ގައިގައި، ޚާއްސަކޮށް ބުރަކަށީގައި ރިއްސާތީ އުޅޭ މީހުން، ހަފްތާއަކު މަދުވެގެން ތިން ފަހަރު ހިނގާލުމުން، އެ ތަދު އަނބުރާ އައުމުގެ ފުރުސަތު ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ މެޑިކަލް ޖާރނަލް އެއް ކަމަށްވާ 'ދަ ލޭންސެޓް' ގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުން، ބުރަކަށީގައި ރިއްސާ މީހުން ކަސްރަތެއްގައި ގޮތުގައި ހިނގުމަކީ، އެ ތަދު ލުއިކޮށްދީ، ތަދު އަނބުރާ އައުމުގެ ފުރުސަތު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ވެސް، ހިނގުމަކީ މީހާގެ އާންމު ސިއްޙަތު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީވެދޭ ކަސްރަތެކެވެ.

"ހިނގުމުން ލިބޭ ފައިދާތައް ހޯދުމަށް ދުވާލަކު 5 ނުވަތަ 10 ކިލޯމީޓަރަށް ހިނގާކަށް ނުޖެހޭ"، ދިރާސާގެ އިސް ލިޔުންތެރިޔާ މާކް ހަންކޮކް ބުނެފައި ވެއެވެ. އެންމެ މުހިއްމު ކަމަކީ، ހިނގަން ފަށާއިރު ކުރުކޮށް ފަށާފައި، މީހާގެ ފިޓްނެސް އާ އެއްވަރަށް މަޑުމަޑުން ދިގު ކުރުމެވެ. ހިނގުމަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހިސާބެއްގައި ދިރިއުޅޭ މީހަކަށް ވެސް ކުރެވިދާނެ "ހިލޭ ކަސްރަތެއް" ކަމަށް ހަންކޮކް ބުނެއެވެ. 

ހަންކޮކްގެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން، ހަފްތާއަކު 3-5 ފަހަރު، އެވެރެޖް ކޮށް 130 މިނެޓަށް ހިނގާ މީހުން، އެކަން ނުކުރާ މީހުންނަށްވުރެ ގިނަ ދުވަސް ވަންދެން ބުރަކަށީގައި ނުރިއްސާ ހުންނަ ކަމަށް ނަތީޖާއިން ދައްކައެވެ. 

ހިނގުމުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދިނުމާއި، ކަށިތައް ވަރުގަދަ ކޮށްދިނުމާއި، ބަރުދަން ލުއިވުން ހިމެނެއެވެ.