"ޝައުބާން މަހުގައި ހެޔޮއަމަލު ކުރުން" މި މައުޟޫޢަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. ޚުތުބާގައި ބުނީ ޝައުބާން މަހަކީ އެތައް ގޮތަކުން ޚާއްސަ މައްސަރެއް ކަމަށެވެ.

މިއީ ރޯދަމަހަށް ތައްޔާރުވަމުން އަންނަ މައްސަރަކަށް ވުމުން ޝައުބާން މަހުގެ ހަނދު ފެނުމާއެކު ހެޔޮ އަމަލުތައް ކޮންމެ މުސްލިމެއްގެވެސް ހިތަށް ވަންނަ ކަމަށެވެ. މިއީ ރަމަޟާން މަހު އަޅުކަމުގައި މަޝްއޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަހަރުމެންގެ ލޮބުވެތި މާތް ނަބިއްޔާ މިކަމުން ޖައްސަވާފައިވާ މިސާލު ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެއީ ޝައުބާން މަހަށްވުރެ ގިނައިން މާތް ރަސޫލާ އެހެން މަހެއްގައި (ސުންނަތް) ރޯދަ ނުހިފާކަމަށް އޮންނަ ބަސްފުޅުގެ މިސާލެވެ.

އެއްވެސް މީހަކަށް އެމީހެއްގެ އަޖަލު ހަމަވާނެ އިރެއް ނޭނގޭނެކަން ފާހަގަކޮށް ޚުތުބާގައި ވަނީ "ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައެވެ. ގިނަގިނައިން ހެޔޮ އަމަލުކުރުމަކީ ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް ﷲ އަހަރުމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށް ބުނެފައެވެ.

މިފަދަ ބަރަކާތްތެރި މައްސަރެއްގައި މާތް ނަބިއްޔާ އަހަރުމެންނަށް ނަމޫނާ ދައްކަވާފައިވާގޮތަށް ހެޔޮ އަމަލުކުރުންމަތީ ދެމިތިބުން މުހިންމުކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ރޯދަމަހަށް ތައްޔާރުވަމުންދާއިރު ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ގަޟާކުރަން ޖެހިފައިވާނަމަ އެ ރޯދައެއް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ރަމަޟާންމަހުގެ އަޅުކަމަށް ވަގުތު ދެވޭގޮތަށް ވަގުތުތައް ރާވާލުމަށް ނަސޭހަތްތެރިވެފައިވެއެވެ.