅުގެ ހަރަކާތުގެ އިހުސާސް ކުރެވޭނީ އަޑި އަޑިން އަންނަ ތެޅުމެއް، ގުޑުމެއް ފަދަ ގޮތަކަށެވެ. މިއީ ބައެއްމީހުނަށް ދެނެގަންނަން އުނދަގޫ އިހުސާސެއް ކަމުގައިވެސް ވެދެއެވެ. އެހެންކަމުން މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅުގެ ތޮޅުމުގެ ފުރަތަމަ އިހުސާސް ކުރުމުގައި ލަސްކަމެއް އައުން އެއީ މާ ބޮޑު ކަންބޮޑުވުމެއް ނޫނެވެ. ނަމަވެސް މިކަންކަމުގައި އަބަދުވެސް ސިއްހީ އެހީތެރިންގެ ލަފާ ހޯދުން އެއީ މުހިއްމު ކަމެކެވެ. 

 

ހަވާލާ: މެޔޯ ކްލިނިކް، 2024