ރަހިމުގެ ގުޅުން ކެނޑުމަކީ ދުނިޔެމަތީގައިވެސް އޭގެ އުގޫބާތް ލިބޭނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

"ރަހިމުގެ ގުޅުން ދެމެހެއްޓުން" މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންނަށް އިހްސާންތެރިވުން ކަމަށާއި، އެމީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލުއަލުވާލު ބަލައި، އެމީހުންނަށް ހެޔޮ ފޯރުވުން ކަމަށެވެ. އަދި އެމީހުންނަށް ޒިޔާރަތް ކުރެވެން ނެތް ހާލަތެއްގައި މިއަދު ފޯނުން ގުޅައި ހާލުއަހުވާލު ބަލައި އަދި މުނާސަބަތުތަކުގައި ތަހުނިޔާ ބަދަލުކުރެވިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ބައެއް މީހުންނަށް އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހިމުގެ ގޮތުން ގުޅިފައިވާ މީހުންނަކީ ކޮބައިކަން ނޭނގިދާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއް މީހުންނަށް އެއީ ކޮން ބައެއްކަން އެނގުނުކަމުގައި ވިޔަސް އެމީހުންނަށް ޒިޔާރަތްކުރުމާއި ބަލިވުމުން ގޮވައިލަންދިޔުން އެމީހުންގެ ދަރިންނަށް މަނާކުރާ ކަމަށެވެ. މިއީ މައިންބަފައިން އެމީހުންގެ ދަރީންނަށް ރަހިމުގެ ގުޅުން ކެނޑުމަށް ގޮވައިލާ ގޮވައިލުމެއްގެ ގޮތުގައި ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ، ރިޒުގު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާނެ ކަމެއް ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށެވެ. އެއީ ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބޭނެ ކަމެއް ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ފާފަ ފުއްސަވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަހިމު ގުޅުން ދެމެހެއްޓުމަކީ މާތް ﷲ ގެ ހަސްރަތާ ތިމާ ކުއްތަންކޮށްދޭނޭ ހެޔޮ އަމަލެއް ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.