ކަސްރަތަކީ ވަކި ގަވައިދަކުން، ވަކި ތަރުތީބަކުން ކޮށް އުޅޭ ހަރަކާތްތަކެކެވެ. މި ގަވައިދާ މި ތަރުތީބު ހިފެހެއްޓުމީ ގިނަ ބަޔަކަށް އުނދަގޫ ކަމެކެވެ. ގަވައިދުން ކަސްރަތު ނުކުރެވޭ ބައެއް މީހުންނީ ގަވައިދުން ކުޅެން ދާ މީހުންނެވެ. މިބައިމީހުން މި ކުރަނީ ކަސްރަތެކޭ ބުނެވޭ ހާލަތްތައް އާދެއެވެ. އެހެނީ ގަވާއިދުން މިކަންކަން ކޮށް އުޅޭތީއެވެ. އެހެނަސް މިކަހަލަ ކަމެއްވެސް ނުވަތަ ކުޅިވަރެއްވެސް ކުޅެ ނޫޅޭ އެތައް ބަޔަކު އަހަރެމެންގެ ތެރޭގައި އުޅެއެވެ. ކުޅިވަރޭ މި ދަންނަވަނީ ހަށިގަނޑަށް ބުރަކަމެއް ގެނެސްދީ ލޭގެ ހިނގުން އަވަސްކޮށްދީ ލޭ ހޫނުކޮށްދީ ވަރުބަލިކޮށްދޭ ފަދަ ކުޅިވަރުތަކެވެ.

ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން މިއީ އާއްމު ކަމެއް ނަމަވެސް މިއިން އެއްވެސް ކަމެއް ނުކުރާ މީހުން އަހަރެމެންގެ ތެރޭގައި މިއަދު މަދެއް ނޫނެވެ. އެހެންކަމުން މިއީ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. އެކި ސަބަބުތަކާއި ހުރެ ކަސްރަތު ނުކުރެވޭ ނުވަތަ ކުޅެން ނުދެވޭ އެތައް ބަޔަކު ތިބޭނޭކަން ގަބޫލު ކުރަމެވެ. ނަމަވެސް ހަނދާން ކުރަންވީ މުހިއްމު ކަމަކީ ކަސްރަތެއް ނުކުރެވޭތާ ކުޅެންވެސް ނުދެވޭނަމަ، އެއްމެ ކުޑަމިނުން، ދިރިއުޅުމުގައި ހަރަކާތްތެރި ހީވާގި ދިރިއުޅުމެއް އުޅުމެވެ. މި ހަރަކާތްތެރި ދިރިއުޅުމަކީވެސް އިންސާނާ އެތައް ނުރައްކަލަކުން ދުރުކޮށްދޭނޭ ކަމެކެވެ.

އިންސާނާގެ ފިޠުރަތާއި ޠަބީއަތަކީވެސް ކަންނެތްކަމުން ދުރުވެ، ހަރަކާތްތެރި ވުމެވެ. ގޭތެރޭގެ މަސައްކަތްތަކުގައި ވީނަމަވެސް، އޮފީސް ނުވަތަ ވަޒީފާގެ މާހައުލުގައި ވީނަަމަވެސް ހަރަކާތްތެރި ހީވާގި މީހަކަށް ވެވޭތޯ ބަލާށެވެ. ގޭގައި އަމިއްލައަށް ކައްކައިގެން ކެވޭތޯ ބަލާށެވެ. ގޭތެރޭ ކަހާ ސާފުކޮށް ބެލެހެއްޓުމީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކި، ހަޑިވުމުގެ ކުރިން ސާފުކޮށް އުޅޭށެވެ. ގޭތެރޭގައި ހުންނަ ބައެއް ތަކެތި ހަލާކުވުމުން އަމިއްލައަށް މަރާމާތު ކުރެވޭތޯ ބަލާށެވެ. ދޮވެ އިސްތިރިކުރަންވެސް ހަމަ ގަދައަށް އުޅޭށެވެ. ސުކޫލުދޮށަށް ކުދިންބަލާ ހިނގާފައި ދާށެވެ. ފިހާރައަށްވެސް ހިނގާލާފައި ދާށެވެ. އޮންލައިންކޮށް އެއްޗެހި ނުގަނެ، ފިހާރައަށް ގޮސް ތަކެތި ގަންނަން އާދަކުރާށެވެ. ގޭދޮށު މަގުމަތި ކުނި ކަހާށެވެ. ގެވަޅުތެރެ ސާފު ކިރާށެވެ. ކާށި އެހި، ބިނދެ އުޅޭށެވެ. ކޮންމެވެސް މަސައްކަތެއް ކުރެވޭތޯ ބަލާށެވެ. މިހުންނަނީ ކަސްރަތެއް ނުކުރެވޭ ހާލުގައިވެސް ހެލިފެލިވެ އުޅުމަށް ކުރެވިދާނެ ކަންކަމެވެ. ނަމަވެސް މިއަދު ގިނަބަޔަކު މިކަންތައްތަކާވެސް ފެޔަށްޖެހި ދުރަށް ޖެހެން ފަށައިފިއެވެ.

ދިރިއުޅުމުގެ މި އާދަތަކަށް ބަދަލުތައް ގެނެސް، ކަންނެތްކަމާ ފޫހިކަމުގައި، "ފުޅަ" ދިރިއުޅުމެއް އުޅެނީ އަހަރެމެންގެ ތެރެއިން ކިތައް ކިތައް މީހުންތޯއެވެ. އާދޭހެވެ! މިއިން ކަމެއް ނުކޮށް ހަރަކާތްތެރި ނުވެ، އަރާމުކަންމަތީގައި އުޅުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން ތިބާގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރާ މެދު ފަރުވާލެއް ބެހެއްޓޭ ހެއްޔެވެ؟ ހިތުގެ ދުޅަހެޔޮކަން ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުންނެވެ. ނަފްސުގެ ނަފްސާނީ ދުޅަހެޔޮކަން ދަނީ ބަލިކަށިވަމުންނެވެ. ވާހާ ހުރިހާ ގޮތެއް ނުވަތަ ކަމެއް އިހުސާސް ނުކުރެވިދާނެއެވެ. ނަމަވެސް ކަންތައްތަކެއް ވާކަމާއި، ބަދަލުވާކަން މިއީ ކަނޑައެޅިގެން އެނގެން ހުރި ހަގީގަތެކެވެ.

ކަންމިހެން ހުރުމާއި އެކު ހަރަކާތްތެރި ދިރިއުޅުމަކަށް އެންމެންވެސް އަމާޒުހިފޭތޯ ބަލާށެވެ. އެކިތަފާތު ސަބަބުތަކާ ހުރެ، ކަސްރަތު ނުކުރެވުނަސް، ކުޅިވަރެއް ނުކުޅެވުނަސް، ދިރިއުޅުމުގައި ހަރަކާތްތެރި ހީވާގި މީހަކަށް ވެވޭތޯ ބަލާށެވެ. ދުޅަހެޔޮކަމާއި ހަށިހެޔޮކަން އޮތީ އޭރުންނެވެ!