ނަފުސާނީ އަނިޔާ ތަޙައްމުލުކުރާ އަންހެނުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެކަމަކު ނަފުސާނީ ގޮތުން މީހަކަށް ލިބިފައި ހުންނަ އަނިޔާ އަކީ ފެންނަން ހުންނަ ކަމަކަށް ނުވާތީ، އެކަން ދެނެގަންނަން ވަރަށް ބޮޑަށް އުނދަގޫވެއެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލާނީ ނަފުސާނީ ގޮތުން އަނިޔާ ލިބިފައިވާ އަންހެނުންގެ ފަރާތުން ފެންނާނެ ބައެއް ނިޝާންތަކަށާއި، އެކަންކަން ދިމާވުމަށް މެދުވެރިވާ ސަބަބުތަކަށެވެ. 

އަބަދު މަޢާފަށް އެދުން.

ނަފުސާނީ ގޮތުން އަނިޔާ ލިބިފައިވާ އަންހެނުންގެ ފަރާތުން ފެންނާނެ އެއް ކަމަކީ ކުދިކުދި ކަންކަމާ އަބަދު މަޢާފަށް އެދުމެވެ. މަޢާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމުގައި ވިޔަސް މެއެވެ. އެ މީހުން އަބަދުވެސް ތިބޭނީ އަމިއްލަ ނަފުސު ކުށްވެރިކޮށްގެންނެވެ. ގޯސްކޮށް ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ތިމާ ކަމުގައި ޤަބޫލުކޮށްގެންނެވެ. އެއީ އެހެން މީހެއްގެ ސަބަބުން ދިމާވި ކަމެއް ވިޔަސް މެއެވެ. މިހެން ދިމާވަނީ ޙަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި އޭނާއާ އެކުގައި އުޅުނު މީހަކު ނުވަތަ ބަޔަކު އަބަދާއަބަދު އޭނާ ކުށްވެރިކޮށް ވާހަކަދައްކާފައި ވުމުންނެވެ. ނުކުރާ ކަންކަމުގެ ޒިންމާ ނަގަން ޖެހި، ނުކުރާ ކަންކަމަށް އަދަބު ލިބިފައި ވުމުންނެވެ.  

ތިމާ އަކީ އަގެއް ނެތް، ހުތުރު މީހެއް ކަމަށް ޤަބޫލުކުރުން.

ޖިސްމާނީ ގޮތުން ކިތަންމެ ރީތި ސިފައެއް ލިބިފައި ހުއްޓަސް އެކަން ޤަބޫލުކުރަން އުނދަގޫވެއެވެ. އަދި ހަމައެހެންމެ އޭނާގެ ނަފުސުގައި ވެސް އެއްވެސް އަގެއް ނެތް ކަމަށް ދެކެއެވެ. މީހަކު އޭނާގެ ރީތިކަމަށް މީހަކު ތަޢުރީފުކޮށްފި ނަމަ އެއީ ކުރި މަލާމާތެކޭ ހީވެއެވެ. އެ ކުރި ތަޢުރީފުގެ އަސަރު ނެގެޓިވްކޮށް ކުރުމުގެ ސަބަބުން ލަދުގަނެ، ހިތަށް މޮޅިވެރިކަން ލިބެއެވެ. ބައެއް ފަހަރު މި ޙާލަތު ކުރިމަތި ވަނީ އެކުގައި އުޅުނު މީހަކު ނުވަތަ ބަޔަކު އަބަދު އޭނާގެ ސިފައަށް މަލާތްކޮށްފައި ވާތީއެވެ. އަނެއްބައި ފަހަރު މިހެން ދިމާވަނީ އެކުގައި އުޅުނު ބައިވެރިޔާ ބޭވަފާތެރިވުމުންނެވެ. އޭނާގެ އެއްވެސް ކުށެއް ނެތި، ބައިވެރިޔާ އެހެން އަންހެނަކު އިޚުތިޔާރު ކުރުމުންނެވެ. މިހެން ދިމާވުމުން ނަފުސާނީ ގޮތުން ކުރާ އަސަރުތަކެއްގެ ސަބަބުން މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލެއެވެ. ބައިވެރިޔާ އެހެން އަންހެނަކު އިޚުތިޔާރު ކުރީ ތިމާ ހުތުރު ކަމުން ނުވަތަ ތިމާގެ ނަފުސުގެ އަގުދަށްކަމުން ކަމަށް ޤަބޫލުކުރެވެއެވެ. 

ކުދިކުދި ދެބަސްވުންތަކުގައި މާ ބޮޑަށް ޖަޒުބާތީވުން.

ނަފުސާނީ އަނިޔާ ތަޙައްމުލު ކުރަމުންދާ އަންހެނުންނަށް އެއްވެސް ދެބަސްވުމަކީ ކުޑަކަމެއް ނޫނެވެ. އާންމު ދިރިއުޅުމުގައި ދިމާވާ ކުދިކުދި ދެބަސްވުންތަކާއި، މައްސަލަތަކަކީ އެ މީހުންނަށް ވަރަށް ބޮޑެތި ކަންކަމެވެ. އެ މީހުންނަށް ވަރަށް ބޮޑަށް އަސަރުކުރުވާ ކަންކަމެވެ. މިހެން ދިމާވަނީ އެ މީހުންގެ ޖަޒުބާތުތައް އަބަދުވެސް "ބޯޑަރ ލައިން"ގައި ހުންނާތީއެވެ. ކުޑަކުޑަ ކަމެއް ދިމާވި ނަމަވެސް އެ މީހުންގެ ހުރިހާ އިހުސާސެއް ބަންޑުންވެގެންދެއެވެ. ކުދިކުދި ކަންކަމާ ރުއިމާއި، ރުޅިއައުން އާންމު ކަމަކަށް ވެއެވެ.

އެހެން މީހުންނާ ގާތްކޮށް އުޅެން ފަސްޖެހުން.

މި ފަދަ މީހުން އުޅެން ބޭނުން ވަނީ ވަރަށް އެކަހެރި ދިރިއުޅުމެކެވެ. އެހެން މީހުންނާ އެކު ގާތް ގުޅުންތައް ބާއްވަން ފަސްޖެހެއެވެ. މިހެން ދިމާވަނީ ކުރިން އެކުގައި އުޅުނު މީހަކު ނުވަތަ ބަޔަކު ތާއަދަބު އޭނާގެ ހިތުގައި ޖެހޭ ގޮތަށް ކަންކަން ކޮށްފައި ހުރުމުންނެވެ. ނުވަތަ އަބަދު ރުޅިއަރުވާ، އެއްޗެހިކިޔާފައި ހުރުމުންނެވެ. މި ފަދަ ގޮތަކަށް އަނިޔާ ލިބިފައި ތިބޭ މީހުން އެންމެ ބޮޑަށް އިސްކަން ދޭނީ އަމިއްލަ ނަފުސުގެ ހަމަޖެހުން ހޯދުމަށެވެ. ރަހުމަތްތެރިން ހޯދާ އިރު ނުވަތަ ބައިވެރިޔަކު އިޚުތިޔާރު ކުރާ އިރު އެ މީހުން އެންމެ ބޮޑަށް އިސްކަން ދޭނީ އެ މީހުންގެ އަމިއްލަ ނަފުސަށް ހަމަޖެހުން ގެނެސްދޭނެ މީހުން ޚިޔާރުކުރުމަށެވެ. 

އެހެން މީހުންގެ ފަރާތުން އެހީތެރިކަން ބޭނުން ނުވުން.

މި ފަދަ މީހުން ކޮންމެ ކަމެއް ވެސް ކުރަން ބޭނުން ވަނީ އަމިއްލަ އަށެވެ. އެހެން މީހެއްގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަމެއް ނަމަވެސް، އެހީތެރިކަމަށް އެދެން ފަސްޖެހެއެވެ. މީހަކު އަމިއްލައަށް ފެނިގެން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް  އެ އެހީ ޤަބޫލުކުރަން ވެސް ފަސްޖެހެއެވެ. މިހެން ދިމާވަނީ ދިރިއުޅުމުގައި އޭނާ އަށް ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ވަގުތުތަކުގައި އެހެން މީހުންގެ އެހީތެރިކަން ލިބިފައި ނެތުމުންނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ކަންކަމާ އެކަނި ކުރިމަތިލާން މަޖުބޫރު ވެފައި އޮތުމުގެ ސަބަބުންނެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުންނަށް ވުރެ ބޮޑަށް ނަފުސާނީ ގޮތުން އަސަރުކުރަނީ އަންހެނުންނަށެވެ. އެހެންކަމުން ނަފުސާނީ އަނިޔާ ތަޙައްމުލުކުރަން ޖެހޭ އަންހެނުންގެ އަދަދު މާ ބޮޑަށް އިތުރެވެ. ޖިސްމާނީ ގޮތުން ލިބޭ އަނިޔާ ފަސޭހަކުރުމަށް ފަރުވާ ބޭނުންވާ ފަދައިން، ނަފުސާނީ ގޮތުން ލިބިފައި ހުންނަ އަނިޔާތައް ފަސޭހަވުމަށް ވެސް ފަރުވާ ބޭނުން ވެއެވެ. މި ކަމަށް އޮތް އެންމެ މުހިއްމު ފަރުވާއަކީ އެކުގައި އުޅޭ ގާތް މީހުންގެ ލޯތްބާއި، އަޅާލުމެވެ. އަދި ހަމައެހެންމެ ނަފުސާނީ ގޮތުން އަނިޔާ ލިބިފައި ހުރިކަން ޑައިގްނޯސް ކުރެވޭ ހިސާބުން ތެރަޕީ ފެށުމެވެ.