އިންސާނެއްގެ ސިއްހީ ހާލަތު ދެނެގަތުމަށް ތަފާތު އެކި ޓެސްޓުތައް ހަދައެވެ. ނަމަވެސް އިންސާނާގެ ދުލަކީ މިފަދަ ޓެސްޓެއް ހެދުމެއް ނެތި އިންސާނާގެ ހާލަތު ކިޔައިދޭ އެއް ގުނަވަނެވެ. ދުލުގައި ހުންނަ ކުލައިން އިންސާނާގެ ސިއްހީ ހަލަތު ބުނެދެއެވެ. އެގޮތުން މި ލިޔުމުގައި މި ކުލަތަކަށާއި މި ކުލަތަކުން ބުނެދޭ ކަންތައްތަކަށް ބަލައިލާނަމެވެ.

އިންސާނާގެ ދުލުގެ އާންމު ކުލައަކީ ފިޔާތޮށި ކުލައެކެވެ. މިއީ ދުޅަހެޔޮ ދުލެއްގެ ކުލައެވެ. ދުޅަހެޔޮ ހަށިގަނޑެއްގެ ވެރި އިންސާނެއްގެ ދުލުގެ ކުލައަކީވެސް މިއީއެވެ. ދުލުގެ ކުލަ ހުދު ކުލައެއްގައި ވާނަމަ އޭގެ މާނައަކީ އެއީ ކޮންމެވެސް ކަހަލަ ފަންގަލް އިންފެކްޝަނެއްގެ އަލާމާތެކެވެ. ނުވަތަ ލޫކޯޕްލަކިއާ ނަމަކަށް ކިޔާ އަނގަޔަށް ޖެހޭ ބައްޔެއްގެ އަލާމާތެއް ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އެއީ ލިޗެން ޕްލެނަސް ނަމަކަށް ކިޔާ އަނގައިގެ އިންފެކްޝަނެއް ކަމުގައިވެސް ވެދާނެއެވެ. މި އިންފެކްޝަނުގައި އަނގައިވެ ހިސާބުތައް ހުދުވެ ދުޅަވުން ހިމެނެއެވެ. ޖުމުލަކޮށް މުޅި ދޫ އެކީ އެކަށް ހުދުވެ، ހުދު ފަށަލައެއް ދުލުގެ މަތީގައި ވާހެން ފެންނަ ނަމަ އޭގެ މާނައަކީ ހަށިގަނޑުން ފެން މަދުވެފައިވުމެވެ. ނުވަތަ ޑީހައިޑްރޭޓް ވެފައިވުމެވެ.

ދުލުގެ ކުލަ ދަނބުކުލައެއްގައި ވާނަމަ އެއިން ދޭހަކޮށްދެނީ ލޭ މަދު ކަމެވެ. ނުވަތަ ދުލަށް ލޭ ފޮނުވައިދޭލެއް މަދުކަމެވެ. މި އަލާމާތަކީ ބައެއް ހިތުގެ ބަލިތަކުގެވެސް އަލާމާތެކެވެ. އަދި މިއީ ކަވަސާކީ ނަމަކަށް ކިޔާ ބައްޔެއްގެ ވެސް އަލާމާތެކެވެ.

ރަތްކުލައިގައި ދޫ ހުންނަ ނަމަ އެއިން ބުނެދެނީ ހަށިގަނޑުގައި ވިޓަމިން ބީ މަދުކަމެވެ. ބައެއްފަހަރަށް ބައެއްކަހަލަ އެލާޖިކު ތަކުގައިވެސް މިފަދައިން ރަތްކުލައިގައި ދޫ ހުރެދާނެއެވެ. އަދި ކުޑަކުދިންނަށް ޖެހޭ ސްކަރލެޓް ފީވާ ނަމަކަށް ކިޔާ ހުމެއްގެ ސަބަބުންވެސް ދުލުގެ ކުލަ ރަތްވެދާނެއެވެ. އަދި ވިޓަމިން ބީ12 މަދުވުމުން ޖެހޭ ގްލޮއްސައިޓިސް ނަމަކަށް ކިޔާ ދުލުގެ އިންފެކްޝަނަކުންވެސް ދުލަށް ރަތްކުލަ އަރާފާނެއެވެ.

ދުލުގެ ކުލަ އަޅިކުލައެއްގައި ވާނަމަ އެކަމުން، ދެކަމެއް ބުނެދެއެވެ. އެއީ ޖޯގްރަފިކް ޓަންގް ނަމަކަށް ކިޔާ ހާލަތެއްގެ ސަބަބުން މެދުވެރިވެދާނޭ ކަމެކެވެ. ދެވަނަ ގޮތަކީ ހަންގަނޑަށް ޖެހޭ އެކްޒީމާ ނަމަކަށް ކިޔާ ބައްޔެއް، ދުލުގެ ހަން ފަށަލައަށްވެސް ޖެހުމުން އަޅި ކުލައިގައި ފެނިދާނެއެވެ.

ދުލުގައި ރީނދޫ ކުލައެއް ވާނަމަ، މި ރީނދޫ ކުލައިން ބުނެދެނީ ބެކްޓީރިއަލް އިންފެކްޝަނެއްގެ އަލާމާތެއްގެ ވާހަކައެވެ. ނުވަތަ އެއީ ރީނދޫ ވުމުގެ އަލާމާތެކެވެ. އަދި މިއީ ބައެއްފަހަރަށް އިސްވެ ދެންނެވުނު އެކްޒީމާގެ އަލާމާތެއްކަމަށްވެސް ވެދާނެއެވެ.

ދުލުގެ ކުލަ އޮރެންޖު ކުލައިގައި ވާނަމަ އެއިން ބުނެދެނީ އަނގަ ހިކިފައިވާ ކަމެވެ. އަދި ބައެއްކަހަލަ ބޭސް ބޭހުގެ ސަބަބުންވެސް އޮރެންޖުކުލަ ފެނިދާނެއެވެ. ފެހިކުލައިގައި ވާ ދުލުން ބެނެދެނީ ކޮންމެވެސް ކަހަލަ އިންފެކްޝަނެއްގެ ވާހަކައެވެ. އަދި ލޫކޯޕްލަކިއާ ނުވަތަ ލިޗެން ޕްލެނަސް ފަދަ ބަލިތަކުގައިވެސް ފެހިކުލަ ފެނިދާނެއެވެ.

ދުލުގެ ކުލަ ނޫކުލައިގާ ވާނަމަ އެއިން ބުނެދެނީ ލޭގައި އޮކްސިޖަން އެކުލެވޭ މިންވަރު މަދުކަމެވެ. މިއީ ބައެއްފަހަރަށް ވަރަށް ނުރައްކާތެރި ނިޝާނަކަށްވެސް ވެދާނޭ ނިޝާނެކެވެ. ނުވަތަ އަލާމާތެކެވެ.

ދުލުން ފެނިދާނޭ ތަފާތު ކުލަތަކާއި އެކުލަތަކުން ބުނެދޭ ބައެއް ކަންްކަން މި ދަންނަވާލެވުނީއެވެ. އެއާއި އެކު އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ކަންކަމަށް ސަމާލުކަން ދިނުމާއި ހޭލުންތެރިވެ ތިބުން ވަރަށްވެސް މުހިންމެވެ.