"ހެލޯ! ގުޑް މޯނިން! ހަވްއާޔޫ؟" މިއީ ބަވަނަ ވެފައިވެފައިވާ މި ދުނިޔޭގައި ވަރަށް އާންމު "ސަލާމެކެވެ"! ހުޅަނގުގެ މުޖުތަމައުތަކުގައްޔާއި އިސްލާމީ މުޖުތަމައުތަޖުގައިވެސް މިއީ އާންމު ބުނުން ތަކެކެވެ. ނަމަވެސް އަހަރެމެން މުސްލިމުންގެ މައްޗަށް މިފަދަ ބަސްތައް ބުނުމަކުން ނުފުދެއެވެ. އެހެނީ މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާހިނދު އިސްލާމްދީނުގެ ސަލާމުން ސަލާމްކުރުމަކީ މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ ފުރަތަމަ ޙައްޤު ކަމުގައިވާތީއެވެ.

މުސްލިމުން އެކަކު އަނެކަކަށް އަދާކޮށްދެންދޭން ޖެހޭ މި ޙައްޤު އަދާކުރުމުގައި، މިއަދިގެ އިސްލާމީ މުޖުތަމައުތައް ވަނީ ވަރަށް ބޮޑަށް އިހްމާލްވަމުންނެވެ. އިސްލާމް ދީނުގެ ސަލާމުން ސަލާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ދަރިންނަށް އަންގައިދިނުމުގައި، ބެލެނިވެރިންނާއި މުދައްރިސުން ދަނީ ވަރަށް ބޮޑަށް އިހްމާލްވަމުންނެވެ. އެކަމުގެ ސަބަބުން އަދުގެ ޖީލުތައް ބޮޑެތިވަމުން މިދަނީ އިސްލާމް ދީނުގެ ސަލާމުގެ ޙުކުމްތަކާއި އެކަމުން ލިބޭނެ މަންފާ ނުވެސް އެނގިތިބެއެވެ. މިއީ އިސްލާމީ މުޖުތަމައެއްގައި އުޅޭ މުސްލިމެއްގެ ހައިސިއްޔަތުން ލަދުގަންނަންޖެހޭ ދެރަވަރު ކަމެކެވެ.

ެިއިސްލާމް ދީނުގެ ސަލާމުގައި ހިމެނިގެންވަނީ ލޯތްބާއި އޯގާތެރިކަމުގެ ކަލިމައެކެވެ. އަމާން ކަމާއި ރައްކާތެރިކަމުގެ އިބާރާތްތަކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ހިތްތަކުގެ ހަމަޖެހުމަކީ ސަލާމެވެ. ސަލާމަކީ ހިތްތަކުގައިވާ ލޮބުވެތިކަމުގެ ތަޅުދަނޑިއެވެ. އަދި އެއީ ކޮންމެ ދޮރަކަށްވާ ހުއްދައިގެ ތަޅުދަނޑިއެވެ. އަދި އެއީ ބަރަކާތާއި އިތުރުވުމުން ހަޔާތަށް ދިރުން ލިއްބައިދޭ ކާނާއެކެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވާފައިވެއެވެ.

﴿فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النور: 61] މާނައީ: "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި، ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ!" (ނޫރް:61)

ސަލާމަކީ އަމާންކަމުގެ ގޮވާލުމެކެވެ. އަދި އެއީ އަމާންކަމުގެ އަހުލުވެރިންގެ ސިފައެކެވެ. ސަލާމުގެ މާނަ އެނގިއްޖެމީހާ އެއަށް އިހުތިރާމް ކުރާނެއެވެ. އަދި ސަލާމުގެ ޤަދަރާއި މަތިވެރިކަން އެނގިއްޖެމީހާ އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ އުޅުމާއި ސުލޫކު އިސްލާހު ކުރާނެއެވެ. އަދި ދީނީގޮތުންނާއި ދުނިޔަވީގޮތުން އޭނާ ކުރިއަރައި ދާނެއެވެ.

އާދޭހެވެ! އިސްލާމީ ރިވެތި ސަލާމުން ގޮވާލެވޭ ސަލާމުގެ އަޑު، މިއަދު މި ރާއްޖޭގައި ވަރަށްވެސް މަޑެވެ. ގަބޫލުކުރަން ދަތިނަމަވެސް މިއީ ތަޢުލީމާއި ތަރުބިއްޔަތުގެ ނިޒާމުގައި ދިވެހިން ފަރުވާކުޑަ ކުރި ވަރަށްވެސް އަސާސީ މަސްދަރެކެވެ. އެކަމަކަށް މާބޮޑު އަޅާލުމެއް ނުދިން ދީނީ ޝިއާރެކެވެ. އެކަމަކަށް އެމީހުންގެ ދަރީން ހާނުވާން ނޫޅެވޭ ރިވެތި އަހުލާގެކެވެ. މިއީ އަދުގެ މައިންބަފައިންނާއި މުދައްރިސުން ލަދުގަންނަން ޖެހޭނޭ ކަމެކެވެ. އަދި ކިއެއް މިއީ ވިސްނާ ފިކުރުވެސް ކުރަން ޖެހޭނޭ މުހިންމު އަދި ޙައްސާސީ މައްސަލައެކެވެ.

"ٱلسَّلَامُ عَلَيْكُمْ" މިއީ އިސްލާމީ ސަލާމުގެ އެންމެ ކުޑަ މިންވަރެވެ. "ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ" މިއީ މެދު މިންވަރެވެ. އަދި "ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ" މިއީ ސަލާމުގެ އެންމެ ފުރިހަމަ މިންވަރެވެ. ހަމަ އެފަދައިން ސަލާމުގެ ޖަވާބުވެސް މި ތިން ދަރަޖައަށް ބެހިގެންވެއެވެ. މި ރިވެތި ސަލާމުން ސަލާމް ކުރުމަށާއި ގޮވުމަށް އަޅުގަނޑުމެން ސަމާލުކަން ދޭންވާނެއެވެ. އަދި އަޅުގަނޑުމެންގެ ދަރީންނަށް މިކަން ދަސްކޮށްދީ އެކުދިންގެ ކަށީގައި މި އާދަ ހިފުވަން މަސައްކަތް ކުރަންވާނެއެވެ.