ހާސްވުމާ ނުތަނަވަސްވުމަކީ އޭގެ ސަބަބުން އިންސާނާގެ ދުޅަހެޔޮކަމަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާ ކަމެކެވެ. އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށެވެ. އެހެންކަމުން ހާސްވެ ނުތަނަވަސްވެދާނޭ ހުރިހާ ކަމަކުން އިންސާނާ ދުރުވެ ހުރުން އެއީ ދުޅަހެޔޮސިއްހަތަކަށް ހަމަ ކޮންމެހެން މުހިއްމު ކަމެކެވެ. ހާސްކަމާއި ނުތަވަސް ކަމަކީ އެތައް ބައްޔެއްގެ އަސްލެވެ. އެތައް ބައްޔެއްގެ ވަރު ބޮޑުކޮށްދޭ ނުރައްކާތެރި ކަމެކެވެ.

ނުތަވަސްވެ، ހާސްބޮޑުވެ، ފިކުރުބޮޑުވުމުން ލޭމައްޗަށް ދާ ކަމީ ގިނަބަޔަކު ދަންނަ ކަމެކެވެ. ނަމަވެސް ހާސްވިއެއް ކަމަކު، ފިކުރުބޮޑުވިއެއް ކަމަކު ލޭމައްޗަށް ދާން ޖެހޭ ސަބަބީ ކޮބައިކަން ގިނަ މީހުންނަކަށް ނޭނގެއެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ ހާސްވެ ނުތަނަވަސްވެ އަދި ފިކުރުބޮޑުވުމުން ލޭ މައްޗަށް ދަނީ ކީއްވެގެން ތޯއެވެ.

މިކަންކަމަކީ އިންސާނާގެ ސިކުނޑީގައި ހިނގާ ކަންކަމެވެ. ވިސްނުމާ ހިޔާލު ކުރުމުގެ ތެރޭގައި ގަޑުބަޑުވާ އިހުސާސް ތަކެކެވެ. މި އިހުސާސްތަކުގެ ރައްދު އިންސާނާގެ ހަށިގަނޑުގައި އުފައްދައިދެނީ "ފައިޓް އޯރ ފްލައިޓް" ނަމަކަށް ކިޔާ ނިޒާމަކުންނެވެ. މިއީ އާދައިގެ އިބާރާތަކުން ބުނާނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބައެކޭވެސް ބުނެވިދާނެއެވެ. ގަސްތަކާ ނުލާ ލިބޭ އަނިޔާތަކުން ނުވަތަ ގެއްލުން ތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭން ހަށިގަނޑަށް ގެންނަ ހަރަކާތްތަކާއި ހަށިގަނޑުގައި ހިނގާ ބައެއްކަހަލަ ކަންކަން ހިނގަނީ މި ނިޒާމުގެ ތެރެއިންނެވެ.

ހާސްވެ ނުތަނަވަސް ވުމުން މި ނިޒާމު އެއަށް ރައްދުދޭ ގޮތަކީ ހަށިގަނޑުގައި ހުންނަ "ސްޓްރެސް ހޯމޯނު" ތައް ލޭގެ ތެރެއަށް ދޫކޮށްލުމެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ދެ ހޯމޯނެއް ވެއެވެ. އެއީ އެޑްރިނަލިން ނަމަކަށް ކިޔާ ހޯމޯނަކާއި ކޯޓިސޯލް ނަމަކަށް ކިޔާ ދެ ހޯމޯނެވެ. މި ދެ ހޯމޯނު ލޭގެ ތެރޭގައި ގިނަ ވުމުން ލޭހޮޅިތަކުގެ އެތެރޭގެ ޖާހަ ހަނިކޮށްދެއެވެ. މި ޖާގަ މިގޮތަށް ހަނިވުމުން، ލޭހޮޅި ތެރޭގައި ދައުރުވާ ލޭގެ މިންވަރު މަދުވެއެވެ. މު މިންވަރު މަދުވުމާއި އެކު، ގުނަންތަކަށް ލިބެން ޖެހޭ ލޭގެ މިންވަރު މަދުވިޔަ ނުދިނުމަށްޓަކައި، ހިތުގެ ވިންދު އަވަސްކޮށްދެއެވެ. 

މިހާހިސާބުން މި އޮތީ ހިތުގެ ވުންދުވެސް އަވަސްވެފައެވެ. ލޭގެ ޕުރެސަރުވެސް މަތިވެފައެވެ. އިންސާނާ ހާސްކަމުގައި ހުންނަހާ ހިނދަކު، މިކަމެއް މިގޮތަށް އިންސާނާގެ ހަށިގަނޑުގައި ހިނގާނެއެވެ. އެހެންކަމުން މި ބަލާލެވުނީ އިންސާނާ ހާސްވެ ނުތަނަވަސްވުމުން ލޭގެ ޕުރެސަރު މައްޗަށް ދާ ގޮތުގެ ކުރު ތަފްސީލަކަށެވެ.