އަންހެނެއްގެ ހަޔާތުގައި އަންނަ އެއްމެ އާދަޔާހިލާފު ދުވަސްވަރަކަށް ވާނެ އެއް ދުވަސްވަރަކީ އެ އަންހެނާ ބަލިވެ އިންނަ ދުވަސްވަރެވެ. އެ އަންހެނާގެ ހަށިގަނޑުގެ ތެރޭގައި އެހެން ފުރާނައެއް އުފުލާ ދުވަސްވަރެވެ. މައިމީހާގެ ރަހިމުގައި ދަރިފުޅު އަށަގަތީއްސުރެ، އެ އަންހެނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ބޭރުފުށުން ފެންނަ އެތައް ބަދަލަކާއި އެތެރެ ހަށީގައި ހިނގާ އެތައް ބަދަލުތަކެއް ވެއެވެ.

މާބަނޑުވެ، ރަހިމު ބޮޑުވަމުންދާ ވަރަކަށް، ރަހިމުގެ ކައިރީގައިވާ ގުނަވަންތައް ފިތި، ބާރުވެ، ނުވަތަ ކޮންމެވެސް ދިމާލަކަށް ކުޑަަކޮށްނަމަވެސް ޖެހޭ ކަމީ ހަގީގަތެކެވެ. އުކުޅުވަޅާއި ފައިވަޅާއި ރަހިމުގެ ދޮރުގެ ކަށިތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ ކަމީ، އުފެދޭ ތަދާއި ވޭނުން ދަލީލުކޮށްދޭ ކަންކަމެވެ. މިފަދަ ކިތައްމެ ޖިސްމާނީ ބަދަލެއް މާބަނޑުވުމުން އަންހެނާއަށް އާދެއެވެ. 

މީގެ އިތުރުން ނަފްސާނީ އެތައް ބަދަލުތަކެއް އަންނަ ކަމީވެސް ހަގީގަތެކެވެ. މިކަން މެދުވެރިވަނީ އަންހެނާގެ ހަށިގަނޑުގައި އުފައްދައިދޭ ހޯމޯނުތަކުގެ މިންވަރާއި އެ ހޯމޯނުތަކުގެ ރައްދު، ހަށިގަނޑު ދޭ ގޮތުގެ ސަބަބުންނެވެ. މި ހުރިހާ ކަމެއް މިހެން ހުރުމާއި އެކުވެސް މާބަނޑު އަންހެނާގެ ސިކުނޑިއަށްވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ސިކުނޑީގެ ސިފަ އަށް ބަދަލުތަކެއް އާދެއެވެ. ދިރާސީ ހޯދުންތައް ބުނާ ގޮތުގައި މާބަނޑު އަންހެނެއްގެ ސިކުނޑީގައިވާ ގްރޭ މެޓާ ނަމަކަށް ކިޔައި ބައެއް، މާބަނޑު ނޫން އަންހެނުންނާ އަޅާ ބަލާއިރު، ސައިޒުން ކުޑަވެއެވެ.

ސިކުނޑީގެ ބައްޓަމަށް ނުވަތަ ސިފައަށް އަންނަ މި ބަދަލުގެ ސަބަބުން މާބަނޑު އަންހެނުންގެ ގްރޭ މެޓާ ކުޑަވާ ކަމީ ހަގީގަތެކެވެ. މިކަމަށް ދަލީލުކޮށްދޭ ބައެއް އާދަތައް މާބަނޑު އަންހެނުންގެ ކިބައިން ފެންނާނެއެވެ. ގްރޭ މެޓާ އަކީ ސިކުނޑީގައި މައުލޫމާތު ބަދަލުކުރުމާއި ޖިސްމާނީ އަދި ނަފްސާނީ އިހުސާސްތައް ހަމަހަމަކޮށްދޭން ބޮޑު ދައުރެއް އަދާ ކުރާ ބައެކެވެ. އެހެންކަމުން މާބަނޑުވުމާއި އެކު، މި ބައި ކުޑަވަމުންދާކަމުގެ ހެއްކަކީ މާބަނޑު އަންހެނުންގެ މިޒާޖަށް އަންނަ އެކިކަހަލަ ބަދަލުތަކެވެ. އިރެއްގައި ނުބައި އެއްޗެއް، މާ މީރުވެދާނެއެވެ. ކުރިން މާ މީރުކޮށް ކައި އުޅުނު އެއްޗެހި، ނުބައި ވެދާނެއެވެ. ކުރިން ކުރަމުން އައި އެތައް ކަމެއް ކުރާހިތް ނުވެދާނެއެވެ. ކުރިން ނުކުރާ އެތައް ކަމެއް ކުރާހިތް ވެދާނެއެވެ. ފަސޭހައިން ހިތްހަމަ ނުޖެހި، ދެރަވެ މާޔޫސް ވެދާނެެއެވެ. މިފަދަ ކިތައްމެ ކަމެކެވެ.

މާބަނޑު އަންހެނާގެ އުޅުމާ ގުޅުމަށް ބަދަލުތައް އަންނައިރު، ސިކުނޑިއަށްވެސް ބަދަލުތަކެއް އަންނަކަން ދިރާސާތަކުން މިއަދު މިވަނީ ހާމަވެފައެވެ. އިންސާނާގެ ސިކުނޑިއަކީ އެ ގުނަވަނެއްގެ މުހިއްމުކަން އިންތިހާއަށް ބޮޑު ގުނަވަނެކެވެ. މި އަސާސީ ގުނަވަނެއްވެސް ބަދަލުތަކެއް ގެނުވާ ކަމެއް ކަމުގައި މާބަނޑުވުން ވީ ހިނދު، މާބަނޑު އަންހެނުންނަށް އަޅާލާ އޯގާތެރިވެ، ރަހުމުކުރުން އެއީ ދެންތިބި ބައެއްގެ މައްޗަށް އޮތް ވާޖިބެކެވެ.