އެންމެ ކުރީއްސުރެންވެސް ސިއްހަތާއިބެހޭ ފަރާތްތަކުން ދައްކަމުން އަންނަ އެއްވާހަކައަކީ ރަނގަޅަށް ނިދުމަށް ބޭނުންނަމަ އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ބޭނުންނަމަ ނިދުމުގެ ކުރިން އެއްވެސް އެއްޗެއް ނުކެއުމަށެވެ. އެކަމާ މެދު ގިނަ މީހުންގެ ވިސްނުން މިހާރު ބަދަލުވެފައި ވީނަމަވެސް ނިދުމުގެ ކުރިން ދުރުހެލިވާން މުހިންމު ބައެއް ކަންތައްތައް ހުރެއެވެ. 

އެމެރިކާގެ ސްލީޕް ފައުންޑޭޝަނުން ލަފާދޭ ގޮތުގައި، ކުޅި ކާނާ އާއި ސަރުބީ ގިނަ ކާނާ އާއި އެސިޑް އެކުލެވޭ ކާނާގެ އިތުރުން ކެފެއިން ހިމެނޭ ތަކެތި ކެއުމުން ދުރުހެލިވުން އެދެވިގެންވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ސައި އާއި ކޮފީ ބޯނީ ދުވަސް ފެށުމަށް އެހީތެރިވެދިނުމަށް ކަމުން ނިދުމުގެ ކުރިން މިތަކެތިން ދުރުހެލިވުމަކީ އުނދަގޫ ކަމަކަށް ވެގެން ނުވާނެއެވެ. 

އަދި ރޭގަނޑު ދަންވަރު ބާގަރސް، ޗިޕްސް އަދި އެހެނިހެން ތެޔޮއެކުލެވޭ ފާސްޓް ފުޑް ފަދަ ތަކެތިންވެސް ދުރުހެލިވާން ޖެހެ އެވެ. މީގެ އިތުރުން ކިރުގެ އުފެއްދުންތަކަކީ އަހަރެމެންގެ ހަށިގަނޑަށް ހަޖަމުކުރަން އުނދަގޫ އެއްޗެހި ކަމުން ނިދާއިރު މިތަކެތި ބޭނުން ކޮށްފިނަމަ، އަހަރެމެންގެ ހަށިގަނޑު މަސައްކަތް ކުރަމުންދާނީ މި ކާނާތައް ހަޖަމުކުރުމަށެވެ. މިކަމުގެ ސަބަބުން ނިދަން އުނދަގޫ ވެގެން ދާނެއެވެ.

އެހެންވީމާ، ރޭގަނޑު ނިދަން އުނދަގޫ ފަރާތްތަކަށް އެންމެ އެކަށީގެންވަނީ، ނިދުމުގެ ކުރިން މަތީގައިވާފަދަ ކާއެއްޗެހި ނުކެއުމަށެވެ. ނިދުމުގެ ކުރިން އަދި ނުނިދާހުރެ ދަންވަރުގެ ވަގުތުގައި ކެއުމަކީ، ތިމާގެ ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް މަގުފަހިވެގެން ދާނެ ކަމެކެވެ.