މަރަކީ އަހަރެމެންގެ ކަރުގެ މައިނާރަށްވުރެ އަހަރެމެންނާ ކައިރީގައިވާ އެއްޗެކެވެ. މިއީ އަހަރެމެން އެކަމަކަށް އަބަދުމެ ތައްޔާރުވެ ތިބެންޖެހޭނޭ ކަމެކެވެ. ދުނިޔޭގައި އިންސާނުން މަރުވަނީ ހަމަ އެކަނި ބަލިވެގެންނެއް ނޫނެވެ. މުސްކުޅިވެގެންނެއްވެސް ނޫނެވެ. ކުއްލި މަރުތަކަކީވެސް އިންސާނުންނާ ކުރިމަތިވާ ކަންކަމެވެ. އެހެންކަމުން އަބަދުވެސް އަހަރެމެން މަރަށް ތައްޔާރުވާން ޖެހޭނެއެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. ﴿185﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ. މާނައީ: ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. (އަލް އިމްރާން 185 ވަނަ އާޔަތް)

މަރުގެ ވަގުތަކީވެސް އަހަރެމެންނަަށް އެނގޭނޭ އެއްޗެއް ނޫނެވެ. ކުޅިވަރާ މަޖަލުގައި ތިއްބާ މަރުވެފައި ވަނީ ކިތައް މީހުންތޯއެވެ. ހުފަވެންތަކެއް ދެކި، އެތައް ފޮނި އުންމީދުތަކެއް ކުރަމުން ގޮސްގޮސްތިއްބާ މަރުވަނީ ކިތަައް މީހުންތޯއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ ﴿34﴾ إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ. މާނައީ: ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. (ލުޤްމާން 34 ވަނަ އާޔަތް)

މަރުގެ ވަގުތަކީ ލިޔުއްވާފައިވާ އެއްޗެކެވެ. ކޮންމެ އިންސާނަކު އުފަންވާއިރު، އެ އިންސާނަކު މަރުގަންނަވާނޭ ވަގުތުވެސް ވަނީ ކަނޑަ އަޅުއްވާފައެވެ. އެ ވަގުތު އައިސް ވަނުމުން، ލަހެއް ފަހެއް ނުވެ، އެ މީހެއްގެ ފުރާނަ ހިއްޕަވާނެތެވެ. އެކަމަށް އިޝާރާތް ކުރައްވާ މާތް ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ﴿10﴾ وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ. މާނައީ: އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި أجل އަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ صدقات ކޮށް، صالح އަޅުންގެ ތެރެއިން ވާހުށީމެވެ. (އަލް މުނާފިޤޫން 10 ވަނަ އާޔަތް)

މަރުގެ ވަގުތު އަހަރެމެންނަށް އެނގިގެން ނުވުމާއި، އެ ވަގުތު އައިސް ވަނުމުން، ލަސްނުވެ އެކަން ވެގެން ދާނޭ ކަމާއި އަދި ކޮންމެ ނަފްސަކީ މަރުގެ ރަހަ ދެކޭނޭ ނަފްސެއްކަން އަހަރެމެން ގަބޫލު ކުރަމުއެވެ. ވީހިނދު، އަހަރެމެންނީ އަބަދުވެސް މަރަށް ތައްޔާރުވެފައިވާ ބަޔަކު ކަމުގައި ވުން ވަރަށްވެސް މުހިންމެވެ. ހެޔޮ ނިމުމެއް ލިބިއްޖެ މީހާ ކާމިޔާބުވާ ހުއްޓެވެ!