ޑިޕްރެޝަނަކީ ހަމައެކަނި މާޔޫސްކަން އިހުސާސްވުން ނުވަތަ ހިތް ނުތަނަވަސް ކަމުގައި މުޅި ދުވަސް ހޭދަކުރުމަށްވުރެ މާ ބޮޑު ކަމެކެވެ. ހިތާމަވެރި މޫޑެއް ގިނަ ދުވަހު ދެމިގެންގޮސް ކޮންމެ ދުވަހެއްގެ މަސައްކަތްތަކަށް ހުރަސްއެޅޭނަމަ އެ މީހެއްގެ ޑިޕްރެޝަން ހުރުމަކީ އެކަށީގެންވާކަމެކެވެ.
ޑިޕްރެޝަން ހުރިކަމުގެ ތަފާތު އަލާމާތްތަކެއްވެއެވެ. އެ ގޮތުން އަބަދު ދެރަވެފައި ހުރުން ނުވަތަ އަބަދު ހިތް ނުތަނަވަސްވެފައި ހުރުމާއި ކުރިން އެންމެ ކުރާ ހިތްވާ ކަންތައްތައްވެސް އެހާ ކުރާ ހިތް ނުވުން ހިމެނެއެވެ. މީގެ އިތުރުން އަބަދު ރުޅި ގަދަވެފައި ހުރުމާއި ކަންތައްތަކާއި މެދު ދެރަވުންވެސް އެއީ ހަމަ މިކަމުގެ އަލާމާތްތަކެވެ. ނިދަން އުނދަގޫވުން ނުވަތަ މާ ގިނަ އިރު ނިދުމާއި މާ އަވަހަށް ހޭލެވުން ނުވަތަ ހޭލަން އުނދަގޫވުމަކީވެސް ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ޑިޕްރެޝަން ގެ އަލާމާތްތަކެކެވެ. މާގިނައިން ކެއުން، މާ މަދުން ކެއުން، އެއް ގޮތަކަށްވެސް ކާ ހިތް ނުވުން، މާ ބޮޑަ ތަންތަނުގައި ރިއްސުން ނުވަތަ ތަދުވުން އަދި ބޮލުގައި ނުވަތަ ބަނޑުގައި އަބަދު ރިއްސުން، އަބަދު ވިސްނުމަކަށް ގެއްލިފައި ހުރުން ނުވަތަ ކަންކަމަށް ސަމާލުކަން ނުދެވުން އަދި ކަންކަން އަވަހަށް ހަދާން ނެތުންވެސް އެއީ ޑިޕްރެޝަންގެ ފާހަގަ ކުރުވޭ އަލާމާތްތަކެވެ. މި އަލާމާތްތަކުގެ އިތުރުން ބަރާބަރަށް ނިދި ލިބުނު ނަމަވެސް އަބަދު ވަރުބަލިވެފައި ހުރުމާއި އަބަދުވެސް މާޔޫސްވެފައި ހުރުން ނުވަތަ ނެގިމަޑުވެފައި ހުރުމުގެ އިތުރުން އަމިއްލަ ނަފްސާމެދު ދެރަކޮށް ދެކުމާއި އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި އަމިއްލައަށް މަރުވާން ވިސްނުންވެސް މިއީ ހަމަ މިކަމުގެ ބޮޑެތި އަލާމާތް ތަކެވެ.
މީހާކު ޑިޕްރެޝަނަށް ދިޔައީ ސީދާ މިވެނި ސަބަބަކާއި ހެދިއޭ ބުނުމަކީ ވަރަށް ވެސް އުނދަގޫކަމެކެވެ. ޑިޕްރެޝަނަށް މަގުފަހި ވާ ކަންކަމަށް ބަލާލާއިރު ލޭގެ ގުޅުން ހުރި މީހަކު ޑިޕްރެޝަނާއި ހަނގުރާމަ ކުރުން ނުވަތަ ކުޑަ އިރު ދިމާވެފައިވާ ހާދިސާ އަކާއި ހެދި މިސާލަކަށް ޖިންސީ ނަފްސާނީ ނުވަތަ ޖިސްމާނީ ގޯނާތައް ހިމެނެއެވެ. މީގެ އިތުރުން ޕްލޭން ކޮށްގެންނާއި ނުކޮށް ނަމަވެސް ދިރިއުޅުމަށް ގެންނަ ބޮޑެތި ބަދަލުތަކާއި މީހާ އަށް ދިމާވާ ސިއްހީ އެކި މައްސަލަތަކަކީވެސް މީހާ ޑިޕްރެޝަނަށް ވެއްޓުމަށް މަގުފަހިވާކަންކަމެވެ. ވަކި ވައްތަރެއްގެ ބޭހެއް ބޭނުން ކުރާނަމަ ނުވަތަ މީހާ މަސްތުވާތަކެތި ބޭނުން ކުރާ ނަމަ މީހާ ޑިޕްރެސްވުމަކީވެސް ވަރަށް ގާތް ކަމެކެވެ.
ޑިޕްރެޝަނަކީ ވަކި އުމުރެއްގެ ބަޔަކަށް ނުވަތަ ވަކި ޖިންސެއްގެ ބަޔަކަށް ޖެހޭ އެއްޗެއް ނޫނެވެ. އެމެރިކާގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގައި ވެސް އަހަރެއްގެ މައްޗަށް 16 މިލިއަން މީހުން ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެންދެއެވެ.
ޑިޕްރެޝަނުން ސަލާމަތްވުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. އެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް ކުރެވިދާނެ ކަމަކީ ސައިކޭޓްރިސްޓެއް ކައިރިއަށް ގޮސް ތެރަޕީ ސެޝަން ނެގުމެވެ. މީގެ އިތުރުން ސައިކޭޓްރިސްޓުން ދޭ އެންޓި ޑިޕްރެސެންޓްތައް ބަރާބަރަށް ގަވައިދުން ބޭނުންކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން