ޕެރައިންފްލުއެންޒާ އަކީ ހިއުމަން ޕެރައިންފްލުއެންޒާ ވައިރަސް (އެޗްޕީއައިވީ) - ބަލިޖެހޭ ޖަރާސީމުތަކުގެ ގްރޫޕެއްކަމުގައިވާ (ޕެތޯޖަންސް) ސިފަކުރުމަށް ބޭނުންކުރާ ލަފުޒެކެވެ. ޕެރައިންފްލުއެންޒާ ވައިރަސްގެ ސަބަބުން ނޭވާލާ ނިޒާމުގެ ގިނަ ބަލިތައް ކުރިމަތިކުރުވައެވެ. މި ބަލިތަކުގެ ސަބަބުން ކަރުތެރޭގައި ރިއްސުމާއި ހުންއައުމާއި ކެއްސުމާއި، ނޭވާ ކުރުވުން ފަދަ އަލާމާތްތައް ފެނެއެވެ.
ޕެރައިންފްލުއެންޒާ ވައިރަސްގެ އާންމު ހަތަރު ވައްތަރެއް ވެއެވެ. އެއީ، އެޗްޕީއައިވީ-1 އަދި އެޗްޕީއައިވީ-2 އެވެ. އެޗްޕީއައިވީ-1 އަދި އެޗްޕީއައިވީ-2 ގެ ސަބަބުން ހުން އައުމާއި ރޯގާ ޖެހުމުގެ ފުރުސަތު ބޮޑެވެ. އެޗްޕީއައިވީ-3 އަކީ ނޭވާލާ ނިޒާމާއި ފުއްޕާމޭއަށް ބަލިޖެހި، ބްރޮންކިއޮލައިޓިސް، ބްރޮންކައިޓިސް ނުވަތަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ބޮޑު ވައްތަރެކެވެ. އެޗްޕީއައިވީ-4 އާއި ބެހޭ ގޮތުން މާ ގިނަ ހޯދުންތަކެއް ނެތް ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ އެޗްޕީއައިވީ-3 އާއި ދާދި އެއްވަތަރު ވައިރަހެކެވެ.
ޕެރައިންފްލުއެންޒާ، ފްލޫ، އާރު.އެސް.ވީ އަދި ކޯވިޑް-19 އަކީ ތަފާތު ވައިރަސްތަކުގެ ސަބަބުން ޖެހޭ ބައްޔެއް ނަމަވެސް މި ހުރިހާ ވައިރަސްގެ އަލާމާތްތައް އެއްގޮތަކަށް ފެނިދާނެ އެވެ. މި ހުރިހާ ވައިރަލް އިންފެކްޝަންތަކެއްގެ ސަބަބުން ނިއުމޯނިއާ ފަދަ ސީރިއަސް ހާލަތްތަކެއް ކުރިމަތިވެދާނެ އެވެ. ތިމާއަށް ޖެހިފައި ހުރީ ކޮން ބާވަތެއްކަން އެނގޭނެ ހަމައެކަނި ގޮތަކީ ސިއްހީ ހިދުމަތްދޭ ފަރާތަކުން ޓެސްޓް ކުރުމެވެ.
“ޕެރައިންފްލުއެންޒާ” މި ނަން “އިންފްލުއެންޒާ” (ފުލޫ ޖެހުމަށް މެދުވެރިވާ ވައިރަސް) އާ އެއްގޮތަށް އިވޭ ސަބަބަކީ ކުރިން ތަޖުރިބާކާރުން ހީކޮށްފައި އޮތީ މިއީ އެއް ވައްތަރެއްގެ ވައިރަހެއް ކަމަށެވެ. އެކަމަކު އެއީ ތަފާތު ބަލިތަކެކެވެ.
ޕެރައިންފްލުއެންޒާ އިންފެކްޝަން ޖެހުމަކީ އާންމު ކަމަކަށް ވާއިރު، ހާއްސަކޮށް ކުޑަކުދިންނަށް މިބަލިދިމާވެއެވެ. 5 އަހަރުން މަތީގެ ކުދިންގެ %75 އަށްވުރެ ގިނަ، އަދި ބޮޑެތި މީހުންގެ %90 އަށް ވުރެ ގިނަ މީހުންނަށް ކުރިން އެޗްޕީއައިވީ ޖެހިފައިވާކަމުގެ ހެކިތައް އެބަހުއްޓެވެ. ދިރާސާވެރިންނަށް މި ހެކި ފެންނަނީ އެމީހުންގެ ލޭގައި ހުންނަ އެންޓިބޮޑީތަކުންނެވެ.
