އުޑުގައި ވާރޭ ވިލާ އުފެދި އެ ވިލާތަކުން ވާރޭ ވެހި ދުނިޔޭގެ ބިމަށް ފިނިކަމާއި ދިރުން ލިބިގެންދާ ދިއުމަކީ އަޖައިބެއްކަހަލަ ކަމެކެވެ. މިއީ އިލާހީ ގާނޫނުގެ ތެރެއިން ތަރުތީބުވެގެން ހިނގާ ދުނިޔޭގެ އާދަތަކެވެ. ސައިންސުވެރިންނާއި ދިރާސާވެރިން ދަނީ މި ކަންކަމާއިމެދު އެކި ގޮތްގޮތަށް ދިރާސާކޮށް އެކި އެކި ހޯދުންތައް ހޯދަމުންނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ވާރޭ ވެހޭގޮތުގެ ހުލާސާއެއް ބަޔާންކޮށްދެއްވާފައެވެ. އެ އިލާހު ކީރިތި ޤުރުއާނުގައި ވަޚީ ކުރައްވާފައި ވަނީ މިފަދައިންނެވެ.

﴿57﴾ وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَّيِّتٍ فَأَنزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِن كُلِّ الثَّمَرَاتِ ۚ كَذَٰلِكَ نُخْرِجُ الْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ 

މާނައީ: އަދި އެކަލާނގެ رحمة ގެ ކުރިޔަށް، (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبر އެއްގެ ގޮތުގައި، ވައިރޯޅިތައް ފޮނުއްވަނީ އެކަލާނގެއެވެ. އަދި އެ ރޯޅިތައް، ފެނުން ބަރުވެފައިވާ ވިލާގަނޑެއް އުފުލައިގަތުމުން، މަރުވެފައިވާ ރަށަކަށް ތިމަންރަސްކަލާނގެ އެ ވިލާގަނޑު ފޮނުއްވަމެވެ. ދެން އެއިން ފެންވެއްސަވައި، ހުރިހާ ބާވަތެއްގެ މޭވާއިން ގަސް ފަޅުއްވަމެވެ. މަރުވެފައިވާ މީހުން (އަލުން ދިރުއްވައި) ނެރުއްވާހުށީ، ހަމައެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ. (އަލް ޢަޢްރާފް 57 ވަނަ އާޔަތް)

މި އާޔަތުން އެނގޭ ގޮތުގައި އާންމު އުސޫލެއްގެ ގޮތުން ވިއްސާރަ ވިލާގަނޑެއް އައުމުގެ ކުރިން ވައި ޖެހޭ ގޮތް މެދުވެރި ވެއެވެ. އަދި މިއީ ރަޙްމަތެއް ކަމުގައްޔާއި އުފާވެރި ހަބަރެއް ކަމުގައި އައިސްފައި އޮތުމުން ދޭހަވަނީ އެ ވައިގެ ސަބަބުން، ވިއްސާރައިން ހިޔާވުމާއި، ނުވަތަ ވިއްސާރައިން ވާރޭ ފެން ނެގުމަށް އިންސާނާ އަށް ތައްޔާރުވުމުގެ ފުރުސަތު ދެއްވާ ކަމެވެ. 

މީގެ އިތުރުން މި އާޔަތުން އެނގޭ އަނެއް ކަމަކީ ވިއްސާރަ ވިލާ ތަކަކީ ބަރު ވިލާ ތަކެއް ކަމެވެ. އަދި އެ ވިލާ ތަކުގައި ވަނީ ފެން ކަމެވެ. އުޑުގައި ވިއްސާރަ ވިލާތައް ދައުރު ކުރަނީ ޖެހޭ ވަޔާއި އެކުގާ ކަމެވެ. އަދި އެ ވިލާތަކުން ވެހޭ ވާރޭގެ (ފެނުގެ) ސަބަބުން ބިންތަކަށް ދިރުން ލިބޭ ކަމެވެ. އާރޯ ކަމާއި ތާޒާކަން ލިބި ތަފާތު މީރު ކެއުންތައް އެ ބިމުން އުފަންވެގެން ދާނޭ ކަމެވެ.

މި އާޔަތުގެ އެއްމެ ފަހުބައިގައި މާތް ﷲ ވަޙީ ކުރައްވަނީ އަލުންދިރުއްވުމާއި ބެހޭގޮތުންނެވެ. އެގޮތުން އިސްވެ ބަޔާންވެގެންވާ ވާރޭ ވިލާގަނޑާއި އެ ވިލާގަނޑުން ވެހޭ ވާރޭގެ ސަބަބުން މަރުވެފައިވާ ބިންތަކަށް ދިރުން ލިބޭ ފަދައިން ނުވަތަ އެ މިސާލުން މަރުވެފައިވާ އިންސާނާވެސް މާތް ﷲ އަލުން ދިރުއްވާނޭކަން މި އާޔަތުން އެނގެއެވެ. ކޮންމެއަކަސް ކީރިތި ޤުރުއާނުގެ މިފަދަ ކޮންމެ އާޔަތަކުންވެސް ފެނިގެންދަނީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއި އެ އިލާހުގެ ފަޟްލަވަންތަކަމެވެ.