އިންސާނާ ދުނިޔޭގައި އުޅޭއިރު، އަބަދުވެސް ކޮންމެވެސް ހުވަފެނެއްގައި ހަގީގީ ކުލަ ޖެހޭތޯ ވަރަށް ބުރަކޮށް މަސައްކަތް ކުރާނެއެވެ. އެކި މީހުން އެކި ދަރަޖަ ދަރަޖައިގައެވެ. މިކަމުގައި ކުރާ ބުރަ މަސައްކަތް ވެގެންދަނީ އުނދަގޫ އަދި ތަކުލީފު ބޮޑު މަސައްކަތަކަށެވެ. އެއީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ކަމުގައި ވީނަމަވެސް އަދި އެއީ ތައުލީމެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމުގައި ވީނަމަވެސް މެއެވެ. 

އުނދަގުލާއި ދައްޗާއި ތުރާލަކީ އިންސާނާ މާ ގަޔާވާ ކަންކަމެއް ނޫނެވެ. ބައެއްފަހަރު އެކަންކަމުގެ ސަބަބުން އިންސާނާ ބައެއްކަންތައްތައް މަތިން ފޫހިވެ، އެކަންކަމުގައި ކުރަމުން އައި ހިތްވަރު ދޫކޮށް މޮޅިވެރިކަމާއި އެކު ފަހަތަށް އެނބުރިދާތަން ފެނެއެވެ. މިފަދަ މީހުންނަށް ނުވިސްނެނީއެވެ. އިންސާނާ ހައްދަވާ އިންސާނާގެ ނަފުސުގައި މިޒާޖާއި އަހުލާގު ލެއްވި މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި އިންސާނުންނަށް ހިތްވަރު ކުރުމަށް ބާރު ދެއްވާ ބަސް ވަޙީ ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿5﴾ فَإِنَّ مَعَ الْعُسْرِ يُسْرًا 

މާނައީ: ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (އަލް އިންޝިރާޙް 5 ވަނަ އާޔަތް)

﴿6﴾ إِنَّ مَعَ الْعُسْرِ يُسْرًا 

މާނައީ: ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (އަލް އިންޝިރާޙް 6 ވަނަ އާޔަތް)

އުނދަގޫ ކަމާއެކު ފަސޭހަކަން ވާނޭކަމަށް ކީރިތި ޤުރުއާނުގެ ދެ އާޔަތެއްގައި ވިދިވިދިގެން އައިސްފައި އޮތުމުން އަހަރެމެންނަަށް ލިބެންވީ ހިތްވަރެއް ނޫންތޯއެވެ؟ މިއަށްވުރެ ވަކި މޮޅު، ކުޅަދާނަ ހިތްވަރެއް އިންސާނަކަށް ދެވޭނެތޯއެވެ؟ ވިސްނާލާށެވެ. އުންމީދެއް އޮވެމެ، ހުފަނެއް ދެކި، އެކަމުގެ މަންޒިލަށް ވާސިލް ވުމަށް ކުރާ ކޮންމެ މަސައްކަތެއްގައި ދައްޗާއި އުނދަގޫ ކުރިމަތިވާނެއެވެ. އެފަދަ ކޮންމެ ދަނޑިވަޅަކީ މާޔޫސްކަމާއެކު ފަހަތަށް އެނބުރޭ ވަގުތަކަށް ހަދައިގެން ނުވާނެއެވެ. އިންސާނުން ހެއްދެވި، އިންސާނުންނަން ކަންކަން ފަހިކޮށްދެއްވާ އިލާހު ކީރިތި ޤުރުއާނުގައި މި ވަނީ އުނދަގުލާއި އެކު މަސައްކަތް ކޮށްފި އަޅަކަށް ކާމިޔާބު ދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައި އެވާ ފަސޭހަކަން ނިސްބަތް ކުރެވެނީ ދެ ހާލަތަކަށެވެ. އެއީ ދުނިޔެމަތީގައި އެމީހަކަށް ލިބޭ ކާމިޔާބީއާއި ފަސޭހަތަކެވެ. އަދި އެއީ އާޚިރުގައި އޭނާއަށް ލިބޭ ހެވާއި ލުޔާއި ފަސޭހަތަކެވެ.

ކޮންމެއަކަސް މި ދެ އާޔަތުން އަހަރެމެން އިންސާނުން ހިތްވަރު ލިބިގަންނާށެވެ. އުނދަގޫވަގުތު ތަކުގައި ކެތްކުރާށެވެ. ހިތްވަރު ކުރާށެވެ. މަސައްކަތް ކުރާށެވެ. މާތް ﷲ އިރާދަފުޅާއި އެކު، ކާމިޔާބާއި ފަސޭހަކަމާއި ލުއިކަން އޮތީ މާ ދުރުގައެއް ނޫނެވެ. ދުޢާ އަކީ އަހަރެމެން އެންމެންނީ ބުރަކޮށް މަސައްކަތްކޮށް އުނދަގޫތަކާއި ދަތިތަކުގައި ސާބިތުވެ ކުރިއަށް ހިނގާ ބަޔަކު ކަމުގައި ލެއްވުމެވެ.