ޕެރައިންފްލުއެންޒާ އަކީ އާންމުކޮށް ދުޅަހެޔޮ ބޮޑެތި މީހުންނަށް ސީރިއަސް ބައްޔެއް ނޫނެވެ. ދިގުދެމިގެންދާ ފުއްޕާމޭގެ ބަލި ނުވަތަ ދިފާއީ ނިޒާމު ދަށްވުން ފަދަ ސިއްހީ އެހެން މައްސަލަތަކެއް ހުރިނަމަ ޕެރައިންފްލުއެންޒާ އިންފެކްޝަނެއް މާ ބޮޑަށް ގޯސްވެ، ރަނގަޅުވާން ލަސްވެދާނެ އެވެ.
އެޗްޕީއައިވީ ޖެހެނީ ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ބަލިޖެހިފައިވާ އެހެން މީހެއްގެ ފަރާތުންނެވެ. ޕެރައިންފްލުއެންޒާ އިންފެކްޝަން ފެތުރޭ އާންމު ގޮތްތަކުގެ ތެރޭގައި ހިމެނެނީ؛
ކައިރީގައި ހުރި މީހަކު ކެއްސުން ނުވަތަ ކިނބިހިއެޅުމުގެ ސަބަބުންނެވެ. އެޗްޕީއައިވީ ހިމެނޭ ވަރަށް ކުދިކުދި (މައިކްރޮސްކޯޕިކް) ތިކިތައް ސީދާ ވައިގެ ތެރެއިން ނޭފަތަށް ނުވަތަ އަނގައަށް ވަދެވޭނެއެވެ. އަދި އަތުގައި ޖެހުމުން، މޫނުގައި އަތްލުމުން ނޭފަތަށް ނުވަތަ އަނގައަށް ވައިރަސް ވާސިލްވަނީއެވެ.
ޕެރައިންފްލުއެންޒާ ވައިރަހުން ތަޣައްޔަރުވެފައިވާ ތަނެއްގައި އަތްލުމާއި، މޫނާއި އަނގައާއި ނޭފަތް ނުވަތަ ލޮލުގައި އަތްލުމުން ބަލިފެތުރެއެވެ.
ޕެރައިންފްލުއެންޒާ ވައިރަސް ޖެހިފައިވާ މީހެއްގެ އަތުގައި ނުވަތަ މޫނުގައި އަތްލުމާއި، ދެން މޫނު، އަނގަ، ނޭފަތް ނުވަތަ ލޮލުގައި އަތްލުންހިމެނެއެވެ.
ކުޑަކުދިންނަށް އެހެން ކުދިންގެ އަތުން ނުވަތަ، ކުޅޭ އެއްޗެހި އަދި ކުޅޭ ސަރަހައްދުގައި ބޭނުންކުރާ ސާމާނު ފަދަ ތަކެތީގެ ޒަރިއްޔާއިން ވެސް ވައިރަސް ޖެހިދާނެއެވެ.
ޕެރައިންފްލުއެންޒާ އަކީ އެއްބަޔަކު އަނެއް ބަޔަކަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. ޚާއްޞަކޮށް ކުޑަކުދިންގެ ތެރޭގައި ގިނައިން ކުޅޭ އެއްޗެހިތަކާއި އަތް އަނގައަށް ލާ ކުދިންގެ މެދުގާ ބަލި ގިނައިން ފެތުރެއެވެ.
ޕެރައިންފްލުއެންޒާ ވައިރަސް އަށް ވެކްސިނެއް ނެތެވެ. ދިރިއުޅުމުގެ އާދަތަކުން ބަލިވުމުގެ ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އޭގެ ތެރޭގައި :
ގިނަގިނައިން ސައިބޯނި ފެނުން އަތްދޮވުމާއި، ސައިބޯނި ބޭނުން ނުކުރެވޭނަމަ އަލްކޮހޯލް އެކުލެވޭ ހެންޑް ސެނިޓައިޒާއެއް ބޭނުން ކުރުން ހުމެނެއެވެ.
ކިނބިހިއަޅާ ނުވަތަ ކެއްސާއިރު ނޭފަތާއި އަނގަ ނިވާކުރުމާއި، ހުސް އަތަށް ވުރެ ބޮޑަށް ރުމާލެއް ނުވަތަ ޓިޝޫއެއްގެ ތެރެއަށް ކެއްސުން މުހިއްމެވެ.
ރޯގާ ނުވަތަ އެނޫންވެސް ބަލިތަކެއް ޖެހިގެން ތިމާ ނުވަތަ އެހެންމީހުން ބަލިވެ އުޅޭއިރު މީހުން ގިނަ ތަންތަނަށް ނުދިޔުން ހިމެނެއެވެ. މާސްކު އަޅައިގެން އުޅިމަކީވެސް ހަމަ އެހާމެ މުހިއްމު ކަމެކެވެ.
ކުދިންނަށް ރަނގަޅަށް އަތްދޮންނަން ދަސްކޮށްދީ، ސާފުތާހިރުކަމުގެ އެހެނިހެން އާދަތައް އަވަހަށް ދަސްކޮށްދިނުމަކީވެސް ބުއްދިވެރިކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